ޚަބަރު
ހަމަހަމަކަމާއެކު ބައިނަލްއަޤުވާމީ ފެންވަރުގައި އިޖުތިމާޢީ ތަރައްޤީ ހޯދުމަށް މަސައްކަތްކުރުމުގެ އަޒުމުގެ މަތީ ދިވެހިރާއްޖެ ދެމިއޮންނާނެ: ނައިބު ރައީސް
ނައިބު ރައީސް ހުސެއިން މުޙައްމަދު ލަޠީފް. ފޮޓޯ:ރައީސް އޮފީސް
ޝާމިލުކަމާއި، ހަމަހަމަކަމާއި، ވިލުންތެރިކަމުގެ ތަރަހައިގެ ތެރެއިން، ބައިނަލްއަޤުވާމީ ފެންވަރުގައި އިޖުތިމާޢީ ތަރައްޤީ ހޯދުމަށް މަސައްކަތްކުރުމުގެ އަޒުމުގެ މަތީ ދިވެހިރާއްޖެ ދެމިއޮންނާނޭކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ދެއްވައިފިއެވެ.
އެމަނިކުފާނު މި ވާހަކަފުޅު ދެއްކެވީ، ޤަޠަރުގެ ދޯހާގައި ކުރިއަށްދާ ސެކަންޑް ވަރލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓްގައި ބައިވެރިވެވަޑައިގެން، ޤައުމީ ބަޔާން އިއްވަވަމުންނެވެ.
ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، 1995 ވަނަ އަހަރު ބޭއްވި ފުރަތަމަ ވަރލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓަށް ފަހު މި ވޭތުވި ދުވަސްތަކަށް ނަޒަރު ހިންގަވާލައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، އެންމެހައި އިންސާނުންނަށް އަމަންއަމާންކަމާއި، ފުދުންތެރިކަމާއި، ޢަބުރުވެރި ދިރިއުޅުމެއް ކަށަވަރުކުރުމުގެ އަސާސަކީ އިޖުތިމާޢީ ތަރައްޤީކަމުގައި ހެދުމުގެ ސާފު ތަޞައްވުރެއް ގެންގުޅެމުންދިޔަނަމަވެސް، ތަރައްޤީ މީޒާންވެފައި ނުވެއެވެ. މިކަމުގެ ސަބަބުން، އަންހެނުންގެ ޙައްޤުތައް ވަކި ހިސާބެއްގައި ހިފެހެއްޓި، ތަރައްޤީގައި ފަރަގުތައް އިތުރުވެ، މޫސުމީ ބަދަލުތަކުގެ ސަބަބުން ނާޒުކު މުޖުތަމަޢުތައް އިތުރު ހިރާހަށް ހުށަހެޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެ ފަދަ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އެންމެ ބޮޑު ވަސީލަތަކީ ރައްޔިތުންކަން ފާހަގަކުރައްވައި، އިންސާނީ ތަރައްޤީއަށް ވުނަކުރުމަކީ، އެފަދަ ޤައުމުތަކުގެ ކުރިއެރުމަށް މުހިންމު ކަމެއްކަން ނައިބު ރައީސް ވަނީ ބަޔާންކުރައްވާފައެވެ. އެހެންކަމުން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް އިސްކަންދީ، ޤައުމަށް އެންމެ މުހިންމު ކަންކަން ދެނެގަނެގެން، ޞިއްޙީފަރުވާގެ ނިޒާމާއި، ތަޢުލީމާއި، ޤައުމު ޑިޖިޓަލްކުރުމާއި، މޫސުމީ ވިލުންތެރިކަމަށް ވުނަކުރުމަކީ، ދިވެހި ސަރުކާރުން އެންމެ އަހުމިއްޔަތު ދޭ ކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ޤައުމުގެ އިޤްތިޞާދަށް ނޭދެވޭ އަސަރު ނުކުރާނޭ ފަދަ ގޮތަކަށް އިޖުތިމާޢީ ތަރައްޤީއަށް ޚަރަދުކުރުމުގެ މާލީ ޤާބިލިއްޔަތު ލިބިފައި އޮތުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ދަރަންޏަކީ ޤައުމުގެ ވިލުންތެރިކަން ބިނާކުރާ އާލާތަކަށް ހެދުމަށް ރާއްޖެއިން ހުށަހަޅާ ހުށެހެޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، މި ފަދަ މަސައްކަތްތަކުގެ އެހީގައި، އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތައް ހަރުދަނާކޮށް، މޫސުމީ ބަދަލުތަކަށް ވިލުންތެރި ބިނާރު ޤާއިމުކޮށް، ޑިޖިޓަލް އިންކްލޫޝަން ފުޅާކޮށްގެން، ޝާމިލު އަދި ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް މަގުފަހިކުރެވޭނޭކަމަށެވެ.
ނައިބު ރައީސް ވަނީ، އިސްރަށްވެހިންނަށް އިނާޔަތް ދިނުމާއި، ބޭސްފަރުވާއަށް ކަވަރޭޖްދިނުމުގެ ނިޒާމު (އާސަންދަ) އަދި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް އަސާސީ ޚިދުމަތްތައް ލިބޭނޭ އިންތިޒާމުތައް ޤައުމީ ފެންވަރުގައި ކަށަވަރުކުރުމުގައި ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން، 2030 ވަނަ އަހަރު އަންނަ އިރު، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 15 އިންސައްތަ ހިއްސާކުރާނީ ކްރިއޭޓިވް އިކޮނޮމީ އިން ކަމުގައި ހެދުމުގެ އަމާޒުގައި އެކުލަވާލާފައިވާ މޯލްޑިވްސް ކްރިއޭޓިވް އިކޮނޯމިކް ސްޓްރެޓީޖިކް އެކްޝަން ޕްލޭން އަށް އިޝާރާތްކުރައްވައި، މި މަސައްކަތުގެ ތެރެއިން ޒުވާނުންނަށް ފުރުޞަތުތައް އިތުރުކޮށް، އިޤްތިޞާދު ސިންދަފާތުކުރެވޭނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، އެއް ޤައުމުން އަނެއް ޤައުމަށް ދޭ އެއްބާރުލުން އިތުރުކުރުމަށް ގޮވާލައްވައި، އިންސާނީ ތަރައްޤީއަށް ވުނަކުރުމުގެ ފުރުޞަތު ފަހިވާނޭފަދަ ގޮތަކަށް ދުނިޔޭގެ މާލީ ނިޒާމު އިޞްލާޙުކުރުމަށް ގޮވާލައްވަމުންނެވެ. އެމަނިކުފާނު ވަނީ، ބައިނަލްއަޤުވާމީ ގުޅުންތަކާއި، އިޖުތިމާޢީ ޝާމިލުކަމާއި، ދެމެހެއްޓެނިވި ތަރައްޤީ ޤާއިމުކުރުމަށް، ދިވެހިރާއްޖެއިން އިޚުލާޞްތެރިކަމާއެކު މަސައްކަތްކުރަމުންދާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ޤަޠަރުގެ ދޯހާގައި ކުރިއަށްދާ، ސެކަންޑް ވަރލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓްގެ މަޤްޞަދަކީ، ޤައުމުތަކުގެ އިސް ވެރީންނާއި، ބައިނަލްއަޤުވާމީ ޖަމާޢަތްތަކާއި މަދަނީ ޖަމުޢިއްޔާތަކާއި އަމިއްލަ ފަރާތްތަކުން، އިޖުތިމާޢީ ތަރައްޤީ އާއި، ދެމެހެއްޓެނި ތަރައްޤީ އާއި ހަމަހަމަކަން ޤާއިމުކުރުމާ ގުޅޭގޮތުން ބައިނަލްއަޤުވާމީ ފެންވަރުގެ އަޒުމުތައް ކަނޑައެޅުމެވެ. މީގެ 30 އަހަރު ކުރިން، ފުރަތަމަ ފަހަރަށް، ވަރލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓް ބާއްވާފައިވަނީ، 1995 ވަނަ އަހަރު، ޑެންމާކްގެ ކޯޕަންހޭގަންގައެވެ.