ޚަބަރު
އޮސްޓްރޭލިއާ އާއި ދިވެހިރާއްޖޭގެ ދިފާޢީ ސިޔާސަތާ ބެހޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
                    އޮސްޓްރޭލިއާ އާއި ދިވެހިރާއްޖޭގެ ދިފާޢީ ސިޔާސަތާ ބެހޭ މަޝްވަރާ ބައްދަލުވުން / ފޮޓޯ: ހާރިޖީ ވުޒާރާ
އޮސްޓްރޭލިއާ އާއި ދިވެހިރާއްޖޭގެ ދިފާޢީ ސިޔާސަތާ ބެހޭ މަޝްވަރާ ބައްދަލުވުމެއް 3 ނޮވެމްބަރ 2025 ގައި އޮސްޓްރޭލިއާގެ ކެންބަރާގައި ބާއްވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އޮސްޓްރޭލިއާގެ ފޮރިން އެފެއާޒް އެންޑް ޓްރޭޑް ޑިޕާޓްމަންޓްގެ ފަސްޓް އެސިސްޓެންޓް ސެކްރެޓަރީ، މިސް ސާރާ ސްޓޯރީ އާއި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ، ޑރ. ހާލާ ޙަމީދެވެ. މި ބައްދަލުވުމަކީ އިއްޔެ އޮސްޓްރޭލިއާގެ ޑިފެންސް ޑިޕާޓްމަންޓްގައި ބޭއްވުނު ދިފާޢީ ސިޔާސަތާބެހޭ މަޝްވަރާ ބައްދަލުވުމާ ގުޅިގެން ބޭއްވުނު ބައްދަލުވުމެކެވެ.
އިންޑިއާ ކަނޑު ޙިއްޞާކުރާ ބައިވެރިންގެ ހައިސިއްޔަތުން މި މަޝްވަރާތަކުގައި އަލިއަޅުވާލާފައި ވަނީ، އިންޑިއާ ކަނޑުގެ ސަރަޙައްދަކީ ސުލްޙަވެރި، އަމާން އަދި ފުދުންތެރި ސަރަޙައްދަކަށް ހެދުމާ ގުޅޭ ތަޞައްވުރުގެ މައްޗަށެވެ. އެގޮތުން މަޝްވަރާކުރެވުނު މުހިންމު ދާއިރާތަކުގެ ތެރޭގައި، ސަރަޙައްދީ އަދި ޤައުމީ ސަލާމަތާއި، އިޤްތިޞާދީ ފުދުންތެރިކަމާއި، ޑިމޮކްރަސީ އަދި ވެރިކަން ހިންގުމުގެ ދާއިރާ ހިމެނެއެވެ.
މީގެ އިތުރުން، ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި، މޫސުމީ ބަދަލުތަކާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި، ބައިނަލްއަޤުވާމީ ގޮތުން ހިންގާ ކުށްތައް ހުއްޓުވުން ހިމެނެއެވެ.
އޮސްޓްރޭލިއާއިން ވަނީ ފާއިތުވި 60 އަހަރުގެ ތެރޭގައި 750 އާ ގާތްކުރާ ދިވެހިންނަށް އޮސްޓްރޭލިއާގެ ސްކޮލަރޝިޕް އެވޯޑްކޮށް، ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތްތައް ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
އަދި އިއްޔެ ކުރިޔަށްގެންދިޔަ މަޝްވަރާތަކުން އޮސްޓްރޭލިއާ އަދި ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ފަންނީ ތަމްރީނު ދޭ މުއައްސަސާތަކުގެ ދެމެދު ކުރިއަރަމުންދާ ގުޅުންތަކުގެ މިސްރާބު ކަށަވަރުކޮށްދޭކަމަށް ހާރިޖީ ވުޒާރާއިން ހާމަކުރެއެވެ.
އޮސްޓްރޭލިއާ އާއި ދިވެހިރާއްޖޭގެ ދެމެދުގައިވާ ގުޅުމަށް 50 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، 2023 ގައި އޮސްޓްރޭލިއާގެ ހައިކޮމިޝަނެއް މާލޭގައި ހުޅުވުމާއެކު މި ގުޅުންތައް ވަނީ ވަރުގަދަވެފައެވެ.