Ads by Stelco

ޚަބަރު

ލަންޑަނުގައި ރާއްޖެ އިސްތިހާރު ކުރަން “ޓެކްސީ އެޑް” ކެމްޕޭނެއް ފަށައިފި

ލަންޑަނުގައި ރާއްޖެ އިސްތިހާރު ކުރަން “ޓެކްސީ އެޑް” ކެމްޕޭނެއް ފަށައިފި

ލަންޑަންގައި "ޓެކްސީ އެޑް" ކެމްޕޭން ފެށުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ނޮވެމްބަރު 2025، 08:18

03 ނޮވެމްބަރު 2025، 08:18

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން އިނގިރޭސިވިލާތުގެ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ސެންޓްރަލް ލަންޑަން ސަރަހައްދުގައި ހާއްސަ ޓެކްސީ އެޑްވަޓައިޒިން ކެމްޕޭނެއް ފަށައިފިއެވެ. 

މި ކެމްޕޭން ފަށާފައިވަނީ ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވަލް އެންޑް ޓްރޭޑް ފެއާ ކަމަށްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް 2025) ފެށުމާ ދިމާކޮށެވެ.

ދެ މަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކެމްޕޭނުގެ ދަށުން ޖުމްލަ 100 ޓެކްސީ އުޅަނދުގައި ރާއްޖޭގެ ނަމާއި، ބްރޭންޑިން އަދި މަންޒަރުތައް ފެންނާނެ ގޮތަށް އިޝްތިހާރު ޖަހާނެއެވެ. ވީއެމްސީން ބުނެފައިވާ ގޮތުގައި މި ކެމްޕޭނުގެ ސަބަބުން ރާއްޖޭގެ ޗާލުކަން ލަންޑަނުގެ އެންމެ ހަލަބޮލި ސަރަހައްދުތަކުން ފެނިގެންދާނެއެވެ. މައިގަނޑު ބޭނުމަކީ ޑަބްލިއުޓީއެމް ފެއާއަށް ޒިޔާރަތްކުރާ ލަގްޒަރީ މަންޒިލްތަކަށް ލޯބިކުރާ ފަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ހިއްސާދާރުން އަދި މީޑިއާތަކުގެ ސަމާލުކަން ރާއްޖެއަށް ލިބޭ މިންވަރު އިތުރުކުރުމެވެ.

މި ކެމްޕޭން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަސް ކުންފުންޏެއްގެ އެއްބާރުލުމާއެކުއެވެ. މި ކުންފުނިތަކުގެ ތެރޭގައި ކަނޑިންމަ މޯލްޑިވްސް، ޔުނިވާސަލް ރެސޯޓްސް، ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސް އަދި ބެރެނާއީ ކޮއްޓަފަރުގެ އިތުރުން ރިއު އެޓޯލްސް އެންޑް ރިއު ޕެލަސް މޯލްޑިވެސް ހިމެނެއެވެ.

ވީއެމްސީން ހާމަކުރާ ގޮތުގައި މި ކެމްޕޭން ފަރުމާކޮށްފައި ވަނީ، ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމާއި، ރާއްޖެއަކީ ފަތުރުވެރިކަމުގެ ޕްރިއަމް ޑެސްޓިނޭޝަނެއްގެ ލަގަބު ދެމެހެއްޓުމާއި، ފަތުރުވެރިންނަށް ގިނަ ފުރުސަތުތަކެއް ލިބޭ މަންޒިލެއްގެ ގޮތުގައި އަންގައިދިނުމަށެވެ. 

"މުޅި ދުނިޔޭގެ ސަމާލުކަން ލަންޑަނަށް ހުއްޓިފައިވާ މިފަދަ ދަނޑިވަޅެއްގައި، ކުރިއަށްގެންދާ މި ކެމްޕޭނުގެ ސަބަބުން ރާއްޖެއަށް ގިނަ ބައެއްގެ ސަމާލުކަން ލިބޭނެ. މިއީ އަޅުގަނޑުމެންގެ ޑެސްޓީނޭޝަނުގެ ވިޒިބިލިޓީ ހިފެހެއްޓުމަށާއި، ފަތުރުވެރިންގެ ޝައުގުވެރިކަން ރާއްޖެއަށް އިތުރުކުރުމަށް މުހިންމު ކެމްޕޭނެއް" ވީއެމްސީގެ ބަޔާނެއްގައި ވެއެވެ. 

ޑަބްލިއުޓީއެމް 2025ގައި ރާއްޖެ އިޝްތިހާރުކުރުމަށް ވީއެމްސީން ކުރިއަށް ގެންދާ މަސައްކަތްތަކުގެ އިތުރުން މި ކެމްޕޭނަކީ، ގިނަ މާކެޓުތަކެއް އެއްތަންވާ މި ދަނޑިވަޅުގައި ރާއްޖެއަށް ލިބޭ ތަރުހީބު އިތުރުކުރުމަށާއި، ރާއްޖެއާ މެދު ހޭލުންތެރިކަން އިތުރުކޮށް، ރާއްޖެއަކީ ހިތްގައިމު ތަޖުރިބާތަކެއް ކުރެވޭ މަންޒިލެއްގެ ގޮތުގައި ފާހަގަކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން