ދުނިޔެ

އިރާނުގެ ޖަލުގައި ތިން އަހަރަށް ވުރެ ގިނަދުވަހު ބަންދުކޮށްފައި ތިބި ފްރާންސްގެ ދެ ރައްޔިތުން ދޫކޮށްލައިފި

އިރާނުގެ ޖަލުގައި ތިން އަހަރަށް ވުރެ ގިނަދުވަހު ބަންދުކޮށްފައި ތިބި ފްރާންސްގެ ދެ ރައްޔިތުން ދޫކޮށްލައިފި

އީރާނުގެ ޖަލުގައި ހައްޔަރުކޮށްފައި ތިބި ދެމީހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 ނޮވެމްބަރު 2025، 03:40

05 ނޮވެމްބަރު 2025، 03:40

އިރާނުގެ ޖަލުގައި ތިން އަހަރަށް ވުރެ ގިނަދުވަހު ބަންދުކޮށްފައި ތިބި ފްރާންސްގެ ދެ ރައްޔިތުން ދޫކޮށްލައިފި ކަމަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ވިދާޅުވެއްޖެ އެވެ. 

އެ ދެމީހުންގެ މައްޗަށް ޖާސޫސްކުރުމުގެ ދައުވާ އުފުލާފައިވީ ނަމަވެސް، އެ ދައުވާ އެ ދެމީހުންގެ އާއިލާއިން ވަނީ ދޮގުކޮށްފަ އެވެ. ނަމަވެސް އެ ދެމީހުންނަށް ޤައުމަށް އެނބުރި ދެވޭނެ ވަގުތެއް އަދި ޔަޤީނެއް ނުވެ އެވެ.

ރައީސް މެކްރޯން ބުދަ ދުވަހު އެކްސް (ކުރީގެ ޓްވިޓާ) ގައި ވިދާޅުވީ، 41 އަހަރުގެ ސެސިލް ކޮހްލާ އާއި އޭނާގެ ބައިވެރިޔާ 72 އަހަރުގެ ޖެކް ޕެރިސް، ތެހެރާނުގެ އުތުރުގައި ހުންނަ އެވިން ޖަލުން ދޫކޮށްލާފައިވާ ކަމަށާއި، އެ ދެމީހުން މިހާރު ދަނީ ފްރާންސްގެ އެމްބަސީއަށް ކަމަށެވެ. މިއީ އިރާނުގައި ރަސްމީކޮށް ބަންދުކޮށްފައި ތިބި އެންމެ ފަހުގެ ފްރާންސްގެ ރައްޔިތުންނެވެ. މެކްރޯން ވަނީ މިކަމަށް “ބޮޑު ހިތްހަމަޖެހުމެއް” ފާޅުކުރައްވައި، މިއީ “ފުރަތަމަ ފިޔަވަޅެއް” ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ދެމީހުން “ވީހާވެސް އަވަހަށް” ފްރާންސަށް ގެނައުމަށް މަޝްވަރާތައް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

މި ދެމީހުން ހައްޔަރުކޮށްފައި ވަނީ 2022 ވަނަ އަހަރުގެ މެއި މަހު އިރާނަށް ޒިޔާރަތްކުރަނިކޮށެވެ. ފްރާންސުން ވަނީ އެ ދެމީހުން ބަންދުކުރުމަކީ “އަސާސެއް ނެތް އަދި ބޭއިންސާފު” ކަމެއް ކަމަށް ސިފަކޮށްފަ އެވެ. އެ ދެމީހުންގެ އާއިލާއިން ބުނެފައި ވަނީ އެ ދަތުރަކީ ހަމައެކަނި ފަތުރުވެރިކަމުގެ ދަތުރެއް ކަމަށެވެ. މި ދެމީހުންނަކީ ޓީޗަރުންނެވެ. ޕެރިސް މިހާރު ވަނީ ރިޓަޔާވެފަ އެވެ. 

އެމީހުންނަކީ އިރާނުން ހުޅަނގުގެ ޤައުމުތަކުން ހިތްހަމަޖެހުން ހޯދުމަށް “ބަދުނާމުކޮށް ހައްޔަރުކުރުމުގެ” ސްޓްރެޓެޖީގެ ދަށުން ހައްޔަރުކުރެވުނު ގިނަ އަދަދެއްގެ ޔޫރަޕްގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ބައެކެވެ.

އިރާނުގެ ޚާރިޖީ ވަޒީރުގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ، މައްސަލަ ބަލާ ފަނޑިޔާރުގެ ނިންމެވުމުގެ ދަށުން އެ ދެމީހުން ވަނީ ބަންދުން ދޫކޮށްލާފައި ކަމަށާއި، “ޝަރުއީ މަރުހަލާގެ ކުރިއަށް އޮތް ބަޔަށް ދާންދެން އެމީހުން ބެލުމުގެ ދަށުގައި ތިބޭނެ” ކަމަށެވެ. ފްރާންސްގެ ޚާރިޖީ ވަޒީރު ޖީން-ނޯއެލް ބާރޯޓް ފްރާންސް 2 ޓީވީއަށް ވިދާޅުވީ، އެ ދެމީހުން ފްރާންސްގެ ސަފީރުގެ ގަނޑުވަރުގައި “ސިއްހަތު ރަނގަޅު” ހާލުގައި ތިބި ކަމަށާއި، ނަމަވެސް އިރާނުން އެމީހުންނަށް ފުރަން ދެވޭނެ ވަގުތެއްގެ ތަފްސީލެއް ދެއްވަން ދެކޮޅު ހެއްދެވި އެވެ.

 އެ ދެމީހުންގެ ޕެރިސްގައި ހުންނަ ޤާނޫނީ ޓީމުން އެއެފްޕީ ނިއުސް އެޖެންސީއަށް ދިން ބަޔާނެއްގައި ބުނެފައި ވަނީ، މި ދޫކޮށްލުމަކީ “1،277 ދުވަހަށް ދިގުދެމިގެން ދިޔަ އެމީހުންގެ ބޭއިންސާފު ބަންދެއް ނިމުމަކަށް ގެނައުން” ކަމަށެވެ.

މި ދެމީހުން ދޫކޮށްލާފައި މިވަނީ އިރާނާއި ހުޅަނގުގެ ގައުމުތަކާ ދެމެދު ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. ޚާއްސަކޮށް ޖޫން މަހު އެމެރިކާ އާއި އިޒްރޭލް ގުޅިގެން އިރާނާ ދެކޮޅަށް 12 ދުވަހުގެ ހަނގުރާމައެއް ކުރުމަށް ފަހުގަ އެވެ. އަދި އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އ.ދ. ގެ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އަޅާފައިވާ ދަނޑިވަޅެއްގަ އެވެ. އިރާނުން ބުނަނީ އެމީހުންގެ ނިއުކްލިއާ ޕްރޮގްރާމަކީ ހަމައެކަނި ސިވިލް ބޭނުންތަކަށް ކަމަށެވެ.

ފްރާންސްގެ މި ދެމީހުންނަށް ޖާސޫސްކުރުމުގެ ދައުވާގައި މިދިޔަ މަހު ސިއްރުކޮށް ބޭއްވި ޝަރީއަތަކަށް ފަހު ޕެރިސްއަށް 17 އަހަރުގެ ޖަލު ހުކުމެއް، އަދި ކޮހްލާއަށް 20 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. ޖޫން މަހު ހަނގުރާމައިގެ ތެރޭގައި އެވިން ޖަލަށް އިޒްރޭލުން ދިން ހަމަލާއަކަށް ފަހު އެ ދެމީހުން އެވިން ޖަލުން ބަދަލުކުރުމުން އެމީހުންގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވުން އިތުރުވި އެވެ.

2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކޮހްލާ އިރާނުގެ ޓީވީއިން ދައްކާފައި ވަނީ، އެކްޓިވިސްޓުން ސިފަކުރާ ގޮތުގައި “ބާރުގެ ބޭނުންކޮށްގެން އިޢުތިރާފު ކުރުވުން” ގެ ގޮތުގަ އެވެ. މިއީ އިރާނުގައި ބަންދުކުރާ މީހުންނަށް އާންމުކޮށް ކުރާ ކަމެކެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނަނީ މިއީ އަނިޔާގެ ދަރަޖައަށްދާ ކަމެއް ކަމަށެވެ. ކޮހްލާގެ މައިންބަފައިން ކަމަށްވާ ޕާސްކަލް އާއި މިރޭލް ވަނީ އެއެފްޕީއަށް ދިން ބަޔާނެއްގައި، އެ ދެމީހުން މިހާރު “ފްރާންސްގެ ކުޑަ ކަނެއްގައި” ތިބުމުން “ބޮޑު ހިތްހަމަޖެހުމެއް” ލިބުނު ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެމީހުން ބުނެފައި ވަނީ “މިހާތަނަށް އެނގޭ ހަމައެކަނި ކަމަކީ” އެއީ ކަމަށެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން