ޚަބަރު
ސިގިރޭޓް ކޮންޓެއިނަރުތައް ވަގަށް ނެގީ އެއްގޮތް ދެ ކޮންޓެއިނަރު އެތާ ބަހައްޓާފައި: ފުލުހުން
ސިިގިރޭޓު ކޮންޓެއިނަރގ ވައްކަމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފަރާތްތައް ފޮޓޯ: އެޑިޝަން
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ވައްކަންކުރުމުގައި، އެ ދެ ކޮންޓެއިނަރާ އެއްގޮތަށް ދެ ކޮންޓެއިނަރު ތައްޔާރުކޮށް ބަދަލުކޮށްފައިވާކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު މި މައްސަލައާ ގުޅޭގޮތުން ދެއްވި މައުލޫމާތުގައި ވިދާޅުވީ، ސިނގިރޭޓް ހުރި 2 ކޮންޓެއިނަރު ވަގަށް ނަގައިފައިވަނީ ވަރަށް ރޭވުންތެރިކަމާއެކު ކަމަށެވެ. އެގޮތުން، އެމް.ޕީ.އެލް ޓާރމިނަލްގައި ހުރި ސިނގިރޭޓް ދެ ކޮންޓެއިނަރާ އެއްގޮތަށް އިތުރު ދެ ކޮންޓެއިނަރު ތައްޔާރުކުރުމަށްފަހު، އެމްޕީއެލް ޓާރމިނަލްގައި ހުރި އަސްލު ކޮންޓެއިނަރުތައް ވަގަށް ނެރެގެން ގެންގޮސް، އޭގެ ބަދަލުގައި ތައްޔާރުކުރި ކޮންޓެއިނަރުތައް ދޯންޏެއްގައި ޓާމިނަލަށް ގެންގޮސް ބަހައްޓާފައިވާ ކަމަށް ތަހުގީގަށް ހޯދިފައިވެއެވެ.
މި ކުށަށް އަރައިގަތުމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރުވެސް ބަދަލުކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވެއެވެ. ވަގަށް ނެގި ސިނގިރޭޓް ކޮންޓެއިނަރުތައް ދޯންޏަކަށް އަރުވައިގެން ތިލަފުށްޓަށް ގެންގޮސް، އެ ދެ ކޮންޓެއިނަރު އެތަނުގައި ބަހައްޓައިގެން ހަލާކު ކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މި ކޮންޓެއިނަރުތަކުގެ ބައިތައް ތިލަފުށީގެ ސައިޓެއްގައި ހުއްޓައި ފުލުހުން ވަނީ ހޯދާފައެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 09 ވަނަ ދުވަހުއެވެ. މި ވައްކަން ހިންގާފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި ސިނގިރޭޓްތަކެއް ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓައި، މި އަހަރުގެ އެޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ.
މިހާތަނަށް މި މައްސަލައާ ގުޅިގެން ޖުމުލަ 9 މީހަކު ހައްޔަރުކޮށް މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ. ހައްޔަރު ކުރި މީހުންގެ ތެރެއިން 7 މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. އަދި ޙުސައިން ސާމިޙު އާއި އަޙްމަދު ޝަހީމް ނަމަކަށް ކިޔާ ދެ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް މި މަހުގެ ފުރަތަމަ ދުވަހު ކޯޓަށް ހުށަހެޅުމުން، އެ ދުވަހުން ފެށިގެން 16 ދުވަހުގެ މުއްދަތަށް އެ ދެމީހުން ބަންދު ކުރުމަށްވެސް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ވިދާޅުވީ، ހައްޔަރުކުރި މީހުންގެ ތެރޭގައި ވައްކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނާއި، ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ އިތުރުން، ކޮންޓެއިނަރު ވަގަށް ގެންދިއުމުގައި ބޭނުންކުރި ދޯނި އެވަގުތު ދުއްވަން އިން ކެޕްޓަން އަދި މި ވައްކަން ކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާކަމަށް ތަހުގީގުން ހޯދުނު ފަރާތްތައް ހިމެނޭ ކަމަށެވެ.
މި މައްސަލައިގައި މިހައިތަނަށް 19 މީހަކު ފުރުން މަނާކުރެވިފައިވާއިރު، މައްސަލައިގެ ތަހުގީގުގެ ތެރެއިން 05 އުޅަނދެއް ބަލައިފާސްކޮށް، މާލެ، ހުޅުމާލެ އަދި ތިލަފުށީގެ 21 ތަނެއް ވަނީ ބަލައިފާސްކޮށްފައެވެ.
ފުލުހުންގެ ޚިދުމަތުން ވަނީ މި ވައްކަމާ ގުޅޭ އެއްވެސް މައުލޫމާތެއް، ނުވަތަ ވަގަށް ނަގައިފައިވާ ސިނގިރޭޓާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ސިނގިރޭޓް އެތެރެކުރުމުގެ ހުއްދަ ނެތި ފުޅާ ދާއިރާއެއްގައި ސިނގިރޭޓްގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މައުލޫމާތެއް، އެއްވެސް ފަރާތަކަށް އެނގޭނަމަ، ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް އެދިފައެވެ.