ރިޕޯޓް

ނަޞްރުގެ ދުވަސް: ދިވެހި ތާރީޚުގެ ޞަފުޙާތަކުގެ ތެރެއިން

ނަޞްރުގެ ދުވަސް: ދިވެހި ތާރީޚުގެ ޞަފުޙާތަކުގެ ތެރެއިން

ނޮވެންބަރު 3ގެ ޢުދުވާނީ ޙަމަލާގައި ސިފައިންގޭ ފާރުން ފޫދުއްވާލި ތަންކޮޅުގައި ހަދާފައިވާ ހަނދާނީ މޮނިޔުމެންޓު.

03 ނޮވެމްބަރު 2025، 08:16

އަހަރަކީ މީލާދުން 1988އެވެ. ދުވަހަކީ ނޮވެންބަރު މަހުގެ 3ވަނަ ދުވަހެވެ. ފުރަމާލޭގެ ޖައްވުގައި ފެތުރިފައި އެ ވަނީ ރެއިގަނޑުގެ ކަޅު އަނދިރިކަމެވެ. އެ ހަމަހިމެއިން އުދަރެހުގައި ފަޖުރުލުމަށް ގާތްވަމުންދާއިރު، މާލޭގެ މުވާޠިނުން އެ ތިބީ ފޮނިމީރު ނިދީގައެވެ.

މާލޭގެ އަހުލުވެރީންގެ ގަދަނިދީން ހޭލައްވައި، މުޅި ރަށުތެރެއަށް ސިހުން ގެނުވީ، ބަޑި ބުރާސްފަތީގެ އަޑުތަކުންނެވެ. މާލޭގެ މަގުތަކުގައި މި އަޑުތައް ގުގުމަމުންދާއިރު، ނިދިމޯޅި ނުފިލާ ރައްޔިތުން އެ ތިބީ، ވީ ކިއެއްތޯ ނޭނގިފައެވެ. މި އަޑުތަކުގެ ޙަޤީޤަތާ މެދު އެކި ވާހަކަތައް ދެކެވޭން ފެށިނަމަވެސް، ކަން ވެގެންދިޔައީ މީހުން ހީކުރި ގޮތަށް ވުރެން މާ ބިރުވެރި ބީދައަކަށެވެ. އެ ދުވަހަކީ ފަހުގެ ތާރީޚެއްގައި މި މަޙަލްދީބާ ކުރިމަތިވި އެންމެ ނާމާން ދުވަހޭ ބުނުމުން ދޮގަކަށެއް ނުވާނެއެވެ. އެ ދުވަސް ދުށް މީހުންގެ ހިތްތަކުން އެ ހަނދާންތައް ދުވަހަކު ފިލައި ނުދާނެއެވެ.

ވެގެން މި އުޅެނީ ކިހިނެއް؟

ސިއްރިއްޔާތުގައި މާލެ އަރައިގެން އުޅޭ ސަރަންދީބުގެ ތަމަޅަ ޖަމާޢަތުން މަސައްކަތް ކުރަމުންދަނީ ހަމަ އެންމެ މަޤުޞަދެއް ޙާޞިލުކުރުމަށެވެ. އެ މީހުންގެ ބޭނުމަކީ ދިވެހީންގެ މިނިވަންކަން ބޮލަށް ގޮންޖަހައި، ދިވެހި ސަރުކާރު ވައްޓާލުމެވެ. އަޅުވެތިކަމުގެ ތެރެއަށް ދިވެހީން އަލުން ގެންގޮސް، މި ދިވެހި ފަސްގަނޑުގައި ބޭރު ބަޔެއްގެ ވެރިކަން ހިންގުމެވެ. މި ރޭވުން ކާމިޔާބުކުރުމަކީ ނުހަނު ފަސޭހަ ކަމެއް ކަމުގައި އެ މީހުން ތިބީ ޤަބޫލުކޮށްގެންނެވެ. ދިވެހީންނަކީ ކޮން ބައެއްކަން އެއިރު އެ މީހުންނަށް ނޭނގެނީތާއެވެ.

3 ނޮވެންބަރު 1988ގައި ރާއްޖެ އައި "ޕްލޯޓް" ނަމަކަށް ކިޔާ ތަމަޅަ ޖަމާޢަތުގެ 80 ވަރަކަށް މީހުން މާލޭ ފަޅުތެރެއަށް ވަނީ، އެއިރު އަލަށް ތަރައްޤީކުރަމުންދިޔަ ބޮޑު ފާލަމާ ދިމައިންނެވެ. އެ ޖަމާޢަތުން ދަތުރުކުރި ދެ ބޯޓުގެ ހުންގާނުގައި ތިބީ މި ދިވެހި ވަޠަނަށް އުފަން ދެ މީހުންނެވެ. އެއީ ހެންވެއިރު ހާޖަރާގޭ ޢަބްދުﷲ ލުޠުފީ އާއި އައްޑުއަތޮޅު ހިތަދޫ ޕެރިސްހޮލިޑޭ ސަގަރު އަޙްމަދު ނާޞިރެވެ.

ހާރުދަމު މާލޭ ބަނދަރަށް ލެފުމަށްފަހު އެ ޖަމާޢަތުން ބައިތަކަކަށް ބެހިގަތެވެ. އެއް ބަޔަކު ދިޔައީ ސިފައިންގެ ބަންޑާރަކޮއްޓާ ދިމައަށެވެ. އަނެއް ބަޔެއްގެ މިސްރާބަކީ ރައީސް ދިރިއުޅުއްވި ތީމުގެއެވެ. އަނެއް ބަޔަކު އަމާޒުކުރީ މުވާޞަލާތީ ޚިދުމަތްދޭ ޢިމާރާތްތަކާއި، ސަރުކާރު މުއައްސަސާތަކުގެ މައްޗަށް ވެެރިވެގަތުމަށެވެ.

ބަންޑާރަކޮށީ ކުރިމަތިލުން

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު، ނޭޝަނަލް ސެކިޔުރިޓީ ސަރވިސް (މިހާރުގެ ނަމުން ނަމަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް)ގެ މައި މަރުކަޒު ކަމުގައިވާ ބަންޑާރަކޮއްޓަށް ޙަމަލާދިނުމަކީ، ޢަދުއްވުންގެ ރޭވުމުގެ ފުރަތަމަ ފިޔަވައްސެވެ. މި ކަން އެންމެ ފުރިހަމައަށް ތަންފީޛުކުރުމަށްޓަކައި، ނޮވްނެބަރު 3ގެ ކުރީން 2 ފަހަރަކު މަތީން މާލެ އައިސް، އެ މީހުން ތިބީ ބަންޑާރަކޮށީގެ ޗާޓު ފުރިހަމައަށް ދަސްކޮށް، ދުރާލައި އެ ކަމަށް ތައްޔާރުވެގެންނެވެ.

ރޭވުމާ އެއްގޮތަށް، ނޮވެންބަރު 3ގައި މާލެ އަރައި، ބަންޑާރަކޮށީގެ 3 ދިމައަކުން ޙަމަލާދިނުމަށް ޢަދުއްވުން ދިޔައީ މަސައްކަތްކުރަމުންނެވެ. އެގޮތުން، އެންމެ ފުރަތަމަ ޙަމަލާދިނީ މައި ދޮރާއްޓާވީ ފަޅިއަށެވެ. އެ ވަޤުތު އެ ދޮރާށި ގާތުގައި ސެކިޔުރިޓީއަށް ހުންނެވި އެކަކު ކަމުގައިވާ ޕްރައިވެޓް ޙުސައިން އާދަމް، ރައްދު ޙަމަލާ ދެއްވުމަށް އަވަސްވެލެއްވިއެވެ. ޢުމުރުން އެންމެ 20 އަހަރުގެ އެ ޒުވާނާގެ ޖެހިލުންކުޑަ ޢަމަލުތަކުން، ދުޝްމަނުންގެ ރޭވުންތައް އިނދަޖެހިގެން ދިޔައެވެ. އޭނާގެ ޙަމަލާދެއްވުން ކެނޑިނޭޅި ކުރިއަށްގެންދެވިޔަތީ، އެހެން ސިފައިން ޙަމަލާއަށް ތައްޔާރުވުމަށް ފުރުޞަތު ލިބިގެން ދިޔައެވެ. އޭނާގެ އެންމެ ފަހު ވިންދާ ހަމައަށް ވެސް މަސައްކަތްކުރެއްވީ، ދިވެހީންގެ މިނިވަންކަން ޙިމާޔަތްކުރެއްވުމަށެވެ. ޝަހީދެއްގެ ގޮތުގައި އޭނާ މި ދުނިޔެއާ ވަކިވެގެން ދިޔައީ، އެންމެހައި ދިވެހީންގެ ނިޔާބަތުގައި މި ލޮބުވެތި ވަޠަން ދިފާޢުކުރައްވާފައެވެ.

ދެން ވީ ކިހިނެއް؟

ޢަދުއްވުން ބަންޑާރަކޮއްޓަށް ޙަމަލާދޭން ކަނޑައަޅައިގެން ތިބި ތަންތަނަކީ މައި ދޮރާއްޓާއި، އެއިރުގެ ފުލުސް އިދާރާ ދޮރާއްޓާއި، މަގުމަތީ ފާރުގެ ހުޅަނގުދެކުނު ކަނެވެ. މި ތިން ތަން ގޮއްވާލައިގެން ސިފައިންގޭ ތެރެއަށް ވަދެގަތުމަކީ އެ މީހުންގެ ރޭވުމެވެ. އެހެނަސް، ދިވެހި ސިފައިންގެ ހިތްވަރުގަދަ މަސައްކަތުން، މާތް ﷲގެ އިރާފަދުޅާއެކު، އެއިން އެއްވެސް ދިމައަކުން ޢަދުއްވުންނަށް ވަދެވޭގޮތެއް ނުވިއެވެ.

ދިވެހި ސިފައިން ދިން ރައްދު ޙަމަލާތަކުގައި، ޕްލޯޓް ޖަމާޢަތުގެ އޮޕަރޭޝަން ކޮމާންޑަރަކަށް ހުރި ވަސަންތީ އާއި އޭނާގެ އެހީތެރިޔާ ޖޫލީ މަރާލިއެވެ. އަދި ހަމައެހެންމެ، އެ ޖަމާޢަތުގެ އެކްސްޕްލޯސިވް އެކްސްޕަރޓް ކަމުގައިވީ އައްޕި ވެސް، ދިވެހި ސިފައިންގެ ޙަމަލާއެއްގައި ނެތިކޮށްލިއެވެ. މި ތިން މީހުން މަރުވުން ވެގެންދިޔައީ، ޢަދުއްވުންނަށް ބިރުވެރިކަން ގެނުވި ކަމަކަށެވެ. ތަމަޅައިންގެ އެންމެ އިސް މީހުން ވައްޓާލުމުން، ރޭވުން ތަންފީޛުކުރުމުގައި އެ މީހުންނަށް ދަތިތައް ދިޔައީ ކުރިމަތިވަމުންނެވެ.

ވަސަންތީ މަރާލާފައި.

ހަދާނޭ ގޮތް ނޭނގިފައި ތިބި އެ ޙާލަތުގައި، ޢަދުއްވުން ރޭވީ ފިސަހަރި ނުލަފާ ޙީލަތެއް ބޭނުންކުރުމަށެވެ. އެ މީހުން ނިންމީ، މާލޭ ފަޅުގައި ހުރި އޮޑިތަކުން މީހުން ބާލުވައި، އައްޑަނަތަކަކަށް ހެދުމަށެވެ. ބިރުދައްކައިގެން އޮޑިފަހަރުން މީހުން ބާލުވައި، ކަނީރުހިނގުމުގައި ބައިތިއްބައި، އެ މީހުންގެ ނިވަލުގައި ތިބެ ޢަދުއްވުން ސިފައިންގެއަށް ޙަމަލާދިނުމަށް އަނެއްކާ ވެސް މިއޮތް ފެށީއެވެ. މި ގޮތަށް ކަންކުރުމުން، ރައްދު ޙަމަލާ ދިނުމަށް ދިވެހި ސިފައިންނަށް ވަރަށް އުނދަގޫ ވެގެން ދިޔައެވެ.

އަމާނެއް ނުދޭނަން!

އިސްވެ ދެންނެވުނު ގޮތުގައި ދުޝްމަނުން މެދުކެނޑުމެއްނެތި ޙަމަލާދެމުން ދިޔައިރު، ސިފައިންގޭ ތެރޭގައި އެންމެ އިސްކޮށް ހުންނެވީ އެއިރު މޭޖަރ ރޭންކުގައި ހުންނެވި މުޙައްމަދު ޒާހިރެވެ. އެ މަނިކުފާނާ އެންމެ ގާތުން މަސައްކަތްކުރައްވަމުން ގެންދެވީ ލެފްޓިނެންޓް މޫސާ ޢަލީ ޖަލީލެވެ. ފަހުން އެ މަނިކުފާނު ވަނީ ދިވެހި ޢަސްކަރިއްޔާގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމާއި، ދިފާޢީ ވަޒީރުކަމުގެ މަޤާމު ވެސް ފުރުއްވާފައެވެ. ޒާހިރުގެ އިރުޝާދުތަކަށް ސިފައިން ކިޔަމަންވަމުން ދިޔައީ އެންމެ ފުރިހަމަ ގޮތުގައެވެ. އެއިރު ރާއްޖެއިން ބޭރުން ޢަސްކަރީ ތަމްރީން ހައްދަވައިގެން ތިއްބެވި ބެއިކަލުން މަދުވުމުގެ ސަބަބުން، ޢަދުއްވުންގެ ޙަމަލާތަކާ ދެކޮޅަށް މުޤާވަމާކުރުން މަތީ ދެމިތިބުމަކީ ފަސޭހަ ކަމަކަށް ނުވިއެވެ. ނަމަވެސް، ދިވެހި ސިފައިންގެ ޢަޒުމަކަށްވީ، ހިތްވަރު އެލުވައިނުލައްވައި، ވާޖިބު އަދާކުރެއްވުމުގައި ދެމިތިއްބެވުމެވެ.

ވާތް ފަރާތުގައި: މުޙައްމަދު ޒާހިރު. ކަނާތް ފަރާތުގައި: މޫސާ ޢަލީ ޖަލީލް
ވާތް ފަރާތުގައި: މުޙައްމަދު ޒާހިރު. ކަނާތް ފަރާތުގައި: މޫސާ ޢަލީ ޖަލީލް

އޮޕަރޭޝަން ބަޑިގުދަން

ނޮވެންބަރު 3ގައި ދިވެހި ސިފައިން ކުރެއްވި ޤައުމީ ޖިހާދުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ސިފައިންގެއިން ބޭރުގައި ތިއްބެވި ދެ ބެއިކަލުން ކުރެއްވި ވަރަށް ޚާއްޞަ މަސައްކަތެކެވެ. އެ މަސައްކަތަކީ، ބަންޑާރަކޮށީ ބަޑިގުދަނުގެ އެތެރޭ ކޮލަރުގެ ތަޅުދަނޑި، ސިފައިންގެ ވެރިޔާގެ ނާއިބު ދިރިއުޅުއްވަމުން ގެންދެވި މައްޗަންގޮޅީ ކިނބިގަސްދޮށުގޭގައި އޮތްވައި ނަގައިގެން ގެންގޮސް، ބަންޑާރަކޮށީ ދެކުނު ފާރުމަތީން ސިފައިންގޭ ތެރެއަށް އެއްލައި، ބަޑިގުދަން ހުޅުވޭނޭގޮތް ފަހިކޮށްދިނުމެވެ. މި ނުރައްކައުތެރި ނަމަވެސް މުހިންމު މަސައްކަތް އަދާކުރެއްވީ އެއިރުގެ ކޯޕްރަލް އިބްރާހީމް މުޙައްމަދު ދީދީ އާއި ކޯޕްރަލް ފަރުޙަތު ޝަހީރެވެ. ތަޅުދަނޑި އެއްލެވީ ކޯޕްރަލް އިބްރާހީމް މުޙައްމަދު ދީދީއެވެ. އެއީ ފަހުން ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހީމް މުޙައްމަދު ދީދީއެވެ.

ވާތް ފަރާތުގައި: އިބްރާހީމް މުޙައްމަދު ދީދީ. ކަނާތް ފަރާތުގައި: ފަރުޙަތު ޝަހީރު.

ލުޠުފީ އާއި ނާޞިރުގެ ވަޑާން

ތަމަޅައިންގެ ބަޔަކު ބަންޑާރަކޮށްޓަށް ޙަމަލާދެމުން ދިޔައިރު، ލުޠުފީ އާއި ނާޞިރު ކުރަމުން ގެންދިޔައީ ތަފާތު އެހެން މަސައްކަތެކެވެ. ލުޠުފީ ފުރަތަމަ ދިޔައީ އެއިރުގެ ދިފާޢީ ވަޒީރު އިލްޔާސް އުޅުއްވާ ކިނިބިގަސްދޮށުގެއަށެވެ. އެއަށްފަހު، އެއިރުގެ އަތޮޅުތަކާބެހޭ ވަޒީރު ޢަބްދުﷲ ޙަމީދު ދިރިއުޅުއްވަމުން ގެންދެވި މިނާޒަށެވެ. އަދި ނާޞިރު މިސްރާބު ޖެހީ ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ތީމުގެއާ ދިމައަށެވެ.

ލުޠުފީއަށް ދެ ވަޒީރުން ކުރެން އެއް ބޭފުޅަކު ވެސް އަތަކު ނުޖެހުނެވެ. އެ ވަޤުތު، ނާޞިރު ތީމުގޭދޮށަށް ގޮސް، އޭނާގެ އަޢުވާނުންނަށް ބަޑި ޖެހުމަށް އަންގައިފިއެވެ. އެ މީހުން ބަޑިޖަހަމުން ގެންދިޔައިރު، ރައީސް މައުމޫން ރާއްޖޭގައި ނެތް ކަމަށް މަޢުލޫމާތުލިބިފައިވިއެވެ. ނަމަވެސް، އެ މީހުންނަށް އެ ކަން ނޭނގުނަސް، ރައީސް އެއިރު ހުންނެވީ ހަމަ ތީމުގޭ އެތެރޭގައެވެ.

ދެން ފަޖުރުލައި އިރުއަރާން ގާތްވެފައިވަނިކޮށް، ރައީސް މައުމޫން ތީމުގެއިން ނުކުމެވަޑައިގެން ވަޑައިގަތީ މާާފަންނު ގުލިސްތާނުގެއަށެވެ. އަރިހުގައި އަނބިކަނބަލުން ނަޞްރީނާ އިބްރާހީމާއި އެއިރު ޢުމުރުފުޅުން އެންމެ 8 އަހަރުގެ ޣައްސާން މައުމޫން ވަޑައިގަތެވެ. މި ކަން ކުރެއްވީ ސިފައިންގެ ބެއިކަލުންގެ އެހީތެރިކަމާއެކުގައެވެ.

ލުޠުފީއަށް ވަޒީރުން އަތުނުވުމުން، އޭނާ ދެން މަސައްކަތްކުރީ މުވާޞަލާތީ ނިޡާމަށް ބުރޫއެރުވުމަށެވެ. މި ގޮތުން، ޕޯސްޓް އޮފީސް ދޮށަށް ގޮސް، ތަމަޅައިން ލައްވާ އެ ތަނުގެ ދޮރަށް ބަޑި ޖެއްސާން ފަށައިފިއެވެ. އެ ދޮރު ހަލާކުނުވުމުން، ރޭޑިޔޯގެ ޚިދުމަތާ ބެހޭން މަސައްކަތްކުރިއެވެ. އަދި އިންޖީނުގޭގެ އިންޖީނުތައް ވެސް ނިއްވާން އަމުރުދިނެވެ.

ޢަދުއްވުން ގޮތްހުސްވުން

ބަންޑާރަކޮށީގެ ޙަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ. ނަމަވެސް ހަނގުރާމައިގެ މި ޙިސާބުން ދިވެހި ސިފައިން ދެއްކެވީ ކެރުންތެރިކަމުގެ އެންމެ ފުރިހަމަ ނަމޫނާއެވެ. އެއީ، ޢަދުއްވުންގެ ވަޒަންތައް ވައިގެ ތެރެއަށް ޖަހަޖަހައި ތިއްބައި، ސިފައިންގޭ ތެރެއިން ފައިމަގުގައި ނުކުތުމެވެ. ދުޝްމަނުންގެ ޙަމަލާތަކުގެ ސަބަބުން އެތެރޭ ގޭޓު ތާށިވެފައި ހުރުމުން، ސިފައިން އެ ދުވަހު ބަންޑާރަކޮށީން ނުކުތީ ފައިމަގުގައި، ހިނގާފައެވެ. ފުލުސް އިދާރާ ދޮރާށީން ފައިމަގުގައި ނުކުތް 11 ސިފައިންގެ ތެރެއިން 3 ބެއިކަލަކު ޝަހީދުވިއެވެ. އެ ބެއިކަލުން ނުކުންނެވީ، އެ ކަމުގެ ބިރުވެރިކަން ފުރިހަމައަށް ދަނެތިއްބަވައިމެއެވެ. ނުކުންނަވަމުން އެންމެ ފަހުގެ ވަޞިއްޔަތަކަށް އެންގެވީ ވެސް ތަމަޅައިންނަށް އަމާން ނުދިނުމަށެވެ. ކެތްތެރިކަމާއެކު އެ މީހުންނަށް ރައްދުދިނުމުގައި ދެމިތިބުމަށެވެ. ކޮންމެއަކަށް އޭގެ ތެރެއިން ދިރިތިއްބެވި ބެއިކަލުން ސިފައިންގެއަށް ވަންނަވައި، ޙަމަލާތަކުގެ ތަފްޞީލުތައް އެހެން ސިފައިންނަށް ފޯރުކޮށްދެއްވިއެވެ.

ހަތިޔާރާއެކު ސިފައިން ބަންޑާރަކޮށީން ނުކުތްތަން ފެނުމުން، ޢަދުއްވުން އެ މީހުންގެ ޙަމަލާތައް އިތުރަށް ވަރުގަދަކުރިއެވެ. ނަމަވެސް ސިފައިންގެ ޢަޒުމަށް ގުޑުންއަރުވައިނުލެވުމުން، ޢަދުއްވުންގެ ހިތްތަކަށް މާތް ﷲ ބިރުވެރިކަން ވެއްދެވިއެވެ. ދިވެހީންނަކީ ކޮން ބައެއްކަން މިހާރު އެ މީހުންނަށް ފައުޅުވެއްޖެއެވެ. ދިވެހީންގެ ޙުއްބުލްވަޠަން މިހާރު އެ މީހުންނަށް އެނގިއްޖެއެވެ.

ނޮވެންބަރު 3ގައި ބަންޑާރަކޮށީ ފާރުން ފޫދުއްވާލި ތަންކޮޅު

ކިތަންމެ ވަރަކަށް ސިފައިންގެ ފާރުތައް ފޫއަޅުވައިލިޔަސް، ދިވެހީންގެ ވަރުގަދަ ޢަޒުމު ފޫއަޅުވާނުލެވޭނޭކަން ވިސްނުމުން، ޢަދުއްވުން ނިންމީ ރާއްޖެ ދޫކޮށް ފިލުމަށެވެ. މި ބޭނުމުގައި، މާލޭގައި ބަނދަރުކޮށްފައި އޮތް ޕްރޮގްރެސްލައިޓް ނަމަކަށް ކިޔާ އާގުބޯޓެއް ހިފައި، ލުޠުފީ އެ ބޯޓަށް އެރިއެވެ. ލުޠުފީ ބޯޓަށް އަރަމުން ނާޞިރަށް ފޮނުވީ، އަތުލައިގަންނާންޖެހޭ މީހުންގެ ލިސްޓު ހިމެނޭ ނޯޓެކެވެ.

ލުޠުފީގެ ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން ނާޞިރަށް އަތުލައިގަނެވުނީ އެންމެ 2 ބޭފުޅުންނެވެ. އެއީ އެއިރުގެ ދަތުރުފަތުރާބެހޭ ވަޒީރު އަޙުމަދު މުޖުތަބާގެ އިތުރުން މައްޗަންގޮޅީ ބޯގަންވިލާ އިސްމާޢީލް ނަޞީރެވެ. މުޖުތަބާ އަތުލައިގަތްއިރު، އެ މަނިކުފާނުގެ އަނބިކަނބަލުން ވެސް އަތުލައިގަތެވެ. ދެން ނާޞިރު ރަހީނުކުރި 2 ބޭފުޅުންނާއި، އަދި އިތުރު 11 ރަހީނުން ގެނެސް ބޯޓަށް އެރުވިއެވެ. އެއަށްފަހު އެ ރެއި 10ޖަހާކަށްހައިއިރު ބޯޓު ފުރީ، ލުޠުފީގެ އަމުރަށް ޖާވާއާ ދިމައަށެވެ.

ރައީސުލްޖުމްހޫރިއްޔާ މައުމޫން

މާލޭގައި މި އެންމެހައި ކަންކަން ހިނގަމުން ދިޔައިރު، ރައީސް މައުމޫން ސިފައިންނާ ގުޅުއްވައި، ހަނގުރާމައިގެ އަދާހަމަ މަޢުލޫމާތު ހޯއްދަވަމުން ގެންދެވިއެވެ. އަދި އަވައްޓެެރި ޤައުމުތަކުގެ މަދަދުވެރިކަމަށް އެދިވަޑައިގަތުމަށް ހިތްފުޅަށް އަރާވަޑައިގެން، މި ކަން ކުރެއްވުމަށްމެ އަވަސްވެވަޑައިގެންނެވިއެވެ. މި ގޮތުން، ސްރީ ލަންކާއާއި، ޕާކިސްތާނާއި، ސިންގަޕޫރުގެ ކިބައިން ރައީސް މައުމޫން އެހީތެރިކަމަށް އެދިވަޑައިގަތުމުން، މި ތިން ޤައުމުން ބުނީ، ރާއްޖެއަށް އެހީތެރިވެވޭ ވަރުގެ ޢަސްކަރީ ފެންވަރު ނެތް ކަމުގައެވެ. ދެން ރައީސުލްޖުމްހޫރިއްޔާ ގުޅުއްވީ އެމެރިކާއަށެވެ. އެމެރިކާއިން ބުނީ، ރާއްޖެއާ އެންމެ ކައިރި އެމެރިކާ ޢަސްކަރީ މަރުކަޒުން ވެސް، ރާއްޖެ އައުމަށް ދެތީން ދުވަސް ހޭދަވާނޭ ކަމުގައެވެ. އެމެރިކާއަށްފަހު ރައީސް މައުމޫން އެހީތެރިކަމު އެދިވަޑައިގަތީ އިނގިރޭސިވިލާތުގެ ސަރުކާރު ކުރެންނެވެ. އިނގިރޭސިވިލާތުން ލަފާދިނީ، އިންޑިޔާއާ ގުޅުމަށެވެ.

އިންޑިޔާގެ މަދަދުވެރިކަން

ރައީސް އަލްއުސްތާޛު މައުމޫނުގެ އެދިވަޑައިގަތުމުގެ ދަށުން، އިންޑިޔާ ސަރުކާރުން ދިވެހީންނަށް މަދަދުވެރިވުމަށް އެއްބަސްވިއެވެ. އޮޕަރޭޝަން ކެކްޓަސްގެ ނަމުގައި އޮޕަރޭޝަނެއް ފަށައި، އިންޑިޔާ ސިފައިން ހަމަ އެ ރެއިން އެ ރެއަށް ހުޅުލެއަށް ޖެއްސިއެވެ.

އިންޑިޔާ ސިފައިން ވެދެެއްވި އެހީތެރިކަމުގެ ސަބަބުން، މާލެތެރެ ހަމައަކަށް އެޅި، ރައްކައުތެެރިކަން ކަށަވަރުވެގެން ދިޔައެވެ. އަދި ދިވެހީންގެ ބަޔަކު ރަހީނުކޮށްގެން ޢަދުއްވުން ފިލާން ކުރި މަސައްކަތަށް ހުރަސް އަޅައި، ރަހީނުން ސަލާމަތްކޮށް، ކުށްވެރީން އަތުލައިތުމުގައި ވެސް އިންޑިޔާ ސިފައިންގެ ދައުރު ވަރަށް ބޮޑެވެ.

މި ކަމުގެ ތަފްޞީލަށް ބަލައިލާއިރު، އޮޕަރޭޝަން ކެކްޓަސްގައި އިންޑިޔާ ސިފައިން އިސްތިޢުމާލުކުރި 3 މަނަވަރުގެ ތެރެއިން އެންމެ ބޮޑު މަނަވަރު ކަމުގައިވާ އައި.އެން.އެސް. ގޯދާވަރީގައި ދިވެހި ސިފައިންގެ އިސް 4 ބެއިކަލަކު ތިއްބަވައިގެން ޖޮއިންޓް އޮޕަރޭޝަނެއްގެ ގޮތުގައި މަސައްކަތްކުރެވުނެވެ. މި މަސައްކަތުގެ ދަށުން، ގޯދާވަރީ ދަތުރުކުރީ، ލުޠުފީމެންގެ ބޯޓާ ދިމައަށެވެ.

ގޯދާވަރީއަށް ލުޠުފީގެ ލަޝްކަރާ އަރައިހަމަކުރެވޭވަރުވީ، ނޮވެންބަރު މަހުގެ 5ވަނަ ދުވަހުގެ މެންދުރެއްހައިއިރުގައެވެ. ގޯދާވަރީ ގާތްވުމުން ލުޠުފީމެންނަށް ހާސްކަންގެނުވައި، ދެ ޖަމާޢަތް ދެމެދުގައި ވާހަކަދެއްކުމަށް ނިންމިއެވެ. މި ގޮތުން، ލުޠުފީގެ އަމުރުގެ ދަށުން، ޢަދުއްވުން ތަމްޘީލުކޮށް ވާހަކަދެއްކެވީ މުޖުތަބާއެވެ. އަދި މަނަވަރުގެ ފަރާތުން ވާހަކަދެއްކެވީ މޭޖަރ އަޙްމަދު ޒާހިރެވެ.

ލުޠުފީގެ ޑިމާންޑަކަށްވީ ލުޠުފީމެންގެ ބޯޓާ ފެޔަށްވާ ގޮތަށް މަނަވަރު 5 މޭލަށް ދުރަށް ޖެހުމެވެ. ނަމަވެސް މި އެދުމަށް ފަރުވާލެއްނުދީ، މަނަވަރުން ގެންދިޔައީ ލުޠުފީމެންނާ އިތުރަށް ގާތްވެވޭތޯ މަސައްކަތްކުރަމުންނެވެ.

އެ ޙިސާބުން ލުޠުފީ ރަތަށް އަރައި، 2 މޭލަށް ވުރެން ކައިރިވެއްޖިއްޔާ ރަހީނުން ޤަތުލުކުރާނޭކަމަށް ބުނެ ބިރުދައްކާން ފެށިއެވެ. ދެން މަނަވަރު މޭލެއްހައިތަނަށް ކައިރިވުމުން، ރަހީނަކު ކަމުގައިވީ ހެންވެއިރު މެރިހަނާ ޢަބްދުއްސައްތާރު އާދަމް ނަގައި، ބުރިޖުމައްޗަށްލައި ޝަހީދުކޮށްލައިފިއެވެ. އެއަށްފަހު، ލައިފްބޯއި އަޅުވާފައި މާކަނޑުތެރެއަށް ދޫކޮށްލައިފިއެވެ.

އެއިރު ލުޠުފީމެންގެ ބޯޓު ރާއްޖޭގެ އިމުގެ ސަރަޙައްދުން ނުކުތުމާ އޮތީ ނުހަނު ގާތްވެފައެވެ. އެހެންވުމުން، މަނަވަރުގައި ތިއްބެވި ސިފައިން އެންގެވީ، ބޯޓު ނުހުއްޓައިފިނަމަ ޙަމަލާދޭން ފަށާނޭކަމަށެވެ. މިހެން އެންގުމުން ލުޠުފީމެން ކުރި ކަމަކީ، ރަހީނުންތަކެއް ބުރިޖު މައްޗަށް އަރުވައި، އައްޑަނައިގެ ގޮތުގައި ބޭނުންކުރީއެވެ. ދެން އިތުރު އެހެން ގޮތެއް ނެތިގެން، ގޯދާވަރީ މަނަވަރުން ލުޠުފީމެންގެ ބޯޓަށް ޙަމަލާދޭން ފަށައިފިއެވެ. މަނަވަރުގައި ތިބެ ބަޑީން ދިން ޙަމަލާގެ އިތުރުން، ވައިގެ މަގުން ވެސް ލުޠުފީމެނަށް ޙަމަލާދީފައިވެއެވެ. ވައިގެ މަގުން ބޯޓު ކައިރިއަށް ގޮވާތަކެތި އެޅުމުން، ބޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، އަމާންދިނުމަށް އާޚިރުގައި ޢަދުއްވުންނަށް މަޖުބޫރީވީއެވެ. އެއިރު ބޯޓުގައި ތިބި 4 ރަހީނަކު ވަނީ ޝަހީދުވެފައެވެ.

ބޯޓުގައި ތިބި ބާޣީން ނޮވެންބަރު މަހުގެ 8ވަނަ ދުވަހު މާލެ ގެނެވުނުއިރު، ޒަޚަމުވެފައި ތިބި ދިވެހީން ފޮނުވާލީ ބޭސްފަރުވާއަށް އިންޑިޔާއަށެވެ.

އިތުރު ޚިދުމަތްތައް

3 ނޮވެންބަރުގެ ޢުދުވާން ކުރިއަށްދިޔައިރު، ހަނގުރާމައިގައި ސީދާގޮތެއްގައި ބައިވެރިވެލެއްވި ސިފައިންގެ އިތުރުން، ސިފައިންގެ އެހެން ބެއިކަލުން ވެސް ވަނީ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. މި ކަންކަމުގެ ތެރޭގައި، މާލޭ ބަނދަރުގައި އޮތް ޢުމާންގެ މަނަވަރަކުން ޢަސްކަރީ މަދަދަށް އެދުމާއި، ގިރިފުއްޓަށް ގޮސް ހަތިޔާރު ގެނައުމާއި، މާލެ ތެރޭގައި ޢަދުއްވުން ކަންކުރާގޮތް މޮނީޓަރ ކުރުން ހިމެނެއެވެ. އަދި ހަމައެހެންމެ، ޒަޚަމުވެގެން މީހުންތައް ގެންދާން ފެށުމުން ހަސްފަތާލުގެ ކަންކަން ބެލެހެއްޓުމާއި، އިންޑިޔާ ސިފައިން ހުޅުލެއަށް ފޭބުމުން އެ މީހުނަށް މާލެ އާދެވޭނޭގޮތް ހަމަޖައްސައިދިނުން ފާހަގަކޮށްލެވެއެވެ. މީގެ ތެރެއިން ގިނަ ކަންކަމުގައި އިސްކޮށް އުޅުއްވީ ލެފްޓިނެންޓް އަޙްމަދު ޒާހިރެވެ. އެއީ ފަހުން ކަރނަލް ރިޓަޔަރޑް އަޙްމަދު ޒާހިރެވެ.

ބަޑި ބުރާސްފަތީގެ ޝަހީދުން

ނޮބެންބަރު 3ގެ ޢުދުވާނުގައި 8 ސިފައިންނާއި 11 ޢާންމުން ޝަހީދުވެފައިވެއެވެ. އެ ފަރާތްތަކުގެ މަޢުލޫމާތު ތިރީގައިވާ ތަޞްވީރުގައި ބަޔާންކުރެވުފައި އެ ވަނީއެވެ. އެ އެންމެހައި ޝަހީދުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުމަކީ އަޅުގަނޑުމެންގެ ދުޢާއެވެ.


މީގެ އިތުރުން، ނޮވެންބަރު 3ގައި ޖުމުލަ 39 މީހަކު ޒަޚަމުވެފައިވާއިރު، އޭގެ ތެރޭގައި 18 ސިފައިން ހިމެނިގެންވެއެވެ.

ބަޣާވަތްތެރި ޚާއިނުން

ހިތާމަވެރި ޙަޤީޤަތަކީ، ނޮވެންބަރު 3ގެ ޢުދުވާން ރާވައިހިންގުމުގެ ފަހަތުގައި ތިބީ ދިވަހި ބައެއް ކަމެވެ. އޭގެ ތެރެއިން އެންމެ އިސްކޮށް އުޅުނީ ލުޠުފީ އާއި ނާޞިރެވެ. ދިވެހި ބިމަށް އުފަންވުމުން އެއީ ދިވެހީންނޭ ކިޔުނުނަމަވެސް، އެ މީހުންގެ ޢަމަލުތަކުން ދައްކުވައިދިނީ މުޅީން ތަފާތު ކުލަވަރެކެވެ. އަމިއްލަ ޤައުމަށް ބޭވަފާތެރިވެ، އަމިއްލަ އަޚުންނަށް ޚިޔާނަތްތެރިވީ އެއްވެސް ޖެހިލުމަކާނުލައެވެ. ދިވެހީންގެ މިނިވަންކަމަށް ލޮޅުންއަރާފައިވާ ކޮންމެ ފަހަރަކުމެ އެ ކަމުގެ ފަހަތުގައި ތިބީ މި ދިވެހި ވަޠަނަށް ނިސްބަތްވާ ބަޔަކުކަމީ ވަރަށް ހިތާމަވެރި ކަމެކެވެ.

ލުޠުފީ ހައްޔަރުކުރެވިފައި
ނާޞިރު ހައްޔަރުކުރެވިފައި

ނޮވެންބަރު 3ގައި އަމިއްލަ ޤައުމަށް ޣައްދާރުވި މީހުންގެ ނަންތައް ތިރީގައި އެ ވަނީއެވެ.

ޢަބްދުالله ލުޠުފީ، ހެންވެއިރު ހާޖަރާގެ (މަރުގެ ޙުކުމް ކުރެވުނު)
އަޙްމަދު ނާޞިރު، ޕެރިސް ހޮލިޑޭ – އައްޑުއަތޮޅު ހިތަދޫ (މަރުގެ ޙުކުމް ކުރެވުނު)
ޢަބްދުالله ޝާހިދު، ޒަމާނީގެ – އައްޑުއަތޮޅު ހިތަދޫ (މަރުގެ ޙުުކުމް ކުރެވުނު)
ކަރޯ ޢައްބާސް އިބްރާހީމް، ހެންވެއިރު ކަރޯގެ (މަރުގެ ޙުކުމް ކުރެވުނު)
މުޙައްމަދު ނަޢީމު (ޕައިލެޓު ނައީމު) މާފަންނު ދުއްލިސާގެ (11 އަހަރުގެ ޖަލު ޙުކުމް ކުރެވުނު)
ސިއްކަ އަޙްމަދު އިސްމާޢީލު މަނިކު، މާފަންނު ދީފްރަމްއާގެ (15 އަހަރުގެ ޖަލު ޙުކުމް ކުރެވުނު)
ޢުމަރު ޖަމާލު، މައްޗަންގޮޅީ ތިނަދޫގެ (13 އަހަރުގެ ޖަލު ޙުކުމް ކުރެވުނު)

މަތީގައިވާ ލިސްޓުގައި މަރުގެ ޙުކުމް އިއްވިކަމަށް ލިޔެފައިވާ މީހުންގެ އަދަބު ލުއިކުރައްވައި، އެއިރުގެ ރައީސް މައުމޫން ނިންމެވީ، ޢުމުރުދުވަހުގެ ޖަލުޙުކުމަކަށް ބަދަލުކުރެއްވުމަށެވެ.

ޢިބުރަތް

1988ވަނަ އަހަރުގެ ނޮވެންބަރު 3ގައި ދިވެހީންނަށް ކުރިމަތިވި ޢުދުވާނީ ޙަމަލާގައި ދިވެހީން ދެއްކީ ހިތްވަރާއި ކެރުންތެރިކަމެވެ. އެއްބައިވަންތަކަމާއި، ވަޠަނަށްޓަކައި ފިދާވުމުގެ ރޫޙެވެ. ޚާއްޞަގޮތެއްގައި ސިފައިން ކުރެއްވި ބުރަ މަސައްކަތާއި، ޝަހީދުން އަމިއްލަ ޖާނުން ވެދެއްވި ޤުރުބާނީ ފާހަގަކުރާންޖެހެއެވެ. ދިވެހީންނަށް އެ ދުވަހު ލިބުނު ނަޞްރުގެ ހަނދުމަ މިއަދު އައުކުރާއިރު، އެ ޙާދިޘާއިން އަޅުގަނޑުމެންނަށް ލިބޭ އެތަކެއް ޢިބުރަތެއް ވެއެވެ.

ޝަހީދު ޙުސައިން އާދަމް ކުރެއްވި ޖިހާދަށް ބަލައިލަމާތޯއެވެ. ރޭންކުގެ ގޮތުން ސިފައިންގޭގެ އެންމެ ދަށު ދަރަޖަ ކަމުގައިވާ ޕްރައިވެޓް ދަރަޖައިގައި ހުންނެވި ޒުވާން ޢުމުރުގެ ޝަހީދު ޙުސައިން އާދަމަށް އެ ދުވަހު އެ ތަނުން ފިއްލެވޭން އޮތެވެ. ސިފައިންގެ ދޮރާށި ތެރެއިން އެތެރެއަށް ވެންނެވޭންމެ އޮތެވެ. ނަމަވެސް އޭނާ ބޭނުންވެލެއްވީ އެ ގޮތެއް ނޫނެވެ. އޭނާ ޚިޔާރުކުރެއްވީ، ދިވެހީންގެ ސިޔާދަތާއި އިސްތިޤުލާލު ނެގެހެއްޓެވުމަށް ހިތްވަރާއެކު މަސައްކަތްކުރެއްވުމަށެވެ. މަރުދެކި ޖެހިލުންވެނުލައްވައި، ދީނީ އަދި ޤައުމީ ވާޖިބު އަދާކުރެއްވުމުގައި ކެރުންތެރިކަމާއެކު ޘާބިތުވެ ހުންނެވުމަށެވެ. ޝަހީދު ޙުސައިން އާދަމްގެ ރޭންކު ކޯޕްރަލްއަށް މަތިކޮށް، ނަޞްރުގެ ދުވަހުގެ ޤައުމީ ބަޠަލުގެ ގޮތުގައި އޭނާ ކަނޑައެޅުނީ މި ސަބަބުތަކާހުރެއެވެ.

އޭނާގެ ހަނދާނުގައި މާލޭގައި ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ނަމުގައި ފުލުހުންގެ ހެޑްކުއަރޓަރ ހުޅުވީ، 1999ވަނަ އަހަރެވެ. އެއަށްފަހު، ވަރަށް ފަހަކުން ޝަހީދު ޙުސައިން އާދަމްގެ ހަނދާނީ މައިޒާނެއް ތިލަދުންމަތީ ކުޅުދުއްފުށީގައި ވަނީ ބިނާކޮށްފައެވެ. އަދި މިހާރު އެ ރަށުގައި އޭނާގެ ހަނދާނުގައި ބިނާކޮށްފައިވާ އައު މޮނިޔުމެންޓު މިއަދު އިފްތިތާޙުކުރެވިގެންދާނެއެވެ.

ވާތް ފަރާތުގައި: ޝަހީދު ޙުސައިން އާދަމް ބިލްޑިންގ (މާލެ). ކަނާތް ފަރާތް: ޝަހީދު ޙުސައިން އާދަމް މެމޯރިއަލް ޕާކް (ކުޅުދުއްފުށި). ތިރީގައި: މިއަދު ހުޅުވުމަށް ހަމަޖެހިފައިވާ ޝަހީދު ޙުސައިން އާދަމް ހަނދާނީ މޮނިޔުމެންޓު (ކުޅުދުއްފުށި)

ޝަހީދު ޙުސައިން އާދަމާއި ނޮވެންބަރު 3ގައި ދިވެހި ޤައުމު ދިފާޢުކުރެއްވި އެންމެހައި ބަޠަލުންގެ ޛިކުރާ އައުކުރާއިރު، އަޅުގަނޑުމެންގެ ޢަޒުމަކަށްވާންވީ އެ ބަޠަލުންގެ ލެއިން ވެދެއްވި ޤުރުބާނީގެ އަގު ފުރިހަމައަށް ވަޒަންކުރުމެވެ. މި ކަން ކުރެވޭނީ، ދިވެހި ވަޠަން ދެކި ލޯބިވެ، އަމިއްލަ ޤައުމު ދިފާޢުކުރުމުގައި ކެރިގެން ފިދާވާފަދަ ބަޔަކަށް އަޅުގަނޑުމެން ވެގެންނެވެ. ފިނޑިކަމާއި ބަލިކަށިކަން ދޫކޮށްލައި، އަޅުގަނޑުމެންގެ ބަޠަލުންގެ މަތިވެރި ތަރިކަ މަރުވެދިޔަނުދީ ދިރުވައިގެންނެވެ.


އިލާހީ މި ބިން... ކުރައްވާށި އަމާން

އަޅާގެ އުފަން... ދިވެހީންގެ މި ބިން

ތިބާ ޙަޟްރަތުން... އޮހޭ މަދަދުން

ފިލާ ނުމެދާ ދިވެހީންގެ މި ބިން

Ads by MSS

މި ލިޔުން ކިޔާލުމުން