Ads by Stelco

ޚަބަރު

ރާއްޖޭގައި ކޮލެޖް ހިންގާތާ 15 އަހަރުމުން އެތަނަކަށް ޔުނިވާސިޓީއެއްގެ ދަރަޖަ ލިބޭ ގޮތަށް ޤަވާއިދު އިސްލާޙްކޮށްފި

ރާއްޖޭގައި ކޮލެޖް ހިންގާތާ 15 އަހަރުމުން އެތަނަކަށް ޔުނިވާސިޓީއެއްގެ ދަރަޖަ ލިބޭ ގޮތަށް ޤަވާއިދު އިސްލާޙްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ. ފޮޓޯ: މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 ނޮވެމްބަރު 2025، 01:19

05 ނޮވެމްބަރު 2025، 01:19

ރާއްޖޭގައި ކޮލެޖު ހިންގާތާ 15 އަހަރުވުމުން އެތަނަކަށް ޔުނިވަރސިޓީއެއްގެ ދަރަޖަ ލިބޭގޮތަށް ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް ހުށަހެޅި އިސްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. 

މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ، ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމަށްފަހު ކޮމިޓީ ރިޕޯޓު މަޖިލީހަށް ހުށަހެޅުމާ ގުޅިގެންނެވެ. މި އިސްލާޙުގެ ސަބަބުން ރާއްޖޭގައި މަތީ ތަޢުލީމުގެ ދާއިރާ ފުޅާވެ، ޔުނިވަރސިޓީ ތަޢުލީމު ފޯރުކޮށްދިނުމުގެ ފުރުސަތު އިތުރުވާނެކަމަށް ބެލެވެއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާޢުއެވެ. ބިލު ދިރާސާކުރުމަށްފަހު، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ވަނީ އިސްލާޙުތަކާއެކު ބިލު ފާސްކުރުމަށް ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމާފައެވެ.

މިޤާނޫނަށް އިސްލާޙު ގެނައުމުގެ މަޤްސަދަކީ މަތީ ތަޢުލީމުގެ ދޮރު މިހާރަށްވުރެ ބޮޑަށް ހުޅުވާލައި، ވާސީލަތްތަކާއި ޤާބިލުކަން ހުރިފަރާތްތަކަށް ރާއްޖޭގައި ޔުނިވަރސިޓީ ތަޢުލީމު ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މިހާރު ރާއްޖޭގައި ޔުނިވަރސިޓީގެ ގޮތުގައި ހިންގަމުންދަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އެވެ.

ޤާނޫނުގައި މިހާރު އޮތްގޮތުން ރާއްޖޭގައި ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރެވޭނީ ކޮލެޖެއްގެ ގޮތުގައި މެދުކެނޑުމެއްނެތި ހިންގަމުން އަންނަތާ މަދުވެގެން 20 އަހަރުވެފައިވާ ތަންތަނަށެވެ. ނަމަވެސް، އިސްލާޙުގައި ވަނީ މި މުއްދަތު 15 އަހަރަށް ދަށްކުރުމަށެވެ. މީގެ އިތުރުން، ރާއްޖޭން ބޭރުގެ ޤައުމެއްގައި އެ ޤައުމުގެ ސަރުކާރުން ބަލައިގަންނަ ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެ ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ ތަންތަނަށްވެސް މި ޤާނޫނުގެ ދަށުން ޔުނިވަރސިޓީގެ ގޮތުގައި ރަޖިސްޓްރީކުރެވެއެވެ.

މުއްދަތު ކުރުކުރުމުގެ އިތުރުން، ޔުނިވަރސިޓީއެއްގެ ގޮތުގައި ކަނޑައެޅުމަށް މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ، ޔުނިވަރސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ޤާއިމުކުރެވިފައިވުމުގެ މާއްދާވެސް ވަނީ އިސްލާޙުކޮށްފައެވެ. ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު އެ ކޮލެޖެއްގައި ހުންނަންޖެހޭ ޝަރުތުތައް ތަފްސީލުކޮށް މި އިސްލާޙުގައި ވަނީ ބަޔާންކޮށްފައެވެ.

ކޮލެޖަކަށް ޔުނިވަރިސޓީއެއްގެ ދަރަޖަ ދިނުމަށް ކަނޑައަޅާފައިވާ މުހިންމު ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އަދި ލެވެލް 9 ގެ މަދުވެގެން 3 ދާއިރާއަކުން ޕްރޮގްރާމްތައް ހިންގުން، އަދި ލެވެލް 7ން ފެށިގެން މަތީގެ ކޯސްތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ޢަދަދު 1000 އަށްވުރެ ގިނަވުން ހިމެނެއެވެ. 

މީގެ އިތުރުން، ބައިނަލްއަޤްވާމީ ޔުނިވަރސިޓީ ރޭޓިން ނުވަތަ ރޭންކިންއެއްގައި ބައިވެރިވެ، ރޭންކުކޮށްފައިވުމާއި، ބައިނަލްއަޤްވާމީ ކޮލިޓީ އެޝުއަރެންސް ޖަމާޢަތެއްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ހޭދަކޮށްފައިވާ ކޮލެޖުތަކަށްވެސް ޔުނިވަރސިޓީގެ ދަރަޖަ ލިބޭނެއެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ރިސަރޗް މަސައްކަތްތަކާއި ބޭރުގެ ޔުނިވަރސިޓީތަކާއި ކޮލެޖު ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ކޮލެޖުތަކަށްވެސް ޔުނިވަރސިޓީގެ ދަރަޖަ ލިބޭނެކަމަށް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން، ކޮލެޖުގެ އެކަޑަމިކް ޕްރޮގްރާމުތަކުގައި ކިޔަވައިދޭ މުވައްޒަފުންގެ މަދުވެގެން 10 އިންސައްތައަކީ ޕީއެޗްޑީ ހާސިލްކޮށްފައިވާ މުވައްޒަފުންކަމަށް ވާންޖެހޭނެ ކަމަށާއި، ކޮލެޖުގައި މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ވަސީލަތްތައް ޤާއިމުކޮށްފައިވާ ކޮލެޖަކަށް ވާންޖެހޭނެ ކަމަށްވެސް ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާޙުގައި ވަނީ ބަޔާންކޮށްފައެވެ.

ޤާނޫނަށް ގެންނަ އިސްލާޙުތަކާއެކު އެކުލަވާލަންޖެހޭ އަދި އިސްލާހުކުރަންޖެހޭ ޤަވާއިދުތައް، ބިލު ތަސްދީގުކޮށް ޤާނޫނަށް ޢަމަލުކުރަން ފަށާތާ ދެމަސް ދުވަހުގެ ތެރޭގައި ފުރިހަމަކޮށް ގެޒެޓުގައި ޝާޢިއުކުރުމަށް ކޮމިޓީ މަރުހަލާގައި ވަނީ ބިލުގައި ހިމަނާފައެވެ. މި ބިލު މަޖިލީހުން ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އިއްތިފާޤުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން