ޚަބަރު
ނޮވެންބަރު 3 ސާބިތުކޮށްދެނީ ޤައުމަށާއި ދީނަށް އޮތް ލޯތްބާއި ވަފާތެރިކަން: މެޑަމް ސާޖިދާ
މެޑަމް ސާޖިދާ ނަޞްރުގެ ދުވަހުގެ ޚާއްޞަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުން/ފޮޓޯ: ރައީސް އޮފީސް
ނޮވެންބަރު 3 ސާބިތުކޮށްދެނީ ޤައުމަށާއި ދީނަށް އޮތް ލޯތްބާއި ވަފާތެރިކަންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ނަޞްރުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން އެކަމަނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވީ، ނޮވެންބަރު 3 ސާބިތު ކޮށްދެނީ ދިވެހީންގެ ކެރުމާއި ހިތްވަރާއި، ޤައުމަށާއި ދީނަށް އޮތް ލޯތްބާއި ވަފާތެރިކަން ކަމަށެވެ. ހަމަ އެހެންމެ، ޖާނާއި ލެއިން ޤުރުބާންވާން ތިބި ޢަޒުމު ވަރުގަދަ ދަރީން އަބަދު ވެސް މި ފަސްގަނޑުގައި ތިބޭނެކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ޤައުމީ ކޮންމެ ކަމެއްގައި މިއީ އީމާންތެރި އެއްބައިވަންތަ ބަޔެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

މެޑަމް ސާޖިސާގެ ޕޯސްޓު ނިންމަވާލެއްވީ، ތާއަބަދުމެ ނަޞްރާއި ނަސީބު، ފާގަތިކަމާއި ހަމަޖެހުން މި ޤައުމުގައި ދެމެހެއްޓެވުން އެދި ދުޢާ ދަންނަވަމުންނެވެ.
ނަޞްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި 7 ޚާއިނުން ބޭރުގެ ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ރާއްޖޭގެ މައްޗަށް އަތްގަދަ ކުރުމަށް ދިން ޢުދުވާނީ ޙަމަލާއިން ދިވެހިންނަށް ނަޞްރު ލިބުނު ދުވަހެވެ. މިޙަމަލާގައި 19 ދިވެހިން ޝަހީދުވިއެވެ. އެއީ ސިފައިންގެ 8 ބޭކަލުންނާއި ޢާންމު ރައްޔިތުންގެ 11 މީހުންނެވެ.