ޚަބަރު
އެމްއެންޔޫގެ އައުޓްރީޗް ސެންޓަރެއް އުނގޫފާރުގައި ޤާއިމްކުރަނީ
އުނގޫފާރުގައި އެމްއެންޔޫގެ އައުޓްރީޗް ސެންޓަރެއް ޤާއިމްކުރުމަށް އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: ޕީއެސްއެމް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އައުޓްރީޗް ކެމްޕަހެއް ރ. އުނގޫފާރުގައި ޤާއިމްކުރުމަށްޓަކައި، އެކަމަށް ޚާއްސަކުރާ އިމާރާތް އުނގޫފާރު ކައުންސިލުން މިއަދު އެމްއެންޔޫއާ ރަސްމީކޮށް ޙަވާލުކޮށްފިއެވެ.
މިކަމަށްޓަކައި އެމްއެންޔޫގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ވަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަންވެސް ކުރިއަށް ގެންގޮސްފައެވެ.
އުނގޫފާރުގައި އެމްއެންޔޫގެ އައުޓްރީޗް ކެމްޕަހެއް ޤާއިމްކުރުމުގެ އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސްޗާންސެލަރ ޑރ. ޝެހެނާޒް އާދަމްއެވެ. އަދި އުނގޫފާރު ކައުންސިލް އިދާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދެވެ. މި މަޝްރޫޢަކީ އަތޮޅުތެރޭގެ ރަށްތަކަށް މަތީ ތަޢުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ މުހިއްމު މަސައްކަތެކެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ޝެހެނާޒް އާދަމް ވިދާޅުވީ، އުނގޫފާރުގައި މި ކެމްޕަސް ޤާއިމްކުރެވުމާއެކު ރ. އަތޮޅުގެ ހުރިހާ ރައްޔިތުންނަށްވެސް ތަޢުލީމީ ގޮތުން ކުރިއަރައިދިއުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށެވެ.
"އުނގޫފާރު ދަރިވަރުން ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އަންނަނީ ކާމިޔާބީތައް ހޯދަމުން. އުނގޫފާރުފަދަ ޢިލްމީ މުޖުތަމައުއަކަށް މިފަދަ ފުރުސަތެއް ހޯދައިދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ޤަބޫލުކުރަން. މިކަމުގެ ސަބަބުން އިތުރުވާނީ ހަމައެކަނި ތަޢުލީމީ ފުރުސަތުތަކެއް ނޫން. އިޤްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުންވެެސް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއް." ޑރ. ޝެހެނާޒް ވިދާޅުވިއެވެ.
އުނގޫފާރު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، މި އައުޓްރީޗް ކެމްޕަސްގެ ސަބަބުން ރ. އަތޮޅުގެ ރައްޔިތުންނަށް، ޚާއްސަކޮށް އުނގޫފާރުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ރަށުގައި ތިބެގެން އެކި ކޯސްތައް ހެދުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި އޭނާ އުއްމީދުކުރައްވާ ގޮތުގައި އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި މަދުވެގެން 3 ކޯހެއް ފެށުމުގެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. އެގޮތުން، ނާސިން، ޓީޗިން އަދި ކޮމްޕިއުޓަރ ޓެކްނީޝަނުން ތަމްރީނުކުރުމުގެ ކޯސްތައް ފެށުމަށް އުންމީދުކުރައްވާކަމަށް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
ޤައުމީ ޔުނިވަރސިޓީން އަންނަނީ ރާއްޖޭގައި ދެވޭ މަތީ ތަޢުލީމުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އައުޓްރީޗް ކެމްޕަސްތައް ޤާއިމްކުރުމުގެ އިތުރުން، އެކި ކުންފުނިތަކާއި ބައިނަލްއަޤްވާމީ ޔުނިވަރސިޓީތަކާއެކު އެއްބަސްވުންތައް ޤާއިމުކޮށް، ތަޢުލީމީ އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް، ދަރިވަރުންނަށާއި މުވައްޒަފުންނަށް ފަހި ފުރުސަތުތައް ހޯދައިދިނުމަށް އެ ޔުނިވަރސިޓީން ދަނީ މަސައްކަތް ކުރަމުންނެވެ.