ދުނިޔެ
ދުނިޔޭގެ އެންމެ ބޮޑު ދާރުލްއާސާރު، "ދަ ގްރޭންޑް އިޖިޕްޝަން މިއުޒިއަމް" މިޞްރުގައި ހުޅުވައިފި
ދަ ގްރޭންޑް އިޖިޕްޝަން މިއުޒިއަމް
1.2 ބިލިއަން ޑޮލަރު ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ، އެއް ޙަޟާރަތަކަށް ޚާއްޞަކޮށްފައިވާ ދުނިޔޭގެ އެންމެ ބޮޑު ދާރުލްއާސާރު، "ދަ ގްރޭންޑް އިޖިޕްޝަން މިއުޒިއަމް" (ޖީ.އީ.އެމް) މިޞްރުގައި ވަރަށް ކުލަގަދަކޮށް ހުޅުވައިފިއެވެ. މި ދާރުލްއާސާރު ހުޅުވުމުގެ ރަސްމިއްޔާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބޮޑެތި ވެރިން ބައިވެރިވެވަޑައިގެންފައިވާއިރު، މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އަލްސީސީ މި ދާރުލްއާސާރު ހުޅުވުން ސިފަކުރެއްވީ އެ ޤައުމުގެ ތާރީޚުގެ އައު ބާބެއްގެ ގޮތުގައެވެ.
މިޞްރުގެ ވެރިރަށް ޤާހިރާގައި ބޭއްވުނު މި ބޮޑު ރަސްމިއްޔާތުގައި ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޮލްޓަރ ސްޓީންމަޔަރ އާއި ނެދަލެންޑްސްގެ ބޮޑުވަޒީރު ޑިކް ޝޫފްއާއި ހަންގަރީގެ ރައީސް ވިކްޓޯ އޯބަންއާއި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއާއި ކޮންގޯގެ ރައީސް ފީލިކްސް ޝިސެކެޑީގެ އިތުރުން އޮމާންއާއި ބަހްރައިންގެ ވަލީއަޚުދުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ދަ ގްރޭންޑް އިޖިޕްޝަން މިއުޒިއަމް ތަރައްޤީކުރުމަށް އެންމެ ފުރަތަމަ ހުށަހަޅާފައި ވަނީ 1992 ވަނަ އަހަރުގެ ތެރޭގައެވެ. އެ މަޝްރޫޢުގެ މަސައްކަތް ފަށައިގެންފައި ވަނީ 2005 ވަނަ އަހަރުގައެވެ. ނަމަވެސް، މަޝްރޫޢު ކުރިއަށް ގެންދިޔުމުގައި މާލީ ގޮތުން ބޮޑެތި ހުރަސްތަކާ ކުރިމަތިލާން ޖެހި، ސިޔާސީ ހަލަބޮލިކަމާއި ކޯވިޑް-19ގެ ސަބަބުން ވެސް މަސައްކަތަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.
މިއީ އާކިއޮލޮޖީ ދާއިރާއަށް ޚާއްޞަކޮށް، އަދި އެއް ޙަޟާރާތަށް ޚާއްޞަކޮށް މިހާތަނަށް ހުޅުވާފައިވާ އެންމެ ބޮޑު ދާރުލްއާސާރެވެ. 500،000 އަކަމީޓަރުގެ ބޮޑު ސަރަޙައްދެއްގައި ތަރައްޤީކޮށްފައިވާ މި ދާރުލްއާސާރުގައި މިޞްރުގެ 7,000 އަހަރު ދުވަހުގެ ތާރީޚު ދައްކުވައިދޭ 100،000އަށްވުރެ ގިނަ އާޓިފެކްޓް ހިމަނާފައިވެއެވެ. މި ތަކެތީގެ ތެރޭގައި ފިރުއައުނު ޒަމާނާއި މިޞްރުގައި ރޯމަނުންނާއި ގުރީކުން ވެރިކަންކުރި ޒަމާނުގެ ސާމާނު ވެސް ހިމެނެއެވެ.
ޖަޕާނުގެ ލޯނު އެހީތެރިކަމާއެކު ތަރައްޤީކޮށްފައިވާ މި ދާރުލްއާސާރު ފަރުމާކޮށްފައި ވަނީ އަޔަލެންޑުގެ ކުންފުންޏެއް ކަމަށްވާ ހެނެގަން ޕެންގ އާކިޓެކްޓުންނެވެ. ޤާހިރާގެ ރަމްސީސް ސްކުއެއަރގައި ކުރިން ބަހައްޓާފައި ހުރި ރަމްސީސް II ފިރުއައުނުގެ 11 މީޓަރުގެ ބުދު ވެސް ވަނީ މި އައު ދާރުލްއާސާރަށް ބަދަލުކޮށްފައެވެ.
ދާރުލްއާސާރުގައި ބަހައްޓާފައިވާ ތަކެތީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބައެއް ތަކެއްޗަކީ، މިޞްރުގައި ވެރިކަންކުރެއްވި ޚޫފޫ ރަސްގެފާނުގެ 4,500 އަހަރު ކުރީގެ ބައެއް ސާމާނެވެ. މީގެ އިތުރުން، މިޞްރުގެ ކުރީގެ ޒުވާން ރަސްގެފާނެއް ކަމަށްވާ ޓުޓަންޚަމުންގެ ހަޒާނާތައް ވެސް އައު ދާރުލްއާސާރުގައި ވަނީ ބަހައްޓާފައެވެ. ޓުޓަންޚަމުންއަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުގައި 5,000އަށްވުރެ ގިނަ އާޓިފެކްޓް ހިމެނޭއިރު އޭގެ ތެރޭގައި ރަނުން ޖަރީކޮށްފައިވާ މާސްކުތަކާއި ތަހުތާއި ގަހަނާއާއި ހަތިޔާރު ހިމެނެއެވެ. މިއީ 1922 ވަނަ އަހަރު އިނގިރޭސިވިލާތުގެ އާކިއޮލޮޖިސްޓެއް ކަމަށްވާ ހޮވާޑް ކާޓާރ، ޓުޓަންޚަމުންގެ ހަޒާނާތައް ހޯދި ފަހުން މި ތަކެތި އެއް ތަނެއްގައި ފުރަތަމަ ފަހަރަށް އަތުރާ ދައްކައިލާ ފަހަރެވެ.
މި ދާރުލްއާސާރަކީ ފަހުގެ ތާރީޚެއްގައި މިޞްރުން ކޮށްފައިވާ އެންމެ ބޮޑު ތަރިކައާ ގުޅުންހުރި އިންވެސްޓްމެންޓެވެ. މި ދާރުލްއާސާރާއެކު މިޞްރުގެ ފަތުރުވެރިކަން ކުރިއަރައި، އަހަރަކު 8 މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އެ ޤައުމުން އުންމީދުކުރެއެވެ.