ޚަބަރު
ޝަރީޢަތް ނިމެންދެން ލަމްޙާ ބަންދުކުރުމަށް ކޯޓުން އަލުން އަމުރުކޮށްފި
                    ޝަރީޢަތް ނިމެންދެން ލަމްޙާ ބަންދުކުރުމަށް ކޯޓުން އަލުން އަމުރުކޮށްފި.
ފަރުދުން
04 ނޮވެމްބަރު 2025، 05:38
04 ނޮވެމްބަރު 2025، 05:38
މީގެ 4 އަހަރު ކުރީން، 2021ވަނަ އަހަރު، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ބިދޭސީ ނަރުހަކު ކަމުގައިވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ދަޢުވާ އުފުލައި، ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާން ޝަރީޢަތް ނިމެންދެން ބަންދުގައި ބޭންދުމަށް ކޯޓުން އަނެއްކާ ވެސް އަމުރުކޮށްފިއެވެ.
ލަމްޙާ ބަންދުކުރުމަށް ދެކޮޅު ހެއްދެވި ފަނޑިޔާރު ޙުސައިން ފާއިޒް ރަޝާދު ސަސްޕެންޑް ކުރުމާ ގުޅިގެން، މި އަމުރު ނެރުނީ ވަޤުތީ ގޮތުން އެ މައްސަލައާ ޙަވާލުވެވަޑައިގެން ހުންނެވި އެހެން ފަނޑިޔާރެކެވެ.
މޭރީގެ މަރާ ގުޅިގެން ލަމްޙާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް، މީގެ ކުރީން އޭނާ ވަނީ ދެ ފަހަރެއްގެ މަތީން ދޫކޮށްލެވިފައެވެ. އެ ފަހަރުތަކުގައި ވެސް ދައުލަތުން ވަނީ، މަތީ ކޯޓުތަކަށް ހުށަހަޅައި، ލަމްޙާ އަލުން ބަންދުކުރުމުގެ އަމުރު ހޯދާފައެވެ.
ލަމްޙާ ފުރަތަމަ ބަންދުން ވީއްލާފައިވަނީ އިހަށް 2023ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އޭނާ އެ ފަހަރު ދޫކޮށްލުމުން، ދައުލަތުން މައްސަލަ އިސްތިއުނާފުކޮށް، އެ އަހަރުގެ ޑިސެމްބަރު މަހު ހައިކޯޓުން އޭނާ އަލުން ބަންދުކުރުމަށް އަމުރު ދިނެވެ. ވީމާ، ހުސްވި އޮކްޓޫބަރު މަހުގެ 12ވަނަ ދުވަހާ ހަމައަށް އޭނާ ހުރީ ޝަރީޢަތް ނިމެންދެން ބަންދުގައެވެ.
އޭގެ ފަހުން އަނެއްކާ ވެސް ޝަރުޠުތަކާ އެކު ތިން މަސް ދުވަހަށް އޭނާ ދޫކޮށްލާފައިވަނީ، މައްސަލައިގެ ޝަރީޢަތް ލަސްވެ ޙައްޤުތަކަށް ހުރަސްއެޅެމުންދާ ކަމަށް ބުނެ އޭނާގެ ފަރާތުން ބަންދު މުރާޖަޢާ ކޮށްދިނުމަށް އެދުމުންނެވެ.
ލަމްޙާ ބަންދުން ދޫކޮށްލުމުން،ޕީ.ޖީ. އޮފީހުން ވަނީ އެ އަމުރު ބާޠިލުކޮށްދިނުމަށް އެދި މި މަހުގެ 14ވަނަ ދުވަހު އަލުން ހައިކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް ހައިކޯޓުގެ ރަޖިސްޓްރަރގެ ނިންމެވުމުގައި ވަނީ، އެ މައްސަލަ ބަލައިގަނެވެން ނެތް ކަމުގައެވެ. ނަމަވެސް އެ ނިންމުން މުރާޖަޢާ ކުރުމަށް ފަނޑިޔާރުންގެ މަޖިލިހަށް ހުށަހެޅުމުގެ ފުރުޞަތު ޕީ.ޖީ. އޮފީހަށް ލިބިގެންވެއެވެ.
ޤާޟީ ފާއިޒް ކުރީން ވިދާޅުވެފައިވަނީ، އޭރު ބަންދުން ދޫކޮށްލާފައި އިން ލަމްޙާ އަލުން ބަންދުކުރުމާ މެދު ގޮތެއް ނިންމެން އޮތީ އޭނާގެ ފުށުން މުޖުތަމަޢަށް ކުރިމަތިވެދާނެ ނުރައްކައު ދަނެގަތުމަށް އެސެސްމަންޓެއް ހެދުމަށްފަހުގައި ކަމަށެވެ. ނަމަވެސް މިއަދު އޭނާ އަލުން ބަންދުކުރީ، އެފަދަ އެސެސްމެންޓެއް ހަދައިގެން ކަމެއް ނުވަތަ ނޫންކަމެއް އޮޅުންފިލާކަށެއް ނެތެވެ.
އައި.ޖީ.އެމް.އެޗް.ގެ ނަރުހެއްގެ ގޮތުގައި ވަޡީފާ އަދާކުރަމުންދިޔަ ފިލިޕީންސްގެ ރައްޔިތެއް ކަމަށްވާ މޭރީގެ ހަށިގަނޑު ދަންޖެހިގެން މަރުވެފައިވާ ކަމަށް ބުނެ ހަސްފަތާލަށް ގެންދިޔައީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޭނާގެ މަރުގެ މައްސަލައިގައި ޝައްކުކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން، މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސް ހައްޔަރު ކުރީ އެ މަހުގެ 27 ވަނަ ދުވަހުއެވެ. އޭގެ ފަހުން މާވިންގެ ދިވެހި ލޯބިވެރިޔާ ކަމަށް ތުހުމަތުކުރެވޭ ލަމްޙާ ހައްޔަރަށް ގެންދިޔައީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގައެވެ.
މޭރީ އަމިއްލައަށް ދަންޖެހިގެން މަރުވި ކަމަށް ފުރަތަމަ މާވިން ބުނި ނަމަވެސް، އެއީ ޤަތުލުޢަމްދެއްކަން ހާމަވުމުން، ފަހުން މާވިންގެ މައްޗަށް ދަޢުވާ ކޮށްފައިވެއެވެ. އަދި ލަމްޙާގެ މައްޗަށް ތިން ދަޢުވާއެއް ކުރިއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ނާޖާއިޒު ގޮތެއްގައި ބާރުހިންގުން އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމެވެ.