ފަރުދުން

ޤުދުރަތީ ދިރުންތައް ތަޞްވީރުކުރުމުގައި ސުޖޫ ހޯދާފައިވާ ތަޖުރިބާ

ޤުދުރަތީ ދިރުންތައް ތަޞްވީރުކުރުމުގައި ސުޖޫ ހޯދާފައިވާ ތަޖުރިބާ

ސުޖުއާން ޤާސިމް (ސުޖޫ).

07 ނޮވެމްބަރު 2025، 05:42

ސުޖުއާން ޤާސިމް (ސުޖޫ) ފޮޓޮގްރަފީގެ މަސައްކަތްކުރަނީ ހަމައެކަނި އާމްދަނީ ހޯދުމުގެ ގޮތަކުން ނޫނެވެ. ވައިލްޑްލައިފް ފޮޓޮގްރަފީގެ ދާއިރާގައި އޭނާ ހައެއްކަ އަހަރު މިހާރު ހޭދަކޮށްފައިވާއިރު، ޤުދުރަތީ ދިރުންތައް ތަޞްވީރުކުރުމަކީ އޭނާ ވަރަށް ޝައުޤާއެކު ކުރާ މަސައްކަތެއް ކަމުގައި ސުޖޫ ކިޔައިދެއެވެ. ބިމާއި ކަނޑުއަޑީގެ ތަފާތު އެތައް ދިރުންތަކެއް ތަޞްވީރުކުރުމުގެ ފުރުޞަތު ސުޖޫއަށް ލިބިފައިވާއިރު، އެއީ ވަރަށް ތަފާތު ދެ ބާވަތް ކަމުގައި އޭނާ ޞިފަކުރެއެވެ.

ސުޖޫގެ މަސައްކަތް ޚާއްޞަވަނީ ކީއްވެ؟

"ފަރުދުން"އަށް ދިން ޚާއްޞަ ބަސްދީގަތުމެއްގައި ސުޖޫ ބުނީ، އޭނާގެ މަސައްކަތުގެ ޚާއްޞިއްޔަތަކީ، ކޮންމެ ތަޞްވީރެއް ނެގުމަކީ ވެސް ތަފާތު ތަޖުރިބާއެއް ކަމެވެ.

ކޮންމެ އެކްސްޕީރިއެންސްއެއް ވެސް ހަމަ ޔުނީކް. ދެން އެނެއް މެމޮރެބަލް ކަމަކަށް ވަނީ އެނިމަލްއާ އެންކައުންޓަރ ވުން.

ސުޖޫ

ސުޖޫގެ ކޮންމެ ތަޖުރިބާއަކީ ވެސް ވަރަށް ޚާއްޞަ ތަޖުރިބާއަކަށްވާއިރު، އޭނާ އެންމެ ހަނދާން ހުންނަ ކަމަކީ ޖަނަވާރާ ދިމާވާ ގޮތް ކަމުގައި ސުޖޫ ކިޔައިދިނެވެ. މި ގޮތުން، އޭނާގެ ހިތުގައި އެންމެ ހަރުލައިފައިވާ އެއް ތަޖުރިބާއަކީ އެންމެ ފުރަތަމަ ކާލިގަނޑު މިޔަރަކާ (ހެމަރހެޑް ޝަރކްއަކާ) ކައިރިން ދިމާވި ދުވަސް ކަމަށް ސުޖޫ ޙިއްޞާކުރިއެވެ. އެއީ ހުޅުމާލޭ ޝަރކް ޓޭންކުގައެވެ. ސުޖޫގެ ތަޖުރިބާތަކުގެ ތެރެއިން އޭނާ ފާހަގަކުރި އަނެއް ކަމަކީ، އެންމެ ފުރަތަމަ ޖަންގަލި ތެރެއިން މިނިކާވަގަކާ ދިމާވި ދުވަހެވެ. އެއީ 2020ވަނަ އަހަރުގައި ކަމަށް ސުޖޫ ކިޔައިދިނެވެ.

ސުޖޫގެ ތަޞްވީރުތަކުގެ ތެރެއިން.

ވައިލްޑްލައިފް ފޮޓޮގްރަފީން ފޯރުކޮށްދޭ މެސެޖު

ޤުދުރަތީ ދިރުންތައް ތަޞްވީރުކުރުމަކީ އެކަން ކުރާ މީހާއަށް ހިތްހަމަޖެހުން ލިއްބައިދިނުމުގެ އިތުރުން، މުޖުތަމަޢަށް މުހިންމު މެސެޖުތަކެއް ފޯރުކޮށްދިނުމުގެ ވަސީލަތެއް ވެސްމެއެވެ. މި ގޮތުން، ދިވެއްސަކަށް ވިޔަސް، އަދި ބޭރު ޤައުމެއްގެ މީހަކަށް ވިޔަސް، ސުޖޫގެ ތަޞްވީރުތަކުން ލިބިދޭ މައިގަނޑު މެސެޖަކީ ޤުދުރަތީ ރީތިކަމަށް ލޯބިކުރުމާއި، ޤުދުރަތީ ދިރުންތައް ޙިމާޔަތްކުރުމުގެ އަހަންމިޔަތު ކަމުގައި ސުޖޫ ބުނެދިނެވެ. މީގެ އިތުރުން، ރާއްޖޭގެ އިޤުތިޞާދުގެ ބިންގަލަކީ ފަތުރުވެރިކަން ކަމުގައިވާއިރު، ފޮޓޮގްރަފީ މެދުވެރިކޮށް ޠަބީޢަތަށް ގެއްލުންދިނުން ހުއްޓުވުމަށް ބާރުއެޅުމުން، ދިވެހި އިޤުތިޞާދަށް ކުރިއެރުން ލިބިގެންދާނެކަން ސުޖޫ ފާހަގަކުރިއެވެ. މިއީ ދިވެހި މުޖުތަމަޢަށްޓަކައި އޭނާގެ މަސައްކަތުން ޙާޞިލުކުރުމަށް އެދޭ އެންމެ މުހިންމު އެއް މަޤުޞަދު ކަމަށް ސުޖޫ ބުންޏެވެ.

މިހާރު... އަޅުގަނޑުމެންގެ ޤައުމުގައި މިވާ ގޮތަކީ... މުޅި ޤައުމުގެ އިޤުތިޞާދު ބިނާވެފައި މި އޮންނަނީ ޓޫރިޒަމްގެ މައްޗަށް. ދެން ޓޫރިޒަމް އަކީ މެއިންލީ ކަނޑާ ގުޅިފައިވާ އެއްޗެއް. އެކަމު ގިނަ ފަހަރު، ޢާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑެތި ގެއްލުންތަކެއް މާޙައުލުތަކަށާއި، އެތާނގެ ކަނޑުގެ ދިރުމާއި، އެ ކަންކަމަށް ވޭ. އެހެންވީމާ އެ ކަންކަމަށް އަޞްލު ހައިލައިޓް ދިނުން އެންމެ މުހިންމު އެއް މަޤުޞަދަކީ.

ސުޖޫ

ސުޖޫގެ ތަޞްވީރުތަކުގެ ތެރެއިން: އެތަތަކެއް.

ފޮޓޮގްރަފީގެ ދާއިރާއިން ސުޖޫގެ ކާމިޔާބީ

ވައިލްޑްލައިފްގެ މަސައްކަތުގައި ސުޖޫގެ އެންމެ ފާހަގަކޮށްލެވޭ  ކުރިއެރުމަކީ، ބައިނަލްއަޤުވާމީ ފެންވަަރުގައި އޭނާގެ ތަޞްވީރުތަކަށް ލިބިފައިވާ މަޤުބޫލުކަމެވެ. މި ގޮތުން، ޑިސްކަވަރީ، ނެޓް-ޖިއޯ، ބީ.ބީ.ސީ.، އަދި އެނިމަލް ޕްލެނެޓް ފަދަ މަޝްހޫރު ޢާލަމީ ޗެނަލްތަކުގައި އޭނާގެ ތަޞްވީރުތައް ބޭނުންކޮށްފައިވާއިރު، އިންޑިޔާގެ ބައެއް މެގަޒީންތަކުގައި ވެސް ސުޖޫގެ ފޮޓޯތައް ފީޗަރވެފައިވެއެވެ.

އެކަން ކުރާކަށް ޓާގެޓުކޮށްގެނެއް ނޫން ފޮޓޯ ނަގަނީކީ. އެކަމު އެއްކަލަ ކުޑައިރުއްސުރެން ބަލާ ހަދާ ޗެނަލްތަކެއް، ފޮލޯކުރާ ޗެނަލްތަކެއް ވީމަ، އެ ޕޭޖުތަކަށް ފީޗަރވުމަކީ އަޞްލު ވަރަށް ބޮޑު ފަޚުރެއް.

ސުޖޫ

ސުޖޫ ކިޔައިދިން ގޮތުގައި، އޭނާ ކުޑައިރުއްސުރެން ބަލަމުން އައި ޗެނަލްތަކެއްގައި އޭނާގެ މަސައްކަތް ދައްކާލެވިގެންދިޔުމަކީ އޭނާ ދުވަހަކުވެސް ތަޞައްވުރުކުރި ކަމެއް ނޫނެވެ. ވީމާ، އެ ފަދަ މަންސަތަކުގައި ފީޗަރވި  ފުރުތަމަ ފަހަރު އެ ކަން ވެގެންދިޔައީ ވަރަށް ޙައިރާންކުރަނިވި ކަމަކަށް ކަމަށް ސުޖޫ ޙިއްޞާކުރިއެވެ. ބައިނަލްއަޤުވާމީ ބޮޑެތި ޗެނަލްތަކާއި މެގަޒިންތަކުގައި ސުޖޫގެ މަސައްކަތް ހިމެނިގެންދިޔުމުގެ އެންމެ ބޮޑު ފައިދާއަކީ ގިނަ ބަޔަކަށް ސުޖޫގެ މަސައްކަތް ރީޗްވެ، ޕޮސިޓިވް ނަތީޖާއަކަށް މަގުފަހިވުން ކަމަށް އޭނާ ދެކެއެވެ.

އެންމެ ގަޔާވަނީ ކޮން ޖަނަވާރެއް ތަޞްވީރުކުރުމަށް؟

ސުޖޫ ބުނީ، އޭނާ ފޮޓޯނަގާކަށް ވަކި ޖަނަވާރެއް ނޯންނަ ކަމަށެވެ. މި ގޮތުން، ބިމުގައި އުޅޭ ދިރުމަކަށް ވިޔަސް، އަދި ކަނޑުއަޑީގައި އުޅޭ ދިރުމަކަށް ވިޔަސް، އޭނާ އެ އެއްޗެއް ތަޞްވީރުކުރަނީ ވަރަށް ގަޔާވުމާ އެކުގައެވެ. ނަމަވެސް އޭނާގެ އެންމެ "ފޭވަރިޓް" ޖަނަވާރަކީ ބިމުން ނަމަ މިނިކާވަގު، އަދި ކަނޑުއަޑިން ނަމަ ކޯމަހެވެ.

ކޮންމެ އެނިމަލްއަކަށް ވެސް ހަމަ ޝައުޤު ހުރޭ ނަގަން. ރެޕްޓައިލް ވިޔަސް، އަދި އިންސެކްޓެއް ވިޔަސް، މެމަލްއެއް ވިޔަސް. 

ސުޖޫ

ސުޖޫ ނަގާފައިވާ ކަނޑުގެ ތަޞްވީރުތަކުގެ ތެރެއިން. ފެހުރިއްސަކާއި ކޯމަސްތަކެއް.

ދާއިރާއަށް ނުކުތުމުގައި ސުޖޫގެ އިރުޝާދު

ފޮޓޮގްރަފީގެ ދާއިރާގައި ސުޖޫއަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި، މި ދާއިރާއަށް ނުކުތުމަށް އެދޭ ފަރާތްތަކަށް އޭނާ ވަނީ އިރުޝާދުތަކެއް ދީފައެވެ. ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ފޮޓޯނެގުމަށް އަގުބޮޑެތި ކެމެރާތަކާއި އާލަތްތައް ބޭނުންވާ ކަމަށެވެ. ނަމަވެސް ސުޖޫގެ ނަޞޭޙަތަކީ، އެ މީހެއްގެ މާލީ ޙާލަތާ އެކަށޭނަ ކެމެރާއަކުން ފެށުމަށެވެ. އެއަށް ފަހު މަޑުމަޑުން ކެމެރާގެ ފެންވަރު ރަނގަޅުކުރެވޭނެ ކަމަށް ސުޖޫ ކިޔައިދިނެވެ.

އަޅުގަނޑު ފެއްޓީ ހަމަ ގޯ-ޕްރޯއިން. ގޯ-ޕްރޯއިން ފައްޓައިގެން ދެން ހަމަ ލާރި ސޭވްކޮށްގެން އެއަށް ވުރެ ރަނގަޅު ކެމެރާއެއް ގަތީ.

ސުޖޫ

ސުޖޫ އިތުރަށް އިރުޝާދު ދިނީ، ފޮޓޮގްރަފީއަކީ ޝައުޤުވެރިކަމާ އެކު ކުރާ ކަމަކަށް ހެދުމަށެވެ. މި ގޮތުން، މީހުން ކިޔާ އެއްޗަކަށް ނުބަލާ، ކުރިއަށް ދިޔުމުގެ މަޤުޞަދުގައި މަސައްކަތްކުރުމުން ކުރިއެރުން ލިބޭނެ ކަމަށް ސުޖޫ ބުނެދެއެވެ.

މުސްތަޤުބަލަށް ސުޖޫގެ ތަޞައްވުރު

ފޮޓޮގަރްފީގެ ދާއިރާއިން މުސްތަޤުބަލަށް ސުޖޫގެ އޮތް ތަޞައްވުރާ މެދު ސުވާލުވެވުމުން ސުޖޫ ބުނީ، އޭނާގެ އުންމީދަކީ މި ދާއިރާއިން އިތުރަށް ކުރިއަށް ގޮސް، ދާއިރާގައި ހުނަރު ތަރައްޤީކުރެވެން އޮތް އެންމެ ދުރަށް ވާޞިލުވުން ކަމުގައެވެ. 


@farudhun

Farudhun Segment Ep 08 - Suju Gasim - Kudakuda dhivehiraajjeyga huri Kulhadhaana Wild Life Photographer eh

♬ original sound - Farudhun


Ads by MSS

މި ލިޔުން ކިޔާލުމުން