ޚަބަރު
މަސްވެރިކަމުގެ ލައިސެންސް ދެން ލިބޭނީ "ކެޔޮޅު ވެބް ޕޯޓަލް" މެދުވެރިކޮށް
                    ދިވެހި މަސްދޯންޏެއް
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މަސްވެރިކަމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ އިންތިޒާމު 'ކެޔޮޅު' ވެބް-ޕޯޓަލް މެދުވެރިކޮށް ހަމަޖައްސައިފިއެވެ.
މި ބަދަލަކީ އެ ވުޒާރާއިން ދޭ ޚިދުމަތްތައް ޑިޖިޓައިޒް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގެނެވުނު މުހިންމު ބަދަލެކެވެ. މިހާރުން ފެށިގެން މަސްވެރިކަމުގެ ލައިސަންސަށް އެދި ހުށަހެޅޭނީ ހަމައެކަނި މި އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
އެވުޒާރާއިން ހާމަކުރެއްވި ގޮތުގައި، އަލަށް މަސްވެރިކަމުގެ ލައިސަންސަށް ހުށަހަޅާ ފޯމު ބަލައިގަތުން 4 ނޮވެންބަރުން ފެށިގެން ކުރިއަށްދާނީ މި ޕޯޓަލް މެދުވެރިކޮށެވެ. މީގެ އިތުރުން، މަސްވެރިކަމުގެ ލައިސަންސް އައު ކުރުމަށް ހުށަހަޅާ ފޯމްތައް ބަލައިގަތުން 23 ނޮވެންބަރުން ފެށިގެން މި އޮންލައިން ޕޯޓަލް މެދުވެރިކޮށް ކުރިއަށްދާނެއެވެ. 'ކެޔޮޅު' ޕޯޓަލް އަށް ލޮގްއިން ވެވޭނީ ކޮންމެ ފަރާތެއްގެވެސް އީފާސް އެކައުންޓް މެދުވެރިކޮށެވެ. ކެޔޮޅު ޕޯޓަލް އަކީ މަސްވެރިކަމުގެ ދާއިރާގެ އެހެނިހެން ޚިދުމަތްތައް ދިނުމަށް މިހާރުވެސް ވުޒާރާއިން ބޭނުންކުރަމުންދާ ވަޞީލަތެކެވެ. މިގޮތުން، މަހާއި މަހުގެ އުފެއްދުތައް އުފެއްދުމުގެ ލައިސަންސަށް އެދި ހުށަހެޅުމަށާ، ކުންފުނިތަކުން ގަންނަ މަހުގެ ތަފްޞީލު ގަވާއިދުން ވުޒާރާއަށް ފޮނުވުމަށް އަދި މަސް އެކްސްޕޯޓްކުރުމަށް ބޭނުންވާ ކެޗް ސެޓްފިކެޓް ދޫކުރުމަށްވެސް މި ޕޯޓަލް ބޭނުންކުރެވެއެވެ.
މަސްވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މި ޕޯޓަލް މެދުވެރިކޮށް އަލަށް ލައިސަންސަށް އެދި ހުށަހެޅުމުގައި އަދި ލައިސަންސް އައު ކުރުމަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތުގެ ގައިޑް ވުޒާރާގެ ވެބްސައިޓްގައި ވަނީ ޝާއިޢު ކޮށްފައެވެ. ވުޒާރާއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެންމެފަހުން ހުއްދަ ކުރި ކަށި މިޔަރު މަސްވެރިކަމުގެ ލައިސަންސަށް އެދި ހުށަހަޅާ ފޯމްވެސް ބަލައިގަންނާނީ ހަމައެކަނި މި ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށެވެ.