ޚަބަރު
46 މެންބަރުންގެ އަޢުލަބިއްޔަތުން އެސްއީޒެޑް ބިލު މަޖިލީހުން ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ. ފޮޓޯ: މަޖިލިސް
އިންވެސްޓަރުން ޝައުޤުވެރިކުރުވައި، ބޮޑެތި ލުއިތަކާއިއެކު އިޤުތިޞާދީ މަސައްކަތްތައް ކުރުމަށް ވަކި ސަރަޙައްދުތަކެއް ކަނޑައެޅުމަށް މަގުފަހިކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ޤާނޫނަށް ހުށަހެޅި އިޞްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި ބިލު ފާސްކޮށްފައިވަނީ 46 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ. މި އިޞްލާޙުތަކުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއަށް ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ގެނައުމަށް މަގުފަހިކުރުމެވެ.
ސަރުކާރުގެ ފަރާތުން ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށައެޅުއްވީ، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢެވެ. މި ބިލު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، އެ ކޮމިޓީންވެސް ފާސްކުރީ ބިލު ފާސްކުރުމަށެވެ.
މި ބިލުގައި ސަސްޓެއިނަބަލް ޓައުންޝިޕެއް ތަރައްޤީކުރާ ޑިވެލޮޕަރަށް ނުވަތަ އިންވެސްޓަރުންނަށް ޚާއްސަ އިނާޔަތްތަކެއް ކަނޑައަޅާފައިވެއެވެ. އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން، މި ޒޯންތަކުގައި ހިންގާ މަސައްކަތްތަކުން ލިބޭ އާމްދަނީން ޓެކްސް ނަގާނެ ރޭޓަށް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން، ފުރަތަަމަ 10 އަހަރަށް 5 އިންސައްތައިގެ ރޭޓުން ޓެކްސް ނެގުމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި 11 ވަނަ އަހަރުން ފެށިގެން 20 ވަނަ އަހަރުގެ ނިޔަލަށް 10 އިންސައްތައިގެ ރޭޓުން ޓެކްސް ނެގުމަށް ހަމަޖައްސާފައިވެއެވެ. 21 ވަނަ އަހަރުން ފެށިގެން އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އާންމު ރޭޓުން ޓެކްސް ނެގޭނެއެވެ.
މީގެ އިތުރުން، ޒޯން ތަރައްޤީކުރުމަށްޓަކައި އެތެރެކުރާ ކެޕިޓަލް ގުޑްސްއަށް އިމްޕޯޓް ޑިއުޓީ ދައްކަން ނުޖެހޭގޮތަށް އިނާޔަތްތައް ދިނުމަށްވެސް މި ބިލުގައިވަނީ ބަޔާންކޮށްފައެވެ. ނަމަވެސް، މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ޒޯނެއްގައި ހިމެނޭ ޓޫރިސްޓް ރިޒޯޓެއްގެ ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމުގެ މުޢާމަލާތަކާ ގުޅިގެން 4 އިންސައްތައިގެ ރޭޓުން ޕްރޮޕަޓީ ޓްރާންސްފަރ ޓެކުހެއް ނެގޭނެ ގޮތަށް ބަދަލު ގެނެސްފައެވެ.
މި ބިލުގައި ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި އެސްއީޒެޑް ކަނޑައެޅުމަށް މަގުފަހިކުރުމަށްޓަކައި އެ ޒޯނާ ގުޅޭ ޝަރުތުތަކާއި އުސޫލުތައް ބަޔާންކޮށްފައިވެއެވެ. ސަސްޓެއިނަބަލް ޓައުންޝިޕަކީ، އެއް މެނޭޖްމަންޓެއްގެ ދަށުން ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗަރއާއެކު ޤާއިމުކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓެކެވެ.
އެސްއީޒެޑުގައި ކުރާ އިންވެސްޓްމެންޓަކީ، 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަ ނޫން ޢަދަދެއްގެ އިންވެސްޓްމަންޓަކަށް ވާންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. މި ޒޯންތަކުގައި ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ޚިދުމަތްތައް ހިމެނޭ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވަލޮޕްމަންޓާއި ލަގްޒަރީ ރެޒިޑެންޝަލް ފެސިލިޓީތައް ހިމެނޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވަލޮޕްމެންޓަށް ފުރުސަތު ލިބޭނެއެވެ. އަދި ބައިނަލްއަޤުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނުދޭ މަރުކަޒެއް ނުވަތަ ޞިއްޙީ ޚިދުމަތްދޭ މަރުކަޒެއް ޤާއިމުކުރުމަށްވެސް ހުއްދަ ދެވޭނެކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. މި ބިލު ފާސްވުމަކީ ބޮޑެތި ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނެސް، އިޤުތިޞާދު ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ.