ރިޕޯޓް

ރާއްޖޭގެ ސިއްޙީ ނިޒާމަށް އަންނަމުންދާ އިންޤިލާބީ ބޮޑު ބަދަލު!

ރާއްޖޭގެ ސިއްޙީ ނިޒާމަށް އަންނަމުންދާ އިންޤިލާބީ ބޮޑު ބަދަލު!

ހުޅުމާލެ ހޮސްޕިޓަލުގެ އާ އިމަޖެންސީ ރޫމް ރައީސް ހުޅުވައިދެއްވުން. -- ފޮޓޯ: މިހާރު

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

06 އޮކްޓޯބަރު 2026، 02:01

06 އޮކްޓޯބަރު 2026، 02:01

ދިވެހިރާއްޖޭގެ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކޮށް، އަތޮޅުތެރޭގައި ދެވޭ ސިއްޙީ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ ދަށުން ސަރުކާރުން އަންނަނީ އިންޤިލާބީ ބޮޑެތި މަޝްރޫޢުތަކެއް ހިންގަމުންނެވެ. މި ބަދަލުތަކުގެ މައިގަނޑު އަމާޒަކީ ކުދިބޮޑު އެންމެހައި ރައްޔިތުންނަށް ފަސޭހަކަމާއެކު، އަމިއްލަ ރަށުން ނުވަތަ ކައިރި ރަށަކުން ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމާއި، ސިއްޙީ ފަރުވާއަށް ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ވީހާވެސް މަދުކުރުމެވެ. މިގޮތުން، ސިއްޙީ ދާއިރާގެ އުމްރާނީ ވަސީލަތްތަކާއި، ނިޒާމީ ހިންގުމާއި، އަދި ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބޮޑެތި އިޞްލާހުތަކެއް ވަނީ ތަޢާރަފްކުރެވިފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން، އަތޮޅުތަކުގެ ސިއްޙީ ވަސީލަތްތައް ވަރުގަދަކުރުމަށްޓަކައި 5 ސަރަޙައްދެއްގައި 100 އެނދުގެ ޒަމާނީ ރީޖަނަލް ހޮސްޕިޓަލްތައް އިމާރާތްކުރުމުގެ މަސައްކަތް އަންނަނީ ހިންގަމުންނެވެ. މީގެ އިތުރުން، އެކި ރަށްރަށުގައި 30 އެނދުގެ އަތޮޅު ހޮސްޕިޓަލްތަކާއި، ސިއްޙީ މަރުކަޒުތަކުގެ އައު އިމާރާތްތައް ބިނާކުރުމުގެ މަޝްރޫޢުތައް ވަނީ ފެށިފައެވެ. މާލެ ސަރަޙައްދުގެ އިތުރުން އުތުރާއި ދެކުނުގެ މައި ސަރަޙައްދުތަކުގައި ޓާޝަރީ ފެންވަރުގެ ޚިދުމަތްތައް ދެވޭނެ އިންތިޒާމުތައް ވެސް އަންނަނީ ތަރައްޤީ ކުރަމުންނެވެ.

މިއީ މާލެއަށް ބޭސްފަރުވާއަށް އަންނަންޖެހޭ އައުން ނިމުމަކަށް ގެނައުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. އިމާރާތްތަކުގެ އިތުރުން ސިއްޙީ ނިޒާމުގެ ވަސީލަތްތަކާއި ޓެކްނޮލޮޖީއަށް ވެސް ބޮޑެތި ކުރިއެރުންތަކެއް ވަނީ އައިސްފައެވެ. އެގޮތުން، އެމްއާރުއައި ސްކޭން، ސީޓީ ސްކޭން، އަދި މެމޯގްރަފީ ފަދަ މީގެ ކުރިން މާލެއިން އެކަނި ލިބެންހުރި އެޑްވާންސްޑް މެޑިކަލް ޑައިގްނޯސްޓިކް އިކުއިޕްމަންޓްތަކާއި ޚިދުމަތްތައް މިހާރު އަތޮޅުތެރޭގެ މައި ހޮސްޕިޓަލްތަކަށް ވަނީ ތަޢާރަފްކުރެވިފައެވެ. މީގެ އިތުރުން، ގިނަ ރަށްރަށުގައި ޑައިލަސިސްގެ ޚިދުމަތް ފެށި، ލޭގެ ޚިދުމަތްތަކަށް ހާއްސަ ފެންވަރުގެ ޒަމާނީ ލެބޯޓްރީތައް ވަނީ ގާއިމުކުރެވިފައެވެ. ޚާއްޞަކޮށް، ކެންސަރު ބައްޔަށް ފަރުވާދިނުމަށް ރޭޑިއޭޝަން ޗެމްބަރުތަކާއި ޑައިގްނޯސްޓިކް ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތްވެސް ވަނީ ފެށިފައެވެ.

މިހާރު މާލެއިން ބޭރުގައި އެމްއާރުއައިގެ ޚިދުމަތް ދެމުން އަންނަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ. ސަރުކާރުން މިހާރު ތައްޔާރުވަމުން ދަނީ ދެން އެންމެ އަވަހަށް ގދ. ތިނަދޫ، ލ. ގަން އަދި ފުވައްމުލައް ސިޓީގައި މި ޚިދުމަތް ގާއިމުކުރުމަށެވެ. މިއީ މާލެއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މީގެއިތުރުން، އަތޮޅުތަކުގައި ޑައިގްނޮސްޓިކް ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ގިނަ މަޝްރޫއުތަކެއް ދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން، ފުވައްމުލައް ސިޓީ ހޮސްޕިޓަލުގައި މިހާރު ސީޓީ ސްކޭންގެ ޚިދުމަތް ފަށާފައިވާއިރު، އިތުރު 8 ރަށެއްގައި މި ޚިދުމަތް ދިނުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ. އެ ރަށްތަކަކީ ހއ. ދިއްދޫ، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ އަދި ތ. ވޭމަންޑޫގައެވެ.

ހަމައެއާއެކު، މިހާތަނަށް 17 ސިއްހީ މަރުކަޒެއްގައި އަލްޓްރާ ސައުންޑް ސްކޭންގެ ޚިދުމަތް ގާއިމުކުރެވިފައިވާއިރު، އުރަމަތީގެ ކެންސަރު ދެނެގަތުމަށް ހަދާ މެމޮގްރަފީގެ ޚިދުމަތް ފުވައްމުލަކާއި، ބ. އަތޮޅު ހޮސްޕިޓަލުގައި ވަނީ ފަށާފައެވެ. އަދި ގއ. އަތޮޅު ހޮސްޕިޓަލާއި، ހއ. އަތޮޅު ހޮސްޕިޓަލް އަދި ށ. އަތޮޅު ހޮސްޕިޓަލުގައި މި ޚިދުމަތް ފެށުމުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށެވެ.

އެކްސްރޭގެ ޚިދުމަތަށް ބަލާއިރު، މިހާރު 4 ސިއްހީ މަރުކަޒެއްގައި މި ޚިދުމަތް ގާއިމުކުރެވިފައިވާއިރު، އިތުރު 16 ސިއްހީ މަރުކަޒެއްގައި އެކްސްރޭގެ ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

މީގެ އިތުރުން، ރަށްރަށުގައި ލެބޯޓާރީގެ ޚިދުމަތްތައް ފުޅާކުރުމަށް އާބާދީ ބޮޑު ރަށްތަކުގެ އިތުރުން އާބާދީ ކުޑަ ގިނަ ރަށްތަކެއްގައި ލެބޯޓަރީގެ ޚިދުމަތް ވަނީ ފަށާފައެވެ. ލެބޯޓަރީގެ ޚިދުމަތާއެކު ޞިއްޙީ މަރުކަޒުތަކުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުވެގެން ދިޔުމަކީ، ޓެސްޓުތައް ހެދުމަށް ރައްޔިތުން ކުރަންޖެހުނު ދިގު ދަތުރުތަކަށް ނިމުމެއް އައިސް، ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވަނީ ވިދާޅުވެފައެވެ. ވަޒީރު މިހެން ވިދާޅުވީ، ށ. މަރޮށީ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައި، އެ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަށްޓަކައި އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން، މިހާތަނަށް ލެބޯޓަރީގެ ޚިދުމަތް ލިބެން ނެތް 76 ރަށެއްގައި މި ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދަމުންނެވެ. މި ސަރުކާރުން ވަނީ މިހާތަނަށް އަތޮޅުތަކުގައި 21 ލެބޯޓަރީއެއްގެ މަސައްކަތް ނިންމަވައި ޚިދުމަތްދޭން ފަށާފައެވެ.

އަބާދީ މަދުވިޔަސް، ލެބޯޓަރީ ފަދަ ޚިދުމަތްތަކީ ކޮންމެ ރަށަކަށްވެސް ބޭނުންތެރި ޚިދުމަތެކެވެ. ލެބޯޓަރީގެ ޚިދުމަތް ނެތް ރަށްރަށުގެ ރައްޔިތުން އާންމު ޓެސްޓުތައް ހެދުމަށްޓަކައި އެހެން ރަށްރަށަށް ދަތުރުކުރަން ޖެހުމަކީ ބޮޑު ތަކުލީފެކެވެ. މީގެ ކުރިން ރަށްރަށުގެ ރައްޔިތުންވެސް ކުޑަ ޓެސްޓެއް ހަދާލުމަށްޓަކައި ޖެހެނީ އަތޮޅުގެ ޚިދުމަތް ލިބޭ އެހެން ރަށަކަށް ދަތުރުކުރާށެވެ. ނަމަވެސް، މިއަދު ގިނަ ރަށްތަކެއްގައި ލެބޯޓަރީ ޤާއިމުވެގެން ދިއުމާއެކު، އަމިއްލަ ރަށުގައި ތިބެގެން ލޭގެ ޓެސްޓުތަކާއި އެހެނިހެން ޓެސްޓުތައް ހެދުމުގެ ފުރުޞަތު މިވަނީ ތަނަވަސްވެފައެވެ.

މީގެ އިތުރުން، ރައްޔިތުންނަށް ފަސޭހަކަމާއެކު އާސަންދައިގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ރާއްޖޭގެ އިތުރު 8 އަތޮޅެއްގައި އާސަންދަ 'ވިރަ' ކައުންޓަރުތައް ހުޅުވައި ޚިދުމަތް ދޭން ވަނީ ފަށާފައެވެ. މިއާއެކު، މާލެއަށް ބަރޯސާނުވެ އާސަންދައިގެ ޚިދުމަތް ލިބޭ އަތޮޅުތަކުގެ އަދަދު ވަނީ 11 އަށް އިތުރުވެފައެވެ. މި ކައުންޓަރުތައް މެދުވެރިކޮށް ބޭސްފަރުވާގެ އެހީއަށް އެދުމާއި، ކުންފުންޏާ ގުޅުންހުރި އެކި އިދާރީ މުޢާމަލާތްތައް ހިންގުމުގެ އިތުރުން، އާސަންދައިގެ ޚިދުމަތްތަކާ ގުޅޭ ފުރިހަމަ މަޢުލޫމާތު ރައްޔިތުންނަށް ލިބިގެންދާނެއެވެ. މީގެކުރިން މި ޚިދުމަތް ދެމުން އައީ މާލެ، ހުޅުމާލެ، ފ. ނިލަންދޫގެ އިތުރުން އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައެވެ.

ކައުންޓަރުތަކަށް ގޮސްގެން ޚިދުމަތް ހޯދުމުގެ އިތުރުން، ޓެކްނޮލޮޖީގެ އެހީގައި ޚިދުމަތް އަވަސްކުރުމަށް 'މައި އާސަންދަ ޕޯޓަލް' ވެސް ވަނީ ތަޢާރަފުކޮށްފައެވެ. އީފާސް މެދުވެރިކޮށް މި ޕޯޓަލްއަށް ވަދެވޭއިރު، ބޭސްފަރުވާގެ އެކި އެހީތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ބަލިމީހާގެ ފަރާތުން ކޮންމެ އެހީތެރިއަކަށްވެސް ލިބިގެންދާނެއެވެ.

މީގެ އިތުރުން، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބަލިމީހުން އަވަހަށް އުފުލުމަށްޓަކައި ރައީސް ޑރ. މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެއަރ އެމްބިއުލަންސްގެ ޚިދުމަތް ފަށައި، ކަނޑު އުޅަނދުފަހަރުގެ އެމްބިއުލަންސް ނިޒާމު ވަނީ އިތުރަށް ހަރުދަނާ ކުރެވިފައެވެ. އަދި ސިއްޙީ ނިޒާމުގެ ހިންގުން އަވަސްކޮށް، ބިއުރޯކްރެޓިކް ލަސްތައް ނައްތާލުމަށްޓަކައި އިދާރީ ގޮތުން ލާމަރުކަޒީ ބޮޑެތި އިޞްލާޙުތަކެއް ވަނީ ގެނެވިފައެވެ. މިގޮތުން، ކޮންމެ ސަރަޙައްދެއްގެ ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް ގުޅިގެން މަސައްކަތްކުރެވޭނެ ނިޒާމެއް ގާއިމުކުރެވި، ޑޮކްޓަރުންނާއި މެޑިކަލް އޮފިޝަލުންގެ ދަތިކަން ހައްލުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައެވެ.

ސިއްޙީ ދާއިރާގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމާއި، އާސަންދަ ނިޒާމު އިސްލާހުކޮށް އިސްރާފު ކުޑަކުރުމަށްޓަކައިވެސް މުހިންމު ފިޔަވަޅުތަކެއް މި ސަރުކާރުން ވަނީ އަޅާފައެވެ. މީގެ ތެރޭގައި ރާއްޖެއަށް އެތެރެކުރާ ބޭހުގެ ފެންވަރު ހިފެހެއްޓުމާއި، ބޭހުގެ އަގުތައް ކޮންޓްރޯލްކުރުން ހިމެނެއެވެ. ސަރުކާރުން ބަޖެޓުގެ ބޮޑު ބައެއް ސިއްޙީ ދާއިރާއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި އިސްލާހީ ބަދަލުތަކާއެކު، ބޭސްފަރުވާއަށް މާލެއަށް ނުވަތަ ރާއްޖޭން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ދިވެހި ސިއްޙީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުތަނުން އިތުރުވެގެންދާނެއެވެ.

މި ހުރިހާ މަޝްރޫއުތަކަކީވެސް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ރައްޔިތަކަށް ވިޔަސް، އަސާސީ އަދި ހާއްސަ ސިއްހީ ފަރުވާ ހޯދުމުގައި ލުއިފަސޭހަކަން ހޯދައިދިނުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450