ޚަބަރު
ހިތަދޫ ޢާންމުންގެ އަޣުލަބިއްޔަތުން މޫލެކެޑެ ހިއްކުމާ ދެކޮޅު: ސަރވޭ
އައްޑޫ ހިތަދޫ މޫލެކެޑެ ސަރަޙައްދުން ހިއްކުމަށް ހަމަޖެހިފައިވާ ތަން.
ފަރުދުން
03 ނޮވެމްބަރު 2025، 03:18
03 ނޮވެމްބަރު 2025، 03:18
އައްޑޫ ސިޓީ ހިތަދޫ އުތުރުގައި އޮންނަ މޫލެކެޑެ ސަރަޙައްދުގެ ބިން ހިއްކައި، އެ ތަނުގައި މަގެއް ހެދުމަށް ނިންމާފައިވާއިރު، މި މަޝްރޫޢުން ތިމާވެއްޓަށް ގެއްލުންވާނެތީ، އެ ކަމާ ހިތަދޫ ޢާންމުންގެ އަޣުލަބިއްޔަތުން ދެކޮޅު ކަމުގައި ސަރވޭއަކުން ދައްކައިފިއެވެ.
މި ސަރވޭ އަކީ ސީ.ޑީ.އީ. ކޮންސަލްޓިންގއިން ހެދި އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީ.އައި.އޭ.)ގެ ޕަބްލިކް ސަރވޭއެކެވެ.
މި ސަރވޭއަށް ޚިޔާލު ހުށަހެޅި 1،000އަށްވުރެ ގިނަ މީހުންގެ ތެރެއިން ގާތްގަނޑަކަށް 62% މީހުން މަޝްރޫޢު ހިންގުމާ ދެކޮޅެވެ. ވުމާއެކު، އެ މަޝްރޫޢަށް ތާއީދުކުރަނީ ހިތަދޫގެ އެންމެ 32% މީހުންނެވެ.
ނަމަވެސް މި މަޝްރޫޢު ހިމެނޭ ސަރަޙައްދު ވަށައިގެން 300 މީޓަރުގެ ތެރޭގައި ދިރިއުޅޭ 51 މީހުންނާ ކުރެވުނު ސުވާލުން ދައްކާ ގޮތުގައި، އޭގެ ތެރެއިން 68% މީހުން މަޝްރޫޢަށް ތާއީދުކުރެއެވެ.
ހިތަދޫގެ ގިނަ ބަޔަކު މަޝްރޫޢާ ދެކޮޅުވެފައި ތިބި ސަބަބަކީ، ތީމާވެއްޓަށް ކުރާ ގެއްލުމާއި، ރަނޑު ގެއްލިދިޔުމާއި، ފެން ބޮޑުވުމުގެ ކަންބޮޑުވުންތަކެވެ. އަދި ހަމައެހެންމެ، މަޝްރޫޢުގެ ބޭނުންތެރިކަމާއި އިންޞާފުވެރިކަމާމެދު ވެސް ގިނަ ބަޔަކު ސުވާލު އުފައްދައެވެ.
މީގެ އަނެއް ކޮޅަށް ބަލައިލާއިރު، މަޝްރޫޢު ކުރިއަށްގެންދިޔުމަށް އެދޭ މީހުން ދެކެނީ، މަޝްރޫޢުގެ ސަބަބުން ދަތުރުފަތުރު ފަސޭހަވެ، އެ ސަރަޙައްދަށް ދިމާވެފައިވަ ފެނާއި ނުބައިވަސް ދުވުމުގެ މައްސަލައަށް ޙައްލު ލިބިގެންދާނެ ކަމަށެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާ، އީ.އާރް.އޭ.، އަދި އައްޑޫ ނޭޗަރ ޕާކް އޮފީހުން ވަނީ، މަޝްރޫޢު ހިންގުމަށް ކަނޑައަޅާފައިވަނީ އީދިގަލި ކިޅި އަދި ކޯއްޓޭ ހިމެނޭ ޙިމާޔަތް ކުރެވިފައިވާ ސަރަޙައްދުގެ 200 މީޓަރުގެ ބަފަރު ތެރޭގައިކަން ފާހަގަކޮށް، އެ ސަރަޙައްދަކީ އައްޑޫ ބަޔޯސްފިއަރ ރިޒަރވް ތެރޭގައި ހިމެނޭ ތަނެއްކަން ވެސް ފާހަގަކޮށް، ކިޔައިދީފައެވެ.
ސަރުކާރުން މޫލެކެޑެ ސަރަޙައްދުގެ ބިން ހިއްކުމަށް ތައްޔާރުވަނީ، އިސްވެދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި މޫލެކެޑެ އަވަށުގެ މީހުން އެ ކަން ކުރިއަށް ގެންދިޔުމަށް އެދި ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ.
އެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމާއި، ހިއްކާ ސަރަޙައްދު ޙިމާޔަތް ކުރުމަށް ތޮށިޖަހައި، ފެން ހިންދުމުގެ ނިޒާމް ޤާއިމުކުރުމާއި ކަނޑޫފައު ސަރަޙައްދު ޙިމާޔަތްކުރުން ހިމެނިގެންވެއެވެ.
މަޝްރޫޢުގެ ދަށުން 2.6 ހެކްޓަރުގެ ބިން "މިން ސީ ލެވަލް"އަށްވުރެ 1.4 މީޓަރު އުސްކޮށް ހިއްކައި، ބިން ހިއްކުމަށް 52،000 ކޮޑިމީޓަރުގެ ވެލި ބޭން ކުރާން ޖެހޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. އެ ކަމަށް ބޭނުންވާ ވެލި މަދުވެއްޖެނަމަ، ވެލި ނެގުމަށް ނިންމާފައިވަނީ ފަޅުތެރިންކަން ފާހަގަކުރަމެވެ.
ގެއްލުން ކުޑަކުރުމާއެކު މަޝްރޫޢު ކުރިއަށް ގެންދެވޭނެކަމަށް އީ.އައި.އޭ.އިން ފާހަގަކުރާ ގޮތްތައް:
- ބިން ނުހިއްކައި ހަމައެކަނި މަގުހެދުން: މި ކޮންސެޕްޓުގެ މައިގަނޑު ބޭނުމަކީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމެވެ.
- ހިއްކާ ސަރަޙައްދު ކުޑަކުރުން: މި ކޮންސެޕްޓުން ތިމާވެށީގެ ނޭދެވޭ އަސަރު އަދި މަޝްރޫޢަށް ހިނގާ ޚަރަދު ކުޑަވެގެންދާނެއެވެ.
- އެއްބައި ހިއްކުން: މި ކޮންސެޕްޓުން އެ ސަރަޙައްދުގައި ހެދިފައި ހުރި 60% ކަނޑޫ ޙިމާޔަތްކުރެވޭނެއެވެ. އަދި ފެން ހިންދުން އިތުރަށް ހަރުދަނާ ކުރެވޭނެއެވެ.
އީ.އައި.އޭ.ގައި ބުނެފައި ވަނީ މަޝްރޫޢުގައި ކަނޑައަޅާފައިވާ ގޮތަށް ބިން ހިއްކުމުން، ބަންޑެއް ތެރޭގައި ވެލި އަޅައި އަދި މޫސުން ރަނގަޅު ދުވަސްވަރު މަސައްކަތް ކުރުމުން، އެ ސަރަޙައްދުގެ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަވެގެންދާނެ ކަމަށެވެ.
އީ.އައި.އޭ.ގެ ކަންބޮޑުވުންތަކާއި ހުށަހަޅާ ހުށަހެޅުންތަކަށް ރިޢާޔަތްކުރުމާއެކު، ތިމާވެއްޓާ ބެހޭ ވުޒާރާ އަދި ސަރުކާރުގެ ގޮތް ނިންމަވާ ފަރާތްތަކުން މަޝްރޫޢު ކުރިއަށް ގެންދިޔުމާ މެދު ގޮތެއް ނިންމުމަށް ރިޕޯޓުގައި ވަނީ އެދިފައެވެ.