ޚަބަރު
ބޮޑުތަކުރުފާނުމަގު ތަރައްޤީކޮށް ނިމުމުން، ދަތުރުފަތުރަށް އަންނާނީ އިންޤިލާބީ ހެޔޮ ބަދަލެއް: ޢާޒިމް
މޭޔަރ ޢާޒިމް ބޮޑުތަކުރުފާނުމަގު ތަރައްޤީކުރާ ސަރަޙައްދަށް ވަޑައިގަތުން.
ފަރުދުން
03 ނޮވެމްބަރު 2025، 04:44
03 ނޮވެމްބަރު 2025، 04:44
ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތް ނިމުމުން، ދަތުރުފަތުރުކުރުމަށް އިންޤިލާބީ ހެޔޮ ބަދަލެއް އަންނާނެކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
ބޮޑުތަކުރުފާނުމަގު މަޝްރޫޢުގެ އަދާހަމަ ބައްލަވައިލެއްވުމަށް ވަޑައިގަތުމަށްފަހު މޭޔަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކާރުބާރު ބޮޑު، މާލޭގެ އުތުރުފަރާތުގައި އޮންނަ ބޮޑުތަކުރުފާނުމަގު، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ޙަވާލުކޮށްފައިވާ އެމް.ޓީ.ސީ.ސީ.އިން އެ މަސައްކަތް ވަރަށް ހަލުވި ދުވެލީގައި، ވަރަށް ފުރިހަމަ ގޮތުގައި ކުރަމުންދާތަން އެ މަނިކުފާނަށް ފެނިވަޑައިގަތުމުން، އެ ކަމާ އުފައުފުޅު ކުރެއްވި ކަމަށެވެ.
ޖުމުލަ 830 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމަށް ހިންގާ އެ މަޝްރޫޢުގެ ސަބަބުން، މި ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމަށް އިންޤީލާބީ ހެޔޮ ބަދަލެއް އަންނާނެކަމަށް ދެކެން.
މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް
މޭޔަރު ޢާޒިމް ވިދާޅުވީ، ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ގިނަ އިދާރާތަކާއި، ބެންކުތަކާއި އަދި މަސްމާރުކޭޓާއި ގިނަ ހޯލްސޭލް ފިހާރަ ހިމެނޭ އެ ސަރަޙައްދަށް ގެނެވޭ ބޮޑު ބަދަލުގެ ސަބަބުން، ވަރަށް ގިނަ ރައްޔިތުންނަށް ތަފާތު އެކި ގޮތްގޮތުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އެ މަނިކުފާނުގެ އުންމީދަކީ ވީހައި އަވަހަކަށް އެ މަޝްރޫޢުގެ މަސައްކަތް ނިމި، އެ ސަރަޙައްދު ބޭނުންކުރަމުންދާ ފަރާތްތަކަށް އެ ކަމުގެ ލުއިތައް ލިބެން ފެށުން ކަމުގައި ވެސް މޭޔަރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ޢަމަލީ ގޮތުން ފެށީ، މި އަހަރުގެ އޯގަސްޓް މަހުގެ 22ވަނަ ދުވަހުގައެވެ. 3 ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު، 737 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރުމަށް ވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ހެދުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމަކީ ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނިގެންވާ ކަންކަމެވެ.
ކާރުބާރު ބޮޑު، މާލޭގެ އުތުރުފަރާތު، ބޮޑުތަކުރުފާނު މަގު، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢު، ސަރުކާރުން ހަވާލުކޮށްފައިވާ، އެމްޓީސީސީން، މި މަސައްކަތް ވަރަށް ބާރު މިނުގައި، ވަރަށް ފުރިހަމައަށް ކުރަމުންދާތަން ފެނި، އެކަމާ ވަރަށް ބޮޑަށް އުފާކުރަން. ޖުމުލަ 830 މީޓަރުގެ… pic.twitter.com/jvzY9QzlJ9
— Adam Azim, Mayor of Male’ City (@adamazim) November 3, 2025