ސައިންސް

ލޮލުގެ ފެނުން ރަނގަޅުކޮށް ސާފުކުރުމަކީ ޞިއްޙަތަށް މުހިންމު ފިޔަވަޅެއް

ލޮލުގެ ފެނުން ރަނގަޅުކޮށް ސާފުކުރުމަކީ ޞިއްޙަތަށް މުހިންމު ފިޔަވަޅެއް

ލޮލުގެ ޑޮކްޓަރެއް--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

02 ނޮވެމްބަރު 2025، 04:52

02 ނޮވެމްބަރު 2025، 04:52

ލޮލަކީ މުޅި ދުނިޔެއާއި ކާއިނާތުގެ ރީތިކަން އަހަރެމެންނަށް ދައްކުވައިދޭ އަގުނުކުރެވޭނެ ނިޢުމަތެކެވެ. ރަނގަޅު ފެނުމަކީ ދިރިއުޅުމުގެ ކޮންމެ ޙަރަކާތެއްވެސް ފަސޭހަކޮށްދޭ ކަމެކެވެ. ނަމަވެސް، ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅިއާއި އެކި ސަބަބުތަކާހުރެ އެތައް ބަޔަކަށް ލޮލުގެ ފެނުމުގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. މި ލިޔުމުގައި، ލޮލުގެ ފެނުން ގޯސްވާ ސަބަބުތަކާއި، އެކަމުން ދުރުހެލިވުމަށް ކުރެވޭނެ ކަންކަމާއި، ފެނުން ރަނގަޅުކޮށް ސާފުކުރުމަށް ކުރެވިދާނެ ގޮތްތަކާއި، ބޭނުންކުރެވިދާނެ ކާނާގެ ބާވަތްތަކާއި، އަދި ދުރުހެލިވާންޖެހޭ ކަންކަމުގެ މައްޗަށް އަލިއަޅުވައިލާނަމެވެ.

ލޮލުގެ ފެނުން ގޮސްވާ ސަބަބުތައް

ލޮލުގެ ފެނުން ގޯސްވުމަކީ، އެކި އުމުރުގެ މީހުންނަށް ދިމާވާ މައްސަލައެކެވެ. މިކަމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޑިޖިޓަލް ސްކްރީންތައް ގިނައިރު ބޭނުންކުރުން ހިމެނެއެވެ. އެގޮތުން، ކޮމްޕިއުޓަރާއި ފޯނު، ޓެބްލެޓް ފަދަ ތަކެތި ބޭނުންކުރުމަކީ ލޮލަށް ބުރަބޮޑުވާ ކަމެކެވެ. މިއީ 'ކޮމްޕިއުޓަރ ވިޝަން ސިންޑްރޯމް' ނުވަތަ 'ޖިޓަލް އައި ސްޓްރެއިން' ގެ ނަމުންވެސް މަޝްހޫރުވެފައިވާ ކަމެކެވެ. ހަމަ އެހެންމެ، ކުޑަ އަކުރުތައް ކިޔުން ނުވަތަ ކުޑަކުޑަ އެއްޗެހި ގިނައިރު ބަލައިގެން މަސައްކަތް ކުރުމަކީ ލޮލަށް ބުރަބޮޑުވެ، ލޮލަށް ލޮޅުން އަރުވައި ފެނުން ދަށްކުރާ ކަންކަމެވެ.

މީގެ އިތުރުން، ކުޑަ އަލިކަމެއްގައި ނުވަތަ ގޯސް ޕޮޒިޝަނެއްގައި އިދެގެން ފޮތް ކިޔުމަކީވެސް ލޮލަށް ގެއްލުންވާ ކަމެކެވެ. އަދި ލޮލަށް ބޭނުންވާ ވިޓަމިންތަކާއި މިނެރަލްގެ ބާވަތް ނުލިބުމަކީ ފެނުން ގޯސްވުމުގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެއެވެ. ހަމަ މިއާއެކު، އުމުރުން ދުވަސްވުމުން ލޮލުގެ ފެނުން ޢާންމުކޮށް ދައްވާއިރު، ޕްރެސްބައިއޯޕިއާ، ކެޓަރެކްޓްސް، ގްލޯކޯމާ އަދި މެކިއުލަރ ޑިޖެނެރޭޝަން ފަދަ ބަލިތަކާ ކުރިމަތިވެއެވެ. އަދި ޑައިބެޓީސް ފަދަ ބަލިތަކާއި ލޭމައްޗަށް ދިއުން ފަދަ ޞިއްޙީ ބަލިތަކަކީ ވެސް ލޮލުގެ ފެނުމަށް ނޭދެވޭ އަސަރު ފޯރުވާފާނެ ކަންކަމެވެ.

ފެނުން ގޯސްވުމުން ދުރުހެލިވާނެ ގޮތްތައް

ލޮލުގެ ފެނުން ދަށްވުމުން ދުރުހެލިވުމަށްޓަކައި ބައެއް ކަންކަން ކުރުން މުހިންމެވެ. އެގޮތުން، ގިނައިރު ޑިޖިޓަލް ސްކްރީންތަކަށް ބަލައިގެން އުޅޭނަމަ، "20-20-20" ޤަވާއިދު ބޭނުންކުރުން އެދެވިގެންވެއެވެ. އެއީ ކޮންމެ 20 މިނިޓަކުން 20 ފޫޓު ދުރުގައިވާ އެއްޗަކަށް 20 ސިކުންތުވަންދެން ބަލައިލުމެވެ. މީގެ އިތުރުން، ނޭދެވޭ އަލިކަމުން ދުރުހެލިވުން ވެސް މުހިންމެވެ. އެގޮތުން، ކޮމްޕިއުޓަރ ބޭނުންކުރާނަމަ ސްކްރީންގެ އަލިކަން ތަނާ ހަމަކޮށް، ގިނައިރު އަނދިރިކޮށް ނުވަތަ ގަދަ އަލިކަމެއްގައި ނޫޅުން ހިމެނެއެވެ.

މީގެ އިތުރުން، ލޮލަށް ހިތްހަމަޖެހުން ދިނުމަށް، ލޯ ފޮހެހަދަން ބޭނުންކުރާ ފޮތިކޮށް ސާފުކޮށް، ގިނައިރު ޑިޖިޓަލް ސްކްރީން ބޭނުންކުރުމަށްފަހު ލޮލަށް ހިތްހަމަޖެހުމަށް މަސައްކަތްކުރުން އެދެވިގެންވެއެވެ. އަދި ލޮލަށް ރައްކާތެރިކަން ދިނުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. އެގޮތުން، ބޭރަށް ނިކުންނައިރު ޔޫވީ ރޭސްއިން ރައްކާތެރިވާ އަވިއައިނު ބޭނުންކުރުމާއި، ނުރައްކާތެރި މަސައްކަތްކުރާއިރު ލޮލަށް ރައްކާތެރިކަން ލިބޭ ގޮތަށް ހެޔޮވަރުގެ އަންނައުނު ނުވަތަ ގޮގްލްސް ބޭނުންކުރުން ހިމެނެއެވެ.

ލޮލުގެ ފެނުން ސާފުކުރުމަށް ކުރެވޭނެ ކަންކަން

ލޮލުގެ ފެނުން ރަނގަޅުކުރުމަކީ ހަމައެކަނި ބޭސްފަރުވާއިން ލިބޭ ކަމެއް ނޫނެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމާއި، ރަނގަޅު ކާނާ ބޭނުންކުރުން ވެސް މުހިންމެވެ. ލޮލަށް ކަސްރަތު ދިނުމަކީ ފެނުން ރަނގަޅުކުރުމަށް އެހީތެރިވާނެ ކަމެކެވެ. އެގޮތުން، ލޯ މައްޗަށް، ތިރިއަށް، ދެފަރާތަށް އަދި ކަނބަޅީގެ ބައްޓަމަށް މަޑުމަޑުން އަނބުރާލުން ފަދަ ކަސްރަތުތައް ކުރެވިދާނެއެވެ. ހަމަ އެހެންމެ، "ޕާމިންގް" ކުރުމަކީ ވެސް ލޮލަށް ހިތްހަމަޖެހުން ލިބިގަންނަން އެހީތެރިވެދޭނެ ކަމެކެވެ. އަތްތިލަ ދެފަރާތަށް އުނގުޅައި ހޫނުކޮށްލުމަށްފަހު، ލޯމަތީގައި މަޑުމަޑުން ބާއްވާލުމުން ލޮލުގެ ވަރުބަލިކަން ކުޑަވެއެވެ.

ބޭނުންކުރަން ރަނގަޅު ކާނާ

ލޮލުގެ ޞިއްޙަތު ރަނގަޅުކުރުމަށްޓަކައި ވަކި ބާވަތްތަކުގެ ކާނާ ބޭނުންކުރުން މުހިންމެވެ. ވިޓަމިން-އޭ އަކީ ލޮލުގެ ފެނުމަށް ވަރަށް މުހިންމު ވިޓަމިނެކެވެ. ކެރެޓު، މިރުސް، ކާފޫރު ތޮޅި އަދި ފަތްޕިލާވެލީގައި މި ވިޓަމިން ގިނަ އަދަދަކަށް އެކުލެވެއެވެ. ހަމަ އެހެންމެ، ވިޓަމިން-ސީ އަކީ ވެސް ލޮލަށް ފައިދާހުރި ވިޓަމިނެކެވެ. ކުނާރި، އޮރެންޖް އަދި ސްޓްރޯބެރީ ފަދަ މޭވާތަކުން މި ވިޓަމިން ލިބޭނެއެވެ.

މީގެ އިތުރުން، ވިޓަމިން-އީ ލިބެން ހުންނަ ބާވަތްތަކުގެ ތެރޭގައި ބަދަން، ސަންފްލާވަރ ސީޑްސް އަދި އެވޮކާޑޯ ހިމެނެއެވެ. އަދި ޒިންކް ހުންނަ ކާނާ، މިސާލަކަށް ކަނޑުމަސް، ކުކުޅު އަދި ބަދަން ވެސް ލޮލުގެ ސިއްޙަތަށް ފައިދާކުރެއެވެ. ހަމަ މިއާއެކު، އޮމެގާ-3 ފެޓީ އެސިޑްސް އަކީ ވެސް ލޮލަށް ވަރަށް ބޭނުންތެރި މާއްދާއެކެވެ. އެގޮތުން، ތެޔޮ މަސް (ސަލްމަން، ޓޫނާ، މެކަރެލް) އަދި ފިޝް އޮއިލް އަކީ އޮމެގާ-3 ގިނަ ކާނާއެވެ. އަދި ފަތްޕިލާވެލި (ފަންކީ، ކެލެކަލު ފަދަ) އަދި ބިހުގައި ގިނަ އަދަދަކަށް ލޫޓީން އާއި ޒީޒެންތިން އެކުލެވޭތީ، މިއީ ވެސް ލޮލުގެ ފެނުން ރަނގަޅުކުރުމަށް އެހީތެރިވާ ކާނާއެވެ.

ލޮލުގެ ފެނުމަކީ އަހަރެމެންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ އަގުހުރި ނިޢުމަތަކަށްވާއިރު، ލޮލުގެ ފެނުން ދަށްވުމުން ދުރުހެލިވުމަށާއި، ފެނުން ރަނގަޅުކޮށް ސާފުކުރުމަށްޓަކައި، ކެއުންބުއިމުގެ އާދަތަކަށް ބަދަލު ގެނައުމާއި، ލޮލަށް ކަސްރަތު ދިނުމާއި، ޑިޖިޓަލް ސްކްރީން ބޭނުންކުރުމުގައި މެދުނުކެނޑި ބުރަކޮށް ނޫޅުމަކީ މުހިންމު ކަންކަމެވެ. މީގެ އިތުރުން، ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލުމާއި، ލޮލަށް ލިބޭ ގެއްލުންތަކުން ދުރުހެލިވުމަކީ ލޮލުގެ ސިއްޙަތު ރަނގަޅުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅުތަކެކެވެ. ދުނިޔޭގެ ރީތިކަން ފުރިހަމައަށް ބަލައިލުމަށްޓަކައި އަބަދުވެސް ލޮލަށް ރައްކާތެރިކަން ދިނުމަށް ސަމާލުކަން ދިނުން މުހިންމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން