Ads by Stelco

ޚަބަރު

އެސްއީޒެޑް ބިލު މުޅި މަޖިލީހުގެ ކޮމިޓީއިން ފާސްކޮށްފި

އެސްއީޒެޑް ބިލު މުޅި މަޖިލީހުގެ ކޮމިޓީއިން ފާސްކޮށްފި

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ނޮވެމްބަރު 2025، 03:47

04 ނޮވެމްބަރު 2025، 03:47

އިންވެސްޓަރުން ޝައުޤުވެރިކުރުވުމަށް ބޮޑެތި ލުއިތަކަކާއެކު އިޤުތިޞާދީ މަސައްކަތްތައް ކުރުމަށް ވަކި ސަރަޙައްދުތައް ކަނޑައަޅާ ގޮތަށް ސްޕެޝަލް އިކޮނޮމިކް ޒޯނުގެ (އެސްއީޒެޑް) ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މުޅި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ. މިއީ 2014 ވަނަ އަހަރު އެސްއީޒެޑް ޤާނޫނު އުފެދުނު ފަހުން، މި ޤާނޫނަށް ހުށައަޅާފައިވާ ފުރަތަމަ އިސްލާޙެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށައެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވީ މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. ބިލު ދިރާސާކުރެއްވީ މުޅި މަޖިލީހުގެ ކޮމިޓީންނެވެ. ކޮމިޓީގައި ބިލަށް އެއް އިސްލާޙު ހުށައެޅުއްވިއެވެ.

ކޮމިޓީގައި ހުށައެޅުނު އިސްލާޙަކީ، ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ ހުށައެޅުއްވި އިސްލާޙެކެވެ. ވިލިމާލޭ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢިލް ތާޢީދުކުރެއްވި މި އިސްލާޙުގެ މަޤުޞަދަކީ، ޒޯނެއްގައި ހިމެނޭ ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއްގެ ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމާ ގުޅޭ މުޢާމަލާތްތަކުން 4 އިންސައްތައިގެ ރޭޓުން ޕްރޮޕަރޓީ ޓްރާންސްފަރ ޓެކުހެއް ދައުލަތަށް ނެގޭނެ ގޮތަށް ބަދަލުކުރުމެވެ. މި އިސްލާޙު ބިލުގެ 4 ވަނަ މާއްދާގެ 22 ވަނަ މާއްދާގެ ހ. އަށް ބަދަލު ގެނައުމަށް ހުށައެޅި އިސްލާޙެކެވެ.

ކޮމިޓީން ހުށައެޅުނު އިސްލާޙުތަކާއެކު ބިލު ފާސްކުރަން ފެންނަ ކަމަށް މެންބަރުންގެ އަޤުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ. އެގޮތުން ބިލު ފާސްކުރަން ފެންނަ ކަމަށް 55 މެންބަރުން ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް 9 މެންބަރަކު ވޯޓު ދެއްވިއެވެ.

ބިލުގެ މައިގަނޑު މަޤުޞަދު: ސަސްޓެއިނަބަލް ޓައުންޝިޕް

މި ބިލު ހުށައެޅުމުގެ މައިގަނޑު ބޭނުމަކީ، ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯން ކަނޑައެޅުމަށް މަގުފަހިކުރުމަށްޓަކައި އެ ޒޯނާ ގުޅޭ ޝަރުތުތަކާއި އުސޫލުތައް ބަޔާންކުރުމެވެ. ބިލުގައި ސަސްޓެއިނަބަލް ޓައުންޝިޕް މާނަކޮށްފައިވަނީ، އެއް މެނޭޖްމަންޓެއްގެ ދަށުން ޤާއިމުކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ހިމެނޭ ގޮތުން، ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗަރއާއި ވަޞީލަތްތައް ހިމެނޭ މީހުން ދިރިއުޅޭ ސަރަހައްދަކަށެވެ.

އިންވެސްޓްމަންޓުގެ ޝަރުތުތައް

ސަސްޓެއިނަބަލް ޓައުންޝިޕެއް ތަރައްޤީ ކުރުމަށް އިންވެސްޓަރަށް ނުވަތަ ޑިވަލޮޕަރަށް ހުއްދަ ދެވޭނީ ވަކި ޝަރުތުތަކަކާއެކުއެވެ. އެ ޝަރުތުތަކުގެ ތެރޭގައި، ޒޯންގައި ކުރާ އިންވެސްޓްމެންޓަކީ 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަ ނޫން ޢަދަދެއްގެ އިންވެސްޓްމަންޓަކަށްވުން ހިމެނެއެވެ. އަދި ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ޚިދުމަތްތައް ހިމެނޭ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވަލޮޕްމަންޓެއް ނުވަތަ ލަގްޒަރީ ރެޒިޑެންޝަލް ފެސިލިޓީތައް ހިމެނޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވަލޮޕްމެންޓެއް އެ ޒޯނުގައި ޤާއިމުކުރަން ޖެހެއެވެ. 

މީގެއިތުރުން ބައިނަލްއަޤުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނުދޭ މަރުކަޒެއް ނުވަތަ ބައިނަލްއަޤުވާމީ ފެންވަރުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒެއް ޤާއިމުކުރަން ޖެހެއެވެ. 

ހަމަމިއާއެކު ޒޯންގައި ހަކަތަ އުފެއްދުމަށާއި، ކުނި މެނޭޖްކުރުމަށް ޤާއިމުކުރެވޭ އިންފްރާސްޓްރަކްޗަރއާއި ވަޞީލަތްތަކަކީ ސެލްފް-ސަފިޝިއެންޓް އިންފްރާސްޓްރަކްޗަރ އަދި ވަޞީލަތެއްކަމުގައިވުމާއެކު ޒޯނު ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން 60 އިންސައްތަ ހަކަތައަކީ އިޢާދަކުރަނިވި ހަކަތައަށްވާންޖެހެއެވެ. 

މީގެއިރުން ދިވެހިރާއްޖެއަށް އެތެރެކުރާ ކާބޯތަކެތި މަދުކޮށް ރާއްޖޭގައި ކާބޯތަކެތި އުފެއްދޭނެ ވަޞީލަތްތައް ޤާއިމުކޮށް ކާބޯތަކެތި އުފެއްްދުން އިތުރު ކުރުމަށްޓަކައި ދެމެހެއްޓެނިވި އަދި ޒަމާނީ ދަނޑުވެރިކަމުގެ ނުވަތަ އެކުއަރކަލްޗަރގެ ވަޞީލަތްތައް ޤާއިމުކުރުމާއި، ދިރިއުޅޭނެ ތަންތަނާއި، ތަޢުލީމީ މަރުކަޒުތަކާއި، ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި، މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ދޭ ތަންތަން ހިމެނޭ ގޮތުން ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗަރއާއި، ވަޞީލަތްތައް މެދުވެރިކޮށް ތަނުގައި މީހުންނަށް ދިރިއުޅެވޭނެ ވަޞީލަތްތަކާއި، ޚިދުމަތްތަކާއި ޢާންމު ބޭނުންތަކުގެ ވަޞީލަތްތައް ޒޯންގައި ޤާއިމުކުރަން ޖެހެއެވެ.

މި ބިލުގައި ސަސްޓެއިނަބަލް ޓައުންޝިޕެއް ތަރައްޤީކުރާ ޑިވެލޮޕަރަށް ނުވަތަ އިންވެސްޓަރުންނަށް ޚާއްސަ އިނާޔަތްތަކެއްވެސް ކަނޑައަޅާފައިވެއެވެ.

އެކަންކަމުގެ ތެރޭގައި ހިމެނެނީ

• އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ޓެކްސް ނެގޭނީ، ފުރަތަަމަ 10 އަހަރަށް 5 އިންސައްތައިގެ ރޭޓުން

• 11 ވަނަ އަހަރުން ފެށިގެން 20 ވަނަ އަހަރުގެ ނިޔަލަށް 10 އިންސައްތައިގެ ރޭޓުން

• 21 ވަނަ އަހަރުން ފެށިގެން އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ރޭޓުން

• ޒޯން ތަރައްޤީކުރުމަށްޓަކައި އެތެރެކުރާ ކެޕިޓަލް ގުޑްސްއަށް އިމްޕޯޓް ޑިއުޓީ ދައްކަން ނުޖެހުން

މި ޤާނޫނުގެ ދަށުން ހެދުން ލާޒިމުވާ އެންމެހައި ޤަވާއިދުތައް، މި ބިލު ޤާނޫނަކަށް ބަދަލުވެ އެއަށް ޢަމަލުކުރަން ފެށޭ ދުވަހުން ފެށިގެން 6 މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެކުލަވައިލުމަށްފަހު، ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކުރަން ޖެހޭނެކަމަށް މި ލިޔުމުގައި ހިމަނާފައިވެއެވެ.

މި ބަދަލުތަކަށް ޢަމަލުކުރުން ފެށިގެންދާނީ، އެ ޤާނޫނު މަޖިލީހުން ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި، ސަރުކާރުގެ ގެޒެޓުގައި އެކަން އާންމުކުރާ ދުވަހުން ފެށިގެންނެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން