ދުނިޔެ

އިސްރާއިލުން މުޢާހަދާއާއި ޚިލާފުވެ ހަމަލާތައް ދެމުންދާއިރުވެސް، ޣައްޒާ ހަމަލާ ހުއްޓާލުމުގެ މުއާހަދާ "ބަލިކަށި ނޫން" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އިސްރާއިލުން މުޢާހަދާއާއި ޚިލާފުވެ ހަމަލާތައް ދެމުންދާއިރުވެސް، ޣައްޒާ ހަމަލާ ހުއްޓާލުމުގެ މުއާހަދާ "ބަލިކަށި ނޫން" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ޣައްޒާގައި މިހާރު އިސްރާއިލުން ހިންގަމުންދާ ހަމަލާތަކުގައި ޝަހީދުވި ބައެއްގެ ހަށިތައް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ނޮވެމްބަރު 2025، 09:09

03 ނޮވެމްބަރު 2025، 09:09

އިސްރާއިލުން ހަމަލާތައް ހުއްޓާލުމުގެ މުޢާހަދާއާއި ޚިލާފުވެ ޣައްޒާއަށް ހަމަލާތައް ދެމުންދާއިރުވެސް މުޢާހަދާ “ބަލިކަށި ނޫން” ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. 

 ފާއިތުވި ފަސް އަހަރުގެ ތެރޭގައި ސީބީއެސްގެ "60 މިނިޓްސް" ޕްރޮގްރާމަށް އެންމެ ފުރަތަމަ ދެއްވި އިންޓަވިއުގައި، އެމެރިކާގެ ރައީސް ވިދާޅުވީ، އެމެރިކާގެ ބައިވެރިވުމާއެކު އިސްރާއީލާއި ޙަމާސްއާ ދެމެދު ވެފައިވާ ހަމަލާ ހުއްޓާލުމުގެ އެއްބަސްވުން "ބަލިކަށި" ނޫން ކަމަށެވެ.

"އެއީ ވަރަށް ވަރުގަދަ އެއްބަސްވުމެއް،" ޓްރަމްޕް ވިދާޅުވިއެވެ.

 އަދި ވިދާޅުވީ ފަލަސްޠީނުގެ ޖަމާޢަތް ކަމަށްވާ ޙަމާސް "އެމީހުން ރަނގަޅަށް އުޅެފިނަމަ ވަގުތުން ނައްތާލެވިދާނެ" ކަމަށެވެ. އެމެރިކާގެ ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ، އޮކްޓޯބަރު 10 ވަނަ ދުވަހު ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން ވެސް އިސްރާއީލުން އެ އެއްބަސްވުމާ ޚިލާފުވަމުންދާ ދަނޑިވަޅެއްގައެވެ.

ފާއިތުވި ތިން ހަފްތާގެ ތެރޭގައި ޣައްޒާގައި އިސްރާއީލުން އެތައްފަހަރަކު މުޢާހަދާއާއި ޚިލާފުވެފައިވެއެވެ. 

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހާއި ފަލަސްޠީނުގެ ސިއްޙަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި، އޮކްޓޯބަރު 10 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ އެކި ހިސާބުތަކުގައި އިސްރާއީލުން ދިން ހަމަލާތަކުގައި 230 އަށް ވުރެ ގިނަ ފަލަސްޠީނުގެ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 97 ކުދިން ހިމެނެއެވެ. އަދި 600 މީހުން ޒަޚަމްވެފައިވެއެވެ. އޮކްޓޯބަރު 28 ގެ ނިޔަލަށް އިސްރާއީލުގެ ސިފައިން ވަނީ ޣައްޒާގައި 52 ފަހަރު ބަޑިން ހަމަލާދީ، 55 ފަހަރު ބޮމުގެ ހަމަލާ ދީފައެވެ. މީޑިއާ އޮފީހުން އިތުރަށް ބުނެފައިވާ ގޮތުގައި، އެމީހުން ވަނީ މަދުވެގެން 11 ރައްޔިތުންގެ ގެއެއް ތަޅާލާފައިވާއިރު، ސިފައިން ދަނީ އިމާރާތްތައް ހަލާކުކުރުމަށް ރިމޯޓް ކޮންޓްރޯލް ކުރެވޭ ގޮވާ އެއްޗެހި އަޅާފައިވާ ރޮބޮޓްތަކާއި ބަރު މެޝިނަރީ ބޭނުންކުރަމުންނެވެ.

މީޑިއާ އޮފީހުން ބުނާ ގޮތުގައި، އިސްރާއީލުން ވަނީ "ޔެލޯ ލައިން" ގެ ނަމުން މަޝްހޫރުވެފައިވާ ސަރަޙައްދުތަކުގެ ބޭރުން ވެސް ގިނަ އަދަދެއްގެ ހަރަކާތްތައް ހިންގާފައިވާއިރު، އެ ސަރަޙައްދަކީ ޣައްޒާގެ ބައެއް ސަރަޙައްދުތަކުން އިސްރާއީލުގެ ސިފައިން ވަކިކުރާ ނޮން-ފިޒިކަލް ރޮނގެކެވެ. އަދި ޣައްޒާގެ ގާތްގަނޑަކަށް 50% ސަރަޙައްދު އިސްރާއީލުގެ ބާރުގެ ދަށުގައި ބާއްވާފައިވެއެވެ. މި ހަމަލާތަކުގައި މަރުވި ގިނަ ބަޔަކު މަރުވެފައިވަނީ ޔެލޯ ލައިންގެ ތެރޭގައި ބަޑިޖަހައި ނުވަތަ ބޮން އަޅައިގެންނެވެ. އޮކްޓޯބަރު 28 ގެ ނިޔަލަށް މިފަދަ މަދުވެގެން ނުވަ ހަރަކާތެއް ރިޕޯޓްކުރެވިފައިވާ ކަމަށް އޮފީހުން ބުނެއެވެ. އަދި އިސްރާއީލުގެ ސިފައިން ވަނީ ޣައްޒާގެ އެކި ސަރަޙައްދުތަކުން ގާތްގަނޑަކަށް 21 ފަލަސްޠީނުގެ މީހުން ރަހީނުކޮށްފައިވާއިރު، އޭގެ ތެރޭގައި ޔެލޯ ލައިން ކައިރީގައި ގެތައް ބަލާ ފާސްކުރަމުންދިޔަ މީހުންނާއި، ކަނޑުމަތިން މަސްވެރިކަން ކުރަމުންދިޔަ މީހުން ވެސް ހިމެނެއެވެ.

އޮކްޓޯބަރު 10 ގައި ޙަމާސްއާއި އިސްރާއީލާ ދެމެދު އެމެރިކާގެ ބައިވެރިވުމާއެކު ސޮއިކުރި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރަފަޙް ބޯޑަރު ހުޅުވާލައިގެން މީހުންނާއި މުދާ ދަތުރުކުރުމަށް ފުރުސަތު ދީ، ދުވާލަކު 600 އިންސާނީ އެހީގެ ޓްރަކް، އޭގެ ތެރޭގައި 50 ފިއުލް ޓްރަކް ޣައްޒާއަށް ވެއްދުމަށް ވަނީ އެއްބަސްވެފައެވެ. ނަމަވެސް، އޮފީހުން ބުނާ ގޮތުގައި، އޮކްޓޯބަރު 10 އާއި 31 އާ ދެމެދު ޣައްޒާއަށް ގެނެސްފައިވަނީ 3,203 ވިޔަފާރި އަދި އެހީގެ ޓްރަކް އެކަންޏެވެ. މިއީ ދުވާލަކު އެވްރެޖްކޮށް 145 އެހީގެ ޓްރަކް ނުވަތަ އެއްބަސްވުމުގައިވާ 600 ޓްރަކްގެ 24 އިންސައްތައެވެ. އިސްރާއީލުން މިހާތަނަށް ވެސް ރަފަޙް ބޯޑަރު ބަންދުކޮށްފައިވުމުގެ ސަބަބުން، ބޭސްފަރުވާއަށް ބޭރުގެ ޤައުމުތަކަށް ދާން ބޭނުންވާ އެތައް ހާސް ޒަޚަމްވެފައިވާ އަދި ބަލި މީހުންނަށް ފުރުސަތު ނުލިބި ވަނީ ހުއްޓިފައެވެ. އިސްރާއީލުން އަދިވެސް ވަނީ މަގުތައް ސާފުކުރުމަށާއި، އިމާރާތްތަކުގެ ކުނިބުނި ނެގުމަށް ބޭނުންވާ ބަރު މެޝިނަރީ ވެއްދުމުގެ ހުއްދަ ނުދީފައެވެ. އަދި ހަނގުރާމަ ފެށުނު ފަހުން، ބޭނުންވާ މިންވަރަށް ފޭލިގެއާއި ހިޔާދޭނެ ތަކެތި ވެއްދުމުގެ ހުއްދަ ވެސް ދީފައެއް ނުވެއެވެ. އެހީދޭ ޖަމްޢިއްޔާތަކާއި އ.ދ. ގެ ގްރޫޕްތަކުން ބުނެފައިވާ ގޮތުގައި، ބޭނުންތައް ގިނަ ނަމަވެސް، އިސްރާއީލުގެ އިސްތިޢުމާރުން ދަނީ ބޭނުންވާ އިންސާނީ އެހީގެ "ކުޑަ ބައެއް" އެކަނި ޣައްޒާއަށް ވެއްދުމުގެ ހުއްދަ ދެމުންނެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން