ޚަބަރު
އަންނަ އަހަރުގެ ބަޖެޓު: ހިލޭ އެހީގެ ގޮތުގައި އެންމެ ބޮޑު ޢަދަދެއް އިންޑިޔާއިން!
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އަދި ދިވެހި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު.
ފަރުދުން
03 ނޮވެމްބަރު 2025، 02:43
03 ނޮވެމްބަރު 2025، 02:43
ކުރިއަށް އޮތް 2026ވަނަ އަހަރު ރާއްޖެއަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީގެ ތެރެއިން، ހިލޭ އެހީގެ ގޮތުގައި އެންމެ ބޮޑު ޢަދަދެއް ފޯރުކޮށްދޭނީ އިންޑިޔާއިން ކަމުގައި ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ބަޔާންކޮށްފައިވާ ގޮތުން، އަންނަ އަހަރަށް ލަފާކޮށްފައިވާ 64.2 ބިލިޔަން ދިވެހި ރުފިޔާގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 355 މިލިޔަން ރުފިޔާއެވެ. މި 355 މިލިޔަންގެ ތެރެއިން 7.3 މިލިޔަނަކީ އިންޑިޔާއިން ލިބޭނެ އެހީކަމަށް ބަޖެޓުގައި ވަނީ ބެލެވިފައެވެ.
ހިލޭ އެހީގެ ގޮތުގައި 2ވަނައަށް އެންމެ ގިނަ ފައިސާ ރާއްޖެއަށް ދޭގޮތަށް އޮތީ އެކުވެރި ޢަރަބި އިމާރާތު ނުވަތަ ޔޫ.އޭ.އީ.އިންނެވެ. އެއީ 4.8 މިލިއަން ރުފިޔާގެ އެހީއެވެ. އަދި ލިސްޓުގެ 3ވަަނައިގައި އޮތް ޖަޕާނުން ދޭނީ 3.8 މިލިއަން ރުފިޔާކަމަށް ލަފާކޮށްފައިވެއެވެ.
ނަންގަނެވުނު 3 ޤައުމުގެ އިތުރުން، ނެދަލެންޑްސް، އިޓަލީ، ދެކުނު ކޮރެއާ، ޕާކިސްތާނު އަދި ޗައިނާ ވެސް ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ހަދިޔާކުރާނެކަމަށް ބަޖެޓްގައި ވަނީ ލިޔެފައެވެ. މިއާއެކު، ހިލޭ އެހީގެ ގޮތުގައި ޤައުމުތަކުން ލިބޭ ފައިސާގެ ޢަދަދަކީ ޖުމުލަ 85.6 މިލިއަން ރުފިޔާއެވެ.
ޤައުމުތަކުން ވެދޭ އެހީގެ އިތުރުން، ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ ބައެއް ޖަމާޢަތްތަކުން ވެސް ހިލޭ އެހީ ދޭނެއެވެ. މި ގޮތުން، އެ ފަދަ ޖަމާޢަތްތަކުން އެހީގެ ގޮތުގައި 224.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓްގައި ވަނީ ހިމަނާފައެވެ. އޭގެ ތެރެއިން 137.5 މިލިއަން ރުފިޔާ އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް އެސޯސިއޭޝަން (އައި.ޑީ.އޭ.)އިން ލިބޭ އެހީއެވެ.
ޖަމާޢަތްތަކުގެ ތެރެއިން 2ވަނަ އަށް އެންމެ ގިނަ ފައިސާ ހިލޭ އެހީގެ ގޮތުގައި ހަދިޔާކުރާނެކަމަށް ބަޖެޓުގައި ލަފާކޮށްފައި އޮތީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭ.ޑީ.ބީ.)އެވެ. އެއީ 61.4 މިލިއަން ރުފިޔާގެ އެހީއެވެ. އަދި 3ވަނައިގައި އޮތް ގްރީން ކްލަައިމެޓް ފަންޑް (ޖީ.ސީ.އެފް.)އިން 12.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ދައުލަތުން ވަނީ އަންދާޒާކޮށްފައެވެ.
އެކުވެރި ދައުލަތްތަކުގެ ތަފާތު އެޖެންސީތަކުން މިއަންނަ އަހަރު ރާއްޖެއަށް ދޭނެ ކަމަށް ލަފާކޮށްފައި ވަނީ 32 މިލިއަން ރުފިޔާއެވެ. އޭގެ ތެރެެއިން އެންމެ ގިނަ ފައިސާ ދޭނެ ކަމަށް ބެލެވެނީ އ.ދ.ގެ ތިމާވެށީގެ ޕްރޮގްރާމް (ޔޫ.އެން.އީ.ޕީ.)އިންނެވެ. އެ އެޖެންސީން 13.9 މިލިއަން ރުފިޔާ އެހީގެ ގޮތުގައި ދޭނެއެވެ. އަދި 2ވަނައަށް އެންމެ ބޮޑު އެހީއެއް ދޭ އ.ދ.ގެ ކުޑަކުދީންގެ ފަންޑު (ޔުނިސެފް)އިން 11.5 މިލިއަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.