Ads by Stelco

ޚަބަރު

ދިފާޢީ ދާއިރާ ހަރުދަނާކުރުމަށް 2.8 ބިލިއަން ރުފިޔާ, ސިފައިންނާއި ފުލުހުންގެ ވަސީލަތްތައް ތަރައްޤީކުރައްވާނަން ކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ

ދިފާޢީ ދާއިރާ ހަރުދަނާކުރުމަށް 2.8 ބިލިއަން ރުފިޔާ, ސިފައިންނާއި ފުލުހުންގެ ވަސީލަތްތައް ތަރައްޤީކުރައްވާނަން ކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 ނޮވެމްބަރު 2025، 12:14

03 ނޮވެމްބަރު 2025، 12:14

ރާއްޖޭގެ ދިފާޢީ ދާއިރާ ހަރުދަނާކޮށް، ގައުމީ ސަލާމަތް ކަށަވަރުކުރުމަށްޓަކައި، ސިފައިންނާއި ފުލުހުންގެ ޚިދުމަތާއި ތަމްރީންތަކަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް އަންނަ އަހަރުގެ ބަޖެޓުގެތެރެއިން މުހިންމު މަސައްކަތްތަކެއް ކުރައްވަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ވޭތުވެދިޔަ ދެ އަހަރުވެސް ދިފާޢީ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ. އަދި އަންނަ އަހަރަށް ބަޖެޓު ކަނޑައެޅުމުގައިވެސް ސިފައިންނާ ފުލުހުންގެ ޚިދުމަތާއި ތަމްރީންތަކަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ޚާއްސަ އިސްކަމެއް ދީފައިވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ދިފާޢީ ކަންކަން ބެލެހެއްޓުމަށް އަންނަ އަހަރަށް ސަރުކާރުން ލަފާކުރާ ބަޖެޓުގައި 2.8 ބިލިޔަން ރުފިޔާ ހިމެނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިގޮތުގައި، މާލޭގައި މިހާރު ސިފައިން ބޭނުންކުރާ ބައެއް އިމާރާތްތަކަކީ ވަރަށް ދުވަސްވެ، ބާވެފައިވާ އިމާރާތްތަކެކެވެ. އެކަންކަމަށް ޙައްލު ގެނެސްދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން، އެމަނިކުފާނު ވަނީ ތަމްރީންތައް ދިނުމަށްވެސް އެކަށީގެންވާ އިމާރާތްތަކާއި ވަސީލަތްތަކަށް ބޭނުންވެފައިވާކަން ފާހަގަކުރައްވާފައެވެ.

ކަޅުތުއްކަލާ ކޮށީގައި ސިފައިން ބޭނުންވާ އިމާރާތްތައްވެސް ދަނީ ބާވެ ވީރާނާވަމުން. އެކަން ނިމުމަކަށްގެނެސް ޙައްލު ހޯދައިދޭނަން. ދެކުނުން އައްޑޫ ސިޓީގައި ސިފައިންގެ ތަމްރީން މަރުކަޒެއް އެޅުމަށް ވަނީ ނިންމާފައި. ގިރިފުށީގައިވެސް ޓްރެނިން ސެންޓަރުގެ މަސައްކަތް މިހާރު އެވަނީ ފެށިފައި،  

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

މީގެއިތުރުން، ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްވެސް އަންނަ އަހަރުން ފެށިގެން އިތުރަށް ފުޅާކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު މި ޕްރޮގްރާމަށް 1000 ޒުވާނުންނަށް ފުރުޞަތު ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިދިޔަ އަހަރު ހުޅުވާލި 300އެއްހާ ފުރުޞަތަށްވެސް 1200އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލާފައިވާކަން ރައީސްގެ ވާހަކަފުޅުން ހާމަވިއެވެ. މިކަންކަމަކީ ދިވެހިރާއްޖޭގެ ދިފާޢީ ދާއިރާ ބިނާކޮށް، އާދައިގެ ހާލަތްތަކާއި ނުރައްކާތެރި ހާލަތްތަކުގައިވެސް ގައުމީ ސަލާމަތް ކަށަވަރުކުރުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ހެއްކެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން