ޚަބަރު
އައްޑޫ ސިޓީގެ ލިންކު ރޯޑާއި މަގުތައް ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފަށައިފި
އައްޑޫ ސިޓީގެ ލިންކު ރޯޑާއި މަގުތައް ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފެށުން
އައްޑޫ ސިޓީގެ ލިންކު ރޯޑާއި އެސިޓީގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ. ސަރުކާރުން ވަނީ މި މަގުތައް ތަރައްޤީކުރާނީ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެފައެވެ. މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގައި ފުރަތަމަ އިސްކަންދެވޭނީ ރަށުގެ އިސް މުއައްސަސާތައް ހުންނަ މަގުތަކަށާއި، ބޮޑަށް ހަލާކުވެފައި ހުންނަ މަގުތަކަށް ކަމަށްވެސް ސަރުކާރުން މަޢުލޫމާތު ދެއްވައެވެ.
މިއީ ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ހިންގަވާ ބޮޑު މަޝްރޫޢެއްގެ ބައެކެވެ. ސަރުކާރުން އަންނަނީ މިފަދަ މަޝްރޫޢުތައް ރާއްޖޭގެ ކުންފުނިތަކާ ހަވާލުކުރައްވައިގެން ރަށްރަށުގެ ތަރައްޤީއަށް މަސައްކަތް ކުރައްވަމުންނެވެ.