ޚަބަރު
ޝަރަފުއްދީން ސްކޫލާއި މަރަދޫ ސްކޫލްގެ މަލްޓި ޕަރޕަސް ހޯލް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
އެމްޓީސީސީއާއި ތަޢުލީމީ ވުޒާރާއާއި ދެމެދު އެއްބަސްވެވުމުގައި ސޮއިކުރުން
އައްޑޫ ސިޓީގައި ހުންނަ ޝަރަފުއްދީން ސްކޫލާއި، މަރަދޫ ސްކޫލުގައި މަލްޓިޕަރޕަސް ހޯލު އިމާރާތްކުރުމުގެ މުހިންމު މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.
މި އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙުސެން ސަޢީދު މުޙައްމަދެވެ. އަދި މި މަޝްރޫޢު ހިންގުމަށް ހަވާލުކުރެވުނު އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ. މި ދެ ސްކޫލަށް މަލްޓިޕަރޕަސް ހޯލު ލިބިގެންދިއުމަކީ އެ ސަރަހައްދުތަކުގެ ދަރިވަރުންނާއި މުދައްރިސުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމެކެވެ.
މި މަޝްރޫޢުގެ މަސައްކަތް ހަވާލުކުރެވުނު އެމްޓީސީސީއަކީ ވޭތުވެދިޔަ އަހަރުތަކުގައިވެސް ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ހިންގާފައިވާ ކުންފުންޏެކެވެ. އެގޮތުން ބަނދަރު ހެދުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ތަޢުލީމީ ދާއިރާގެ ގިނަ ޢިމާރާތްތަކެއްވެސް އެ ކުންފުނިން ވަނީ ބިނާކޮށްފައެވެ.
މިހާރުވެސް އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތައް ކުރިއަށްގެންދަމުންނެވެ. މި ދެ ސްކޫލުގެ މަސައްކަތް ހަވާލުކުރުމާއެކު، އައްޑޫ ސިޓީގައި އެ ކުންފުނިން ކުރިއަށްގެންދާ ތަރައްޤީގެ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.