ދުނިޔެ
ތެހެރާނަށް ބޭނުންވާ ބޯފެން ދެ ހަފްތާގެ ތެރޭގައި ހުސްވެދާނެ ކަމަށް އީރާނުގެ އޮފިޝަލަކު ވިދާޅުވެއްޖެ
                    އީރާނުގެ އަމީރް ކަބީރް ޑޭމް
އީރާނުގެ ވެރިރަށް ތެހެރާނުގެ ރައްޔިތުންނަށް ބޯފެން ފޯރުކޮށްދޭ މައި މަސްދަރު، ޤައުމަށް ކުރިމަތިވެފައިވާ ތާރީޚީ ހަނަފަސްކަމުގެ ސަބަބުން ދެ ހަފްތާގެ ތެރޭގައި ހުސްވެދާނެ ކަމަށް އެ ޤައުމުގެ ސްޓޭޓް މީޑިއާއިން ރިޕޯޓްކޮށްފިއެވެ. މިކަމުގެ ސަބަބުން އެ ސިޓީގެ 10 މިލިއަނަށް ވުރެ ގިނަ ރައްޔިތުންނަށް ފެނުގެ ދަތިކަން ކުރިމަތިވުމުގެ ބިރު ބޮޑުވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
ތެހެރާނަށް ބޯފެން ފޯރުކޮށްދޭ ފަސް ޑޭމްގެ ތެރެއިން އެއް ޑޭމް ކަމަށްވާ އަމީރު ކަބީރު ޑޭމްގައި މިހާރު ހުރީ އެ ޑޭމުގެ ޖާގައިގެ އެންމެ 8 އިންސައްތަ ކަމަށްވާ 14 މިލިއަން ކިއުބިކް މީޓަރުގެ ފެން ކަމަށް، އެ ސިޓީގެ ފެނުގެ ކުންފުނީގެ ޑިރެކްޓަރު ބެހްޒާދު ޕާރްސާ ވިދާޅުވެފައިވާ ކަމަށް އައިއާރުއެންއޭ ނިއުސް އެޖެންސީން އާދިއްތަ ދުވަހު ވަނީ ރިޕޯޓްކޮށްފައެވެ. އޭނާ އިންޒާރު ދެއްވި ގޮތުގައި މި މިންވަރުގެ ފެނުން ތެހެރާނަށް ފެން ފޯރުކޮށްދެވޭނީ “އެންމެ ދެ ހަފްތާއަށް” އެވެ.
މި އިއުލާނު މި ކުރީ އީރާނަށް ދިގު މުއްދަތެއްގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ހަނަފަސްކަން ތަޖުރިބާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މިދިޔަ މަހު ލޯކަލް އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި ތެހެރާނު ޕްރޮވިންސަށް ވާރޭ ވެހިފައިވާ މިންވަރު “އެއް ގަރުނުގެ ތެރޭގައި ވެސް ނުވާ ވަރަށް” ދަށްވެފައިވާ ކަމަށެވެ. ޕާރްސާ ވިދާޅުވި ގޮތުގައި އަހަރެއްގެ ކުރިން އަމީރު ކަބީރު ޑޭމުގައި 86 މިލިއަން ކިއުބިކް މީޓަރުގެ ފެން ހުއްޓެވެ.
ނަމަވެސް މިހާރު ތެހެރާނު ސަރަހައްދަށް ވާރޭ ވެހުން “100 އިންސައްތަ ދަށްވެފައި” ވެއެވެ. އީރާނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ތެހެރާނުގެ އާބާދީން ދުވާލަކު 3 މިލިއަން ކިއުބިކް މީޓަރުގެ ފެން ބޭނުންކުރެއެވެ.
ފެން ހުސްވުމުގެ މި ބިރު ބޮޑުވުމާ ގުޅިގެން، ފެން ސަލާމަތްކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ފާއިތުވި ދުވަސްތަކުގައި އެކި އަވަށްތަކަށް ފެން ފޯރުކޮށްދިނުން ވަނީ ހުއްޓާލާފައެވެ. މީގެ އިތުރުން މިދިޔަ ހޫނު މޫސުމުގައި ވެސް ފެން ކެނޑުން އާންމުކޮށް ކުރިމަތިވެފައިވެއެވެ. މިދިޔަ ޖުލައި އަދި އޮގަސްޓް މަހު، ފެނާއި ހަކަތަ ސަލާމަތްކުރުމަށް ދެ އާންމު ބަންދު ދުވަސް ވެސް ވަނީ އިއުލާނުކޮށްފައެވެ. އެ ދުވަސްވަރު ހޫނު މޫސުމުގެ ސަބަބުން ކަރަންޓު ކެނޑުން ވެސް ވަނީ އާންމުކޮށް ކުރިމަތިވެފައެވެ. އެ ދުވަސްވަރު ތެހެރާނުގައި 40 ޑިގްރީ ސެލްސިއަސްއަށްވުރެ މަތީގެ ހޫނު މިން ހުރި އިރު، ބައެއް ސަރަހައްދުތަކުގައި 50 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިވިއެވެ. އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އެ ދުވަސްވަރު ވިދާޅުވީ “ފެނުގެ ދަތިކަމަކީ މިހާރު މި ދައްކާ ވާހަކަތަކަށް ވުރެ ބޮޑު މައްސަލައެއް” ކަމަށެވެ.
ފެނުގެ ދަތިކަމަކީ މުޅި އީރާނަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. ޚާއްސަކޮށް އެ ޤައުމުގެ ދެކުނުގެ ހަނަފަސް ޕްރޮވިންސްތަކުގައި މި މައްސަލަ ވަރަށް ބޮޑެވެ. މި ދަތިކަމުގެ ސަބަބުތަކުގެ ތެރޭގައި މެނޭޖްމަންޓްގެ ދޯދިކަމާއި، ބިމުގެ އަޑީގެ ފެނުގެ މަސްދަރުތައް މާ ބޮޑަށް ބޭނުންކުރުން، އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ހިމެނެއެވެ.
އީރާނުގެ އަވަށްޓެރި އިރާގަށް ވެސް 1993 ވަނަ އަހަރުން ފެށިގެން އެންމެ ހަނަފަސް އަހަރެއް މިހާރު ކުރިމަތިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.