ޚަބަރު
ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް ކައުންސިލްތަކުން ވަރަށް މަސައްކަތް ކުރޭ: ދާޚިލީ ވަޒީރު
ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން. ފޮޓޯ: ދާޚިލީ ވުޒާރާ
ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް ކައުންސިލްތަކުން ވަރަށް މަސައްކަތް ކުރާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު، ޕްރިންޓް ކުރުމުގެ ޚިދުމަތް ދ. ކުޑަހުވަދޫގައި ފެއްޓުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމުގެ މަސައްކަތް ބައްޓަންކުރުމުގަ ކައުންސިލްތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކުރައްވާފައެވެ. އަދި ވަޒީރު ވަނީ ކައުންސިލްތަކަށް ލިބޭ އާމްދަނީއަކުން އައިޑީ ކާޑުފަދަ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ނިންމަވާ ނިންމެވުމަކީ ފަސޭހަ ނިންމެވުމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ހިތްހަމަޖެހިގެން މި ޚިދުމަތް ރަށްރަށުގަ ދޭން ހުއްދަދެވޭ ވަރުވެއްޖެ ކަމަށާއި، މިފަދަ ޚިދުމަތްތަކަކީ ވަކިން ޚާއްސަކޮށް އައިޑީ ކާޑު ހަދަން ގެންގުޅޭ ބައެއް ސާމާނުތަކާއި އައިޑީ ކާޑުގެ ޑޭޓާ ބޭސްއަށް އެވާ އެކްސެސް އާއި އެ އެކްސެސްވެވޭ ސިސްޓަމްތަކާއި ވުޒާރާގެ ކޮންޓްރޯލުން ބޭރުން ކައުންސިލް އިދާރާއެއްގަ ބެހެއްޓުމަކީ ވަރަށް ބޮދު ޒިންމާއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެންނަމަވެސް އައިޑީ ކާޑުގެ ޚިދުމަތަކީ މުހިންމު ޚިދުމަތެއްކަން ދ. އަތޮޅު ކައުންސިލްގެ ރައީސް އަދި މެމްބަރުންނަށް ވިސްނުމުގެ ނަތީޖާއަކީ އައިޑީ ކާޑުގެ ޚިދުމަތް ދެވޭ ދެވަނަ ކައުންސިލަކަށް ކުޑަހުވަދޫ ވެގެންދިޔުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވިގެން އައީ ކައުންސިލުގެ އަމިއްލަ ޚަރަދުގައިކަން ފާހަގަކުރައްވާ ވަޒިރު ވަނީ މި މަސައްކަތަކީ މިލިއަނެއްހާ ފައިސާ ޚަރަދުވާ މަސައްކަތެއް ކަމަށާއި ރައްޔިތުންގެ ހައްގުގައި މިއީ ބޮޑު ޚަރަދެއް ހިނގާ ކަމެއްކަން ފާހަގަކުރައްވާފައެވެ.
މިތަކެތި މެއިންޓެއިން ކުރުމަށް އަޅުގަނޑުމެން މި ކަނޑައަޅާފަ ހުންނަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ މިންގަނޑުތަކަށް މިތަން ބެލެހެއްޓުމަކީވެސް ފަސޭހަ ކަމެއްނޫން. އެހެންވެގެން އަޅުގަނޑުމެން މި އަސްލު ބޭނުންވާ ސްޕީޑުގަ ކައުންސިލްތަކުން މި ޚިދުމަތް ނުފެއްޓިގެން އުޅެނީ
ދާޚިލީ ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ވަޒީރު ވަނީ މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑީއެންއާރު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ނައިބު ވަޒީރު އަހުމަދު އާލީ އަދި އައިޓީ ޑިރެކްޓަރ މުހައްމަދު އުމެއިރަށް ވަރަށް ޚާއްސަ ޝުކުރެއްވެސް އަދާކުރައްވާފައެވެ.