ޚަބަރު
ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް މައުމޫނަށް އަރުވައިފި
ޝަރަފުގެ ޚާއްޞަ އައްޑަނަ އެރުވުން/ފޮޓޯ: ރައީސް އޮފީސް
ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ.
ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް، ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އަރުވާފައިވަނީ މިއަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިންނެވެ.
ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނައަކީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި 7 ޚާއިނުން ބޭރުގެ ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ރާއްޖޭގެ މައްޗަށް އަތްގަދަ ކުރުމަށް ދިން ޢުދުވާނީ ޙަމަލާގައި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ކުރެއްވި ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތައް ފާހަގަކޮށް، އެމަނިކުފާނުގެ ޚިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން ދެވޭ ޚާއްޞަ އައްޑަނައެކެވެ.

ދިވެހިރާއްޖެއަށް އޭރު ކުރިމަތިވި ކުއްލި ޙަމަލާގެ ޙާލަތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ މަޤާމުގައި ހުންނަވައިގެން ރައީސް މަޢުމޫން ވަނީ، ދުޝްމަނުންގެ ޢުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލުމަށް ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކު މުހިންމު ނިންމެވުންތަކެއް ނިންމަވާފައެވެ. އެގޮތުން، ބޭރުގެ އަސްކަރިއްޔާތަކުގެ އެހީ ހޯއްދެވުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިވެހި ރައްޔިތުންގެ ޙާލު ގާތުން ބައްލަވަމުން އެމަނިކުފާނު ގެންދެވިއެވެ.
ކޮންމެ އަހަރަކުވެސް ނަޞްރުގެ ދުވަސް ފާހަގަކުރަނީ ދިވެހި 7 ޚާއިނުންނާއި ނިރުބަވެރި ޖަމާޢަތެއް ގުޅިގެން ރާއްޖެއަށް ދިން ކުއްލި ޢުދުވާނީ ޙަމަލާއިން ނަޞްރު ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. މި ހަމަލާ ދިނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުއެވެ. ތަމަޅައިންގެ ފައުޖެއް ގޮވައިގެން ބާޣީ ޢަބްދުﷲ ލުޠުފީ އިސްވެ ހިންގި މިޢުދުވާނުގައި ކުށެއް ނެތް 19 ދިވެއްސަކު ޝަހީދުކުރިއެވެ. އެއީ 11 ޢާންމުންނާއި ސިފައިންގެ 8 ބޭކަލުންނެވެ.

މި ޙަމަލާގައި ދިވެހިންނަށް ނަޞްރު ލިބުނީ، އެދުވަހު ދިވެހި ސިފައިން ދެއްކި ހިތްވަރުގަދަ ޢަޒުމާއި ކުރެއްވި އަގު މާތް ޖިހާދުގެ ސަބަބުންނެވެ.