ޚަބަރު
ހޯނޑެއްދޫ ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ތަޖުރިބާ ހޯދުމަށްޓަކައި އެ ކައުންސިލުން އިންޑިއާއަށް
ސްމާޓް ސިޓީ މިޝަން ޓްރޭނިން ޕްރޮގްރާމްގައި ބައިވެރިވުމަށް ސިޓީ މިނިސްޓްރީގެ ވަފުދެއް އިންޑިއާއަށް ފުރައިފި---ފޮޓޯ: ހޯޑެއްދޫ ކައުންސިލު
ގދ. ހޯނޑެއްދޫ ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ފަށާފައިވާ "ސްމާޓް ހޯޑެއްދޫ" މަޝްރޫޢަށް ތަޖުރިބާ ހޯދުމަށްޓަކައި އެ ކައުންސިލުގެ މެމްބަރުން އަވަށްޓެރި އިންޑިއާއަށް ވަޑައިގެންފިއެވެ. ހޯޑެއްދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި ދަތުރުގެ ހުރިހާ ޚަރަދެއް ހަމަޖައްސާނީ އިންޑިއާ ސަރުކާރުންނެވެ.
ހޯނޑެއްދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މާދަމާ ފަށާ ސްމާޓް ސިޓީ މިޝަން ޓްރޭނިން ޕްރޮގްރާމްގައި އެ ޓީމުން ބައިވެރިވާނެއެވެ. މިއީ އިންޑިއާގެ ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަނެންސްއިން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިޔަށް ދާނީ މި މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ވަފުދުގައި އިސްކޮށް ހަރަކާތެރި ވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިންނެވެ. އެގޮތުން ހޯޑެއްދޫ ކައުންސިލްގެ 5 މެންބަރުންނާއި އެ ކައުންސިލްގައި އިދާރީ މަސައްކަތް ކުރާ 5 މުވައްޒަފުން މި ޕްރޮގްރާމުގައި ބައިވެރިވާނެއެވެ. މީގެ އިތުރުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ 20 ބޭފުޅަކު ވެސް މި ޕްރޮގްރާމުގައި ބައިވެރިވެއެވެ.
ހޯނޑެއްދޫ ކައުންސިލް ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންދަނީ ދުރުރާސްތާ ޕްލޭނެއްގެ ދަށުންނެވެ. އެގޮތުން މި މަޝްރޫޢަކީ 10 އަހަރު ދުވަހަށް ޕްލޭންކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ..
އެ ކައުންސިލުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައ ޢަމަލީ ތަޖުރިބާ ހޯދުމުގެ ގޮތުން އިންޑިއާގެ މުހިންމު ސިޓީއަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ދެހެރަދުންގެ ސްމާޓް ސިޓީއާއި ޗަންދިގަރްގެ ސްމާޓް ސިޓީއަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ކައުންސިލުން ހާމަކުރެއެވެ. އަދި ނިއުދެއްލީ މުނިސިޕަލް ކައުންސިލާއި ނިއުދެއްލީގައި ހުންނަ ވާލްޑް ޓްރޭޑް ޓަވަރަށް ވެސް ވަފުދުން ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
ސްމާޓް ހޯނޑެއްދޫ މަޝްރޫއުގެ ދަށުން ކައުންސިލުން ދޭ ހުރިހާ ޚިދުމަތްތަކަށް އެދުމާއި، ފައިސާ ދެއްކުން އޮންލައިންކޮށް ކުރިޔަށް ގެންދެވޭނެއެވެ. މީގެ އިތުރުން ޝަކުވާ ހުށަހެޅޭނެ "ވާރުގެ" ސާވިސް ޕޯޓަލް މި އަހަރުގެ ޑިސެމްބަރު މަހުގައި ލޯންޗުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކައުންސިލުން ހާމަކޮށްފައި ވެއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 14 ގައި ސްމާޓް ހޯނޑެއްދޫ ޕްރޮޖެކްޓާ ގުޅޭގޮތުން ހޯނޑެއްދޫ ކައުންސިލުން އިންޑިއާ އެމްބަސީއާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވިއެވެ. މި ބައްދަލުވުމުގައި ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫއުއަށް އިންޑިއާ އެމްބަސީން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި އެ ކަމަށް ބޭނުންވާ ޢަމަލީ ތަޖުރިބާ އަދި ޓެކްނިކަލް އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.