ޚަބަރު
ލިބުނު ފަޚުރުވެރި އައްޑަނައިގެ ޙައްޤުވެރިންނަކީ ހިތްވަރުގަދަ ލޮބުވެތި ދިވެހި ރައްޔިތުން: ރައީސް މައުމޫން
ރައީސް މައުމޫނަށް ޝަރަފުގެ އައްޑަނަ އެރުވުން/ފޮޓޯ: ރައީސް އޮފީސް
މިއަދު ލިބުނު ފަޚުރުވެރި އައްޑަނައިގެ ޙައްޤުވެރިންނަކީ ހިތްވަރުގަދަ ލޮބުވެތި ދިވެހި ރައްޔިތުންކަމަށް ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިފަދައިން ވިދާޅުވީ، މިއަދު ބޭއްވި ނަޞްރުގެ ދުވަހުގެ ޚާއްޞަ ޖަލްސާގައި، އެމަނިކުފާނަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ ލިބިވަޑައިގަތުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން 'މީސް މީޑއާ' ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އެމަނިކުފާނަށް ދެއްވިކަމަށްޓަކާ އަދުގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް ނުހަނު އިޚްލާޞްތެރި ކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. ހަމަ އެހެންމެ، އެމަނިކުފާނުގެ ނަޒަރުގައި މި ފަޚުރުވެރި އައްޑަނައިގެ ޙައްޤުވެރި ވެރިންނަކީ ހިތްވަރުގަދަ ލޮބުވެތި ދިވެހި ރައްޔިތުންކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނައަކީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި 7 ޚާއިނުން ބޭރުގެ ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ރާއްޖޭގެ މައްޗަށް އަތްގަދަ ކުރުމަށް ދިން ޢުދުވާނީ ޙަމަލާގައި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނަވައިގެން، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ކުރެއްވި ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތައް ފާހަގަކޮށް، އެމަނިކުފާނުގެ ޚިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން ދެވޭ ޚާއްޞަ އައްޑަނައެކެވެ.
ދިވެހިރާއްޖެއަށް އޭރު ކުރިމަތިވި ކުއްލި ޙަމަލާގެ ޙާލަތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ މަޤާމުގައި ހުންނަވައިގެން ރައީސް މަޢުމޫން ވަނީ، ދުޝްމަނުންގެ ޢުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލުމަށް ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކު މުހިންމު ނިންމެވުންތަކެއް ނިންމަވާފައެވެ. އެގޮތުން، ބޭރުގެ އަސްކަރިއްޔާތަކުގެ އެހީ ހޯއްދެވުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިވެހި ރައްޔިތުންގެ ޙާލު ގާތުން ބައްލަވަމުން އެމަނިކުފާނު ގެންދެވިއެވެ.
ތަމަޅައިންގެ ފައުޖެއް ގޮވައިގެން ބާޣީ ޢަބްދުﷲ ލުޠުފީ އިސްވެ ހިންގި މި ޢުދުވާނުގައި ކުށެއް ނެތް 19 ދިވެއްސަކު ޝަހީދުކުރިއެވެ. އެއީ 11 ޢާންމުންނާއި ސިފައިންގެ 8 ބޭކަލުންނެވެ.