Ads by Stelco

ޚަބަރު

ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނެ ވަކި ދުވަސްވަރެއް ކަނޑައަޅައިފި

ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނެ ވަކި ދުވަސްވަރެއް ކަނޑައަޅައިފި

ކަށިމިޔަރެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 ނޮވެމްބަރު 2025، 12:36

05 ނޮވެމްބަރު 2025، 12:36

ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ސަރުކާރުން ހުޅުވާލުމާއެކު، އެ މަސްވެރިކަން ކުރެވޭނެ ވަކި ދުވަސްވަރެއް ކަނޑައަޅައި، ޤަވާއިދު އާންމުކޮށްފިއެވެ. 

މި ޤަވާއިދުގައިވާ ގޮތުން ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ޖެހިގެން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މި މަސްވެރިކަން ހުޅުވާލާނެކަމުގެ އިއުލާނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވީ މިއަހަރުގެ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރޭގައެވެ.

ކަށިމިޔަރުގެ މަސްވެރިކަމަކީ އަހަރުތަކެއް ކުރިން ރާއްޖޭގައި ކުރި މަސްވެރިކަމުގެ ބާވަތެކެވެ. ރާއްޖޭގައި މީގެކުރިން ފަރު މިޔަރު، ކަނޑު މިޔަރު އަދި ކަށިމިޔަރުގެ މަސްވެރިކަން ކުރިއެވެ. ނަމަވެސް، އޭރު ކުރެވުނު ދިރާސާތަކަކުން މިޔަރުގެ އާބާދީ މަދުވަމުންދާ ކަމުގެ ކަންބޮޑުވުންތަކާ ގުޅިގެން މި މަސްވެރިކަން ހުއްޓާލެވުނެވެ. ފަހަކަށް އައިސް މަސްވެރިންގެ ފަރާތުން މިޔަރު ގިނަވެފައިވާކަމުގެ ޝަކުވާތައް އިވެމުންދާއިރު، ސަރުކާރުން އަންދާޒާކުރާ ގޮތުގައި މި މަސްވެރިކަމުން ބޮޑު ޢާމްދަނީއެއް ހޯދިދާނެއެވެ. އަދި މިއީ އަގު އެއްކޮށްގެން ކަށިމިޔަރު ތެޔޮ ތައްޔާރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ލިބިގެންދާނެ އިތުރު ފުރުސަތެކެވެ.

މި މަސްވެރިކަން ހުޅުވާލުމާ ގުޅިގެން، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާއި، ބެހޭ ޤަވާއިދު އާންމުކޮށްފައެވެ. މި ޤަވާއިދު އެކުލަވާލާފައިވަނީ ކަށިމިޔަރުގެ މަސްވެރިކަން މެނޭޖުކުރުމުގެ ރާއްޖޭގެ ޕްލޭން ތަންފީޒުކުރުމުގެ ގޮތުންނެވެ.

 މި ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ކަށިމިޔަރުގެ މަސްވެރިކަމުގައްޔާއި ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން އެކަން ކުރަންވާނީ ވުޒާރާއިން ދޫކުރާ ލައިސަންސްއެއްގެ ދަށުންނެވެ. މީގެ ތެރޭގައި މަސްވެރިކަންކުރާ އުޅަނދުފަހަރާއި، ޕްރޮސެސްކުރާ ފަރާތްތަކާއި، ސަޕްލައިކުރާ ފަރާތްތައް ހިމެނެއެވެ.

ލައިސަންސް ދޫކުރުމުގައި ވަކި ޢަދަދެއް ކަނޑައަޅާފައިވާއިރު، ގިނަވެގެން ޖުމްލަ 40 އުޅަނދަށް ލައިސަންސް ދޫކުރެވޭނެއެވެ. ލައިސަންސްގެ މުއްދަތަކީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ޖެހިގެން އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށެވެ. ލައިސަންސް ފީގެ ގޮތުގައި މަސްވެރިކަން ކުރާ އުޅަނދަށް އަހަރަކަށް 2000 ރުފިޔާ، ޕްރޮސެސްކުރާ ފަރާތްތަކަށް 5000 ރުފިޔާ އަދި ސަޕްލައިކުރާ ފަރާތްތަކަށް 3000 ރުފިޔާ ނެގުމަށް ވަނީ ހަމަޖައްސާފައެވެ.

ކަށިމިޔަރުގެ މަސްވެރިކަމުގައި ބާނާ މަސް ކިރޭނީ ހަތަރު ބަނދަރަކަށެވެ. އެއީ ހދ. ކުޅުދުއްފުށި ސީޓީ ބަނދަރު، ށ. ފުނަދޫ، ރ. މަޑުއްވަރީ އަދި އއ. ހިމަންދޫ ބަނދަރެވެ. މީގެ އިތުރުން، މި ގަވާއިދުގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް، ކަނޑުގެ ސަރަހައްދުގައި ކުރުން މަނާކަމަށް ކަނޑައަޅާފައިވާ އެހެން މަސްވެރިކަމުގެ ބާވަތްތައް ކުރުމަކީ މަނާކަމެއް ކަމަށް ވެސް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އާންމުކުރި ޤަވާއިދުގައި، ކަށިމިޔަރު މަސްވެރިކަމުގެ އުސޫލުތަކާ ޚިލާފުވާ ފަރާތްތަކަށް ދޭނެ އަދަބުތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އެގޮތުން، ޤަވާއިދުގައި ކަނޑައަޅާފައިވާ ސަރަހައްދު ނޫން އެހެން ސަރަހައްދެއްގައި މަސްވެރިކަން ކޮށްފިނަމަ، ނުވަތަ ކަށިމިޔަރު ފިޔަވައި އެހެން ބާވަތެއްގެ މިޔަރަކަށް އަމާޒުކޮށް މަސްވެރިކަން ކޮށްފިނަމަ، ކެޔޮޅު، އޮޕަރޭޓަރ ނުވަތަ ލައިސަންސްގެ ވެރިފަރާތް 100,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

މިފަދަ ކަމެއް ތަކުރާރުކޮށްފިނަމަ، ޖޫރިމަނާގެ އަދަދު 50,000 ރުފިޔާ އިތުރުކޮށް، ޖުމްލަ 400,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުން، ސައްހަ ލައިސަންސްއެއް ނެތި ކަށިމިޔަރު މަސްވެރިކަން ކޮށްފިނަމަ، އެއްފަހަރާ 400,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މި ޤަވާއިދުގައި ބަޔާންކޮށްފައިވާ އެހެނިހެން ކަންތައްތަކާ ޚިލާފުވާ ފަރާތްތައް ވެސް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން