ދުނިޔެ
ވިކިޕީޑިއާ އިން ޣައްޒާގެ ނަސްލުނައްތާލުމާ ގުޅޭ ސަފްހާތަކުގެ އެޑިޓް ކުރުން ވަގުތީ ގޮތުން ހުއްޓުވައިފި!
ވިކިޕީޑިއާ
ދުނިޔޭގެ އެންމެ ބޮޑު އޮންލައިން އެންސައިކްލޮޕީޑިއާ ކަމަށްވާ ވިކިޕީޑިއާ އިން، "ޣައްޒާގެ ނަސްލު ނައްތާލުން" އާ ގުޅުންހުރި ސަފްހާތައް އެޑިޓް ކުރުމުގެ އިޚްތިޔާރު ވަގުތީ ގޮތުން މަނާކޮށްފިއެވެ. މި ނިންމުން ނިންމީ ވަރަށް ނާޒުކު ބަހުސްތަކެއް ހިނގަމުންދާ މައުޟޫއެއްގައި ތަޢައްސުބު ނެތްކަން ދެމެހެއްޓުމުގެ ގޮތުން ކަމަށް ވިކިޕީޑިއާގެ ކޯ-ފައުންޑަރ ޖިމީ ވޭލްސް ވިދާޅުވެފައިވެއެވެ. މިކަން ހާމަކޮށްފައިވަނީ ނިއުޔޯކްގަ އެވެ.
އިޒްރޭލުން ޣައްޒާއަށް ދެމުންދާ އަސްކަރީ ހަމަލާތަކާއި މި ކާރިސާ ސިފަކުރާ ގޮތާ ބެހޭ ގޮތުން ބައިނަލްއަޤްވާމީ ފުޅާ ބަހުސެއް ހިނގަމުންދާ ދަނޑިވަޅެއްގައި ނެރުނު މި ނިންމުމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މީޑިއާ އާ ވާހަކަ ދައްކަވަމުން ވޭލްސް ވިދާޅުވީ، "ނިއުޓްރަލްކަން ދެމެހެއްޓުމަށްޓަކައި، ޣައްޒާގައި ނަސްލު ނައްތާލުން ހިނގަމުންދާ ކަމަށް ބައެއް ފަރާތްތަކުން ބުނާ މައުޟޫއާ ގުޅުންހުރި ލިޔުންތައް އެޑިޓް ކުރުން މަދުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑުމެން ދެކެން،" ކަމަށެވެ. "މިކަން މިވަގުތުވެސް އޮތީ ބަހުސްތަކާއި ތަހުގީގުތައް ހިނގަމުންދާ މައުޟޫއެއްގެ ގޮތުގައި. އެ ސަފްހާތަކުގައި ހުރި ބައެއް ކޮންޓެންޓްތައް ވިކިޕީޑިއާގެ އެޑިޓޯރިއަލް މިންގަނޑުތަކާއި ސިޔާސަތާ މުޅިން އެއްގޮތް ނުވޭ،" ވޭލްސް އިތުރަށް ވިދާޅުވިއެވެ.
މި ނިންމުމަށް ޣައްޒާގެ ކަންކަން ގާތުން ބަލަމުންދާ ޢިލްމުވެރިންނާއި، ނޫސްވެރިންނާއި، އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކުން ވަނީ އެކި ރައްދުތައް ދީފައެވެ. ވިކިޕީޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑެތި އޯޕަން-ސޯސް މައުލޫމާތު ޕްލެޓްފޯމްތަކުގެ ތެރެއިން އެއް ޕްލެޓްފޯމެވެ. މި ޕްލެޓްފޯމުން އޭގެ ބޭނުންކުރާ ފަރާތްތަކަށް ސަފްހާތައް އެޑިޓް ކުރުމުގެ ފުރުސަތު ދިނަސް، ބަހުސްތަކެއް ހިނގާ ނުވަތަ ވަރަށް ނާޒުކު މައުޟޫތަކުގެ ސަފްހާތައް ބައެއް ފަހަރު ވަގުތީ ގޮތުން ބްލޮކްކުރެވެއެވެ. މިއީ ހަގީގަތާ ޚިލާފު މައުލޫމާތު، އެޑިޓް ހަނގުރާމަ ، ނުވަތަ ތަޢައްސުބު ހުރި ކޮންޓެންޓް ފެތުރުން ހުއްޓުވުމުގެ ގޮތުންނެވެ.
އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް އ.ދ. އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިތުރުން ގިނަ އަދަދެއްގެ އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ވަނީ ކުށްވެރިކޮށްފައެވެ. އަދި ބައެއް އަމަލުތަކަކީ ނަސްލު ނައްތާލުމުގެ އަމަލުތައް ކަމަށްވެސް އެފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.