ޚަބަރު
ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފުރަތަމަ އެއަރ ސްޓޭޝަން ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެއަރ ސްޓޭޝަންރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވުން ފޮޓޯ:ރައީސް އޮފީސް
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) ގެ ފުރަތަމަ އެއަރ ސްޓޭޝަން، "ގަން އެއަރ ސްޓޭޝަން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވައިފިއެވެ. މި އެއަރ ސްޓޭޝަން އިފްތިތާޙުކޮށްދެއްވީ، އައްޑު އަތޮޅުގެ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ގަންގައެވެ. މިއީ ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ޤައުމީ ދިފާޢީ ގާބިލިއްޔަތު އިތުރުކުރުމަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
ގަން އެއަރ ސްޓޭޝަން ޤާއިމުކޮށް، ޚިދުމަތް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤަރާރެއް ނެރުއްވީ މިއަހަރުގެ ނަޞްރުގެ ދުވަސްކަމަށްވާ 3 ނޮވެންބަރުގައެވެ. މި ޤަރާރުގައި، ދިވެހީންގެ ދީނާއި، ދިވެހީންގެ މިނިވަންކަމާއި، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި، ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށް ދިވެހި ސިފައިންގެ މައްޗަށް ވަނީ އަމުރުކުރައްވާފައެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ސަރަޙައްދުގައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގުމަށާއި، ރެޔާއި ދުވާލު ސައުވީސްގަޑިއިރު ހުއްޓުމެއްނެތި ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދު ދިފާޢުކޮށް ބެލެހެއްޓުމަށްވެސް ވަނީ އަމުރުކޮށްފައެވެ. ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި އަސްކަރިއްޔާއާ މަތިކުރެވިފައިވާ ޒިންމާއާއި ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި އެމް.އެން.ޑީ.އެފްގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން ޤާއިމުކޮށް، އެ އެއަރ ސްޓޭޝަނުގެ ޚިދުމަތް ފެށުމަށްވެސް މި ޤަރާރުން ދިވެހި ސިފައިންގެ މައްޗަށް ވަނީ އަންގައި އަމުރުކޮށްފައެވެ.
ގަން އެއަރ ސްޓޭޝަން ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެތަން ބައްލަވާލައްވާފައެވެ.
ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އިފްތިތާޙްކޮށް، އެމް.އެން.ޑީ.އެފްގެ އެއަރ ކޯރ އުފެއްދެވީ މިދިޔަ މާރިޗު މަހުގެ 15 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ. އެ ދުވަހު، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ސިފައިންގެ ޚިދުމަތް ތަޢާރަފްކުރެއްވީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ޚިދުމަތާއެކު ރާއްޖޭގެ ވައިގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމުގެ ގޮތުން އެސަރަޙައްދު ބެލެހެއްޓުމަށްޓަކައި ހިންގަންޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ވަނީ ފަށާފައެވެ. އަލަށް ހުޅުވުނު ގަން އެއަރ ސްޓޭޝަނާއެކު، ރާއްޖޭގެ ކަނޑާއި ވައިގެ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތަށް އިތުރު ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.