ޚަބަރު
ނަޞްރުގެ ދުވަހަކީ ރާއްޖެއަށް އިންޑިޔާގެ މަދަދުވެރިކަން ދާއިމަށް ހަނދާންކޮށްދޭ ދުވަސް: ކުރީގެ ރައީސް ޔާމީން
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން، އިންޑިޔާގެ ބޮޑުވަރީޒު ނަރެންދްރާ މޯދީއާއެކު.
ފަރުދުން
03 ނޮވެމްބަރު 2025، 04:42
03 ނޮވެމްބަރު 2025، 04:42
ނަޞްރުގެ ދުވަހަކީ ރާއްޖެއަށް އިންޑިޔާގެ މަދަދުވެރިކަން ދާއިމަށް ހަނދާންކޮށްދޭ ދުވަސް ކަމަށް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދު ވިދާޅުވެއްޖެއެވެ.
1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3ވަނަ ދުވަހު، ދިވެހި ބަޔަކު އަޑީގައި ތިބެ ރޭވި ރޭވުމުގައި، ސްރީލަންކާގެ ތަމަޅަ ޖަމާޢަތަކުން ރާއްޖެ އަރައި ދިން ޙަމަލާތާ ދެކޮޅަށް ނަޞްރު ލިބުމުގެ މުނާސަބަތުގައި ފާހަގަކުރާ ނަޞްރުގެ ދުވަހާ ގުޅޭގޮތުން ޔާމީން އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދަކީ މާތް ﷲ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރާންޖެހޭ ދުވަސް ކަމުގައެވެ.
އެ ދުވަހަކީ ދިވެހީންގެ ލެއި އޮހޮރުވާލައި، ވެރިކަން ބަދަލުކުރާން ދިވެހީންގެ ބަޔަކު ފަހަތުގައި ތިބެ މަސައްކަތްކުރި ދުވަސްކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ސިފައިންގެ ވަރުގަދަ ޢަޒުމާއި ޤުރުބާނީ އެ ދުވަހު ފާހަގަވި ކަމަށާއި، އެގޮތުން "އާދައިގެ ސިފައިންގެ ބޭކަލެއް" ކަމުގައިވީ ކޯޕްރަލް ޙުސައިން އާދަމްގެ މަތިވެރި ޖިހާދުން ފިލާވަޅު ނަގައިދެއްވި ދުވަހަކީ ވެސް ނޮވެންބަރު 3 ކަމަށް ޔާމީން ވަނީ ލިޔުއްވާފައެވެ.
[ނަޞްރުގެ ދުވަހަކީ] ޤައުމު ދިފާޢުކުރުމުގައި އެންމެ އާދައިގެ ސިފައިންގެ ބޭކަލަކު މުޅި ސިފައިންގެ ލަޝްކަރަށް ފިލާވަޅު ނަގައިދިން ދުވަސް
ރައީސް ޔާމީން
ޔާމީން އިތުރަށް ފާހަގަކުރެއްވި ނުކުތާގައި ވިދާޅުވީ، އެ ދުވަހަކީ ކުރީގެ ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް މުޙައްމަދު ދީދީގެ ހިތްވަރުގަދަ މަސައްކަތުން ސިފައިންގެ ހަތިޔާރު ގުދަން ހުޅުވޭގޮތް ފަހިކޮށްދީ، ވަރުގަދަ ރައްދު ޙަމަލާތަކެއް ދިން ދުވަސްމެ ކަމަށެވެ.
މި ކަންކަމާ އެކުގައި، އެ ދުވަހު ރާއްޖެއަށް އިންޑިޔާގެ ޢަސްކަރިއްޔާއިން ވެދިން އެހީތެރިކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، ނަޞްރުގެ ދުވަހަކީ އިންޑިޔާގެ މަދަދުވެރިކަން ދިވެހީންނަށް ދާއިމަށް ހަނދާންކޮށްދޭ ނިޝާނެއް ކަމަށެވެ.
ނަޞްރުގެ ދުވަހުގެ ކާމިޔާބީގައި އިންޑިޔާއަށް ވެސް ޙިއްޞާއެއް ލިބިފައިވާކަން ދޭހަވާ ފަދަ މޭރުމަކުން ޔާމީންގެ ޕޯސްޓުގައި ލިޔުއްވައިފައިވާއިރު، އެ މަނިކުފާނާއި މިދިޔަ ސަރުކާރުގައި އިދިކޮޅުގައި އޮތް ޕީ.ޕީ.އެމް.އިން ވަނީ އިންޑިޔާ ސިފައިން ރާއްޖެއިން ނެރެލުމަށް ގޮވާލައި، "އިންޑިޔާ އައުޓް"ގެ ނަމުގައި އިޙުތިޖާޖެއް ކުރިއަށް ގެންގޮސްފައެވެ.
ނަޞްރުގެ ދުވަހުން ހަނދުމަ އައުކޮށްދޭ މުހިންމު ކަންކަން ޔާމީންގެ ޕޯސްޓުގައި ޚުލާޞާކުރައްވާފައިވާއިރު، އެ މަނިކުފާނުގެ ޕޯސްޓުގައި 7 ކަމެއް ވަނީ ނަންގަންނަވާފައެވެ.
🇲🇻
— Abdulla Yameen (@prz_ymn) November 3, 2025
މިއަދަކީ ދިވެހި ޤައުމަށް:
1.ނަސްރުދެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދާއި ޝުކުރުކުރުންމަތީ ދެމިތިބެން ހަނދާން ކުރަންޖެހޭ ދުވަސް
2.ދިވެހިންގެ ލޭ އޮހޮރުވާލައި ވެރިކަން ބަދަލުކުރަން އުޅުނު ދުވަސް
3.ސިފައިންގެ ވަރުގަދަ ޢަޒުމާ ވަރުގަދަ ޤުރުބާނީ ފާހަނގަ…