ދުނިޔެ

ސީރިޔާގައި އެތައް މިލިއަން ބަޔަކު ބޭސްފަރުވާ ހޯދުމަށް ދަތިވެފައި އެބަތިބި: ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ

ސީރިޔާގައި އެތައް މިލިއަން ބަޔަކު ބޭސްފަރުވާ ހޯދުމަށް ދަތިވެފައި އެބަތިބި: ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ

ސީރިޔާގެ ކުޑަކުއްޖަކަށް ފަރުވާދެނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 ނޮވެމްބަރު 2025، 11:13

05 ނޮވެމްބަރު 2025، 11:13

ސީރިޔާގައި އެތައް މިލިއަން ބަޔަކު ބޭސްފަރުވާ ހޯދުމަށް ދަތިވެފައި އެބަތިބި ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ބުނެފިއެވެ. 

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފައިވާ ގޮތުގައި ސީރިޔާގައި 7.4 މިލިއަން މީހުންނަށް ބޭހާއި ފަރުވާ ހޯދުމުގެ ފުރުޞަތު ކުޑަވެފައިވާއިރު، މި އަހަރުގެ މެދުން ފެށިގެން ފައިސާގެ ދަތިކަމުގެ ސަބަބުން 417 ޞިއްޙީ މަރުކަޒަށް އަސަރުކޮށްފައިވެއެވެ. ސީރިޔާގައި ހުންނަ ޑަބްލިއުއެޗްއޯގެ ވަގުތީ މަންދޫބު ކްރިސްޓީނާ ބެތުކީ ވިދާޅުވީ، ސީރިޔާގައި ކުއްލި ހާލަތުން އަނބުރާ އާރާސްތުވުމުގެ މަރުހަލާއަށް ބަދަލުވަމުންދާއިރު، ޤައުމީ ނިޒާމުތަކަށް ކަންކަމާއި ހަވާލުވެ ނުބެލެހެއްޓޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ބެތުކީ ވިދާޅުވި ގޮތުގައި 366 ޞިއްޙީ މަރުކަޒެއްގެ ޚިދުމަތްތައް ވަނީ ހުއްޓާލާފައި ނުވަތަ ޚިދުމަތް ކުޑަކޮށްފައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އެންމެ ދެ މަސް ދުވަހުގެ ތެރޭގައި 210،000 ރިފަރަލް ނުކުރެވި، 122،000 ޓްރޯމާ ކޮންސަލްޓޭޝަން ނުދެވި، އަދި 13،700 ވިހެއުން ކަމާބެހޭ ޞިއްޙީ އެހީތެރިއެއް ނެތި ކުރިއަށް ގެންދަން ޖެހުނު ކަމަށެވެ. މީގެ އިތުރުން 89،000 ނަފްސާނީ ޞިއްޙަތުގެ ކޮންސަލްޓޭޝަން ވެސް މީހުންނަށް ލިބިފައެއް ނުވެއެވެ.

ޞިއްޙީ ޚިދުމަތްތައް ހުރި ނާޒުކު ހާލަތު ފާހަގަކުރައްވައި ބެތުކީ ވިދާޅުވީ ހޮސްޕިޓަލްތަކުގެ ތެރެއިން ހަމައެކަނި 58 އިންސައްތަ އާއި އަސާސީ ޞިއްޙީ އެހީދޭ މަރުކަޒުތަކުގެ ތެރެއިން 23 އިންސައްތަ އެކަނި ފުރިހަމައަށް މަސައްކަތްކުރާ ކަމަށެވެ.

 ބޭހާއި ކަރަންޓާއި ސާމާނުގެ ދާއިމީ ދަތިކަމުގެ ސަބަބުން ޚިދުމަތްތައް ވަރަށް ނާޒުކު ހާލަތެއްގައި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. ރައްކާތެރި ނޫން ފެނާއި ހަލާކުވެފައިވާ ނަރުދަމާ ނިޒާމުގެ ސަބަބުން ކޮލެރާ، ލީޝްމަނިޔާސިސް ފަދަ ނުރައްކާތެރި ބަލިތައް ފެތުރިފައިވާ މިންވަރު އިތުރުވެފައިވެއެވެ.

އ.ދ. ގެ މި އޮފިޝަލް އިތުރަށް ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް 3 މިލިއަން މީހުން ދަނީ ބޭހާއި މުވައްޒަފުންނާއި ބިނާވެށި ނެތް ސަރަހައްދުތަކަށް ދިރިއުޅުން ބަދަލުކުރަމުންނެވެ. މިކަމުގެ ސަބަބުން މިހާރު ވެސް ބަލިކަށިކޮށް ހުރި ޞިއްޙީ ޚިދުމަތްތަކަށް އިތުރު ބާރު ބޮޑުވެއެވެ. ކަރަންޓުގެ ދަތިކަމުގެ ސަބަބުން ހޮސްޕިޓަލްތަކުގެ އޮޕަރޭޝަންތަކާއި ފެނުގެ ނިޒާމުތަކަށް ވެސް ނުރައްކާ ކުރިމަތިވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ އިންޒާރު ދެއްވީ ދާއިމީ ގޮތެއްގައި ދެމިގެންދާގޮތައް އެހީތެރިކަމެއް ނުލިބިއްޖެނަމަ، ސީރިޔާގެ ޞިއްޙީ ނިޒާމު އަނބުރާ އާރާސްތުނުކުރެވޭ ފެންވަރަށް ވެއްޓިގެން ގޮސްދާނެ ކަމަށެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން