ޚަބަރު
ބައެއް ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތައް ހަރުކޮށް، ބޭނުންކުރަން ފަށައިފި
ހިޔާ ޓަވަރު 2ގައި އަލަށް ހަރުކުރި ލިފްޓު. ކްރެޑިޓް: އަޙުމަދު ޖައިޝަމް/ވަގުތު
ފަރުދުން
06 ނޮވެމްބަރު 2025، 05:01
06 ނޮވެމްބަރު 2025، 05:01
ހިޔާ ފުލެޓުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ލިފްޓުގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން، އިތުރު ލިފްޓު ހަރުކުރުމަށް ފަށާފައިވާ މަސައްކަތުގެ ބޮޑު ބައެއް ނިމި، ބައެއް ޓަަވަރުތަކުގައި އައު ލިފްޓުތައް ބޭނުންކުރަން ފަށާފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ.)އިން އިއްޔެ ހާމަކޮށްފިއެވެ.
މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަން ފާހަގަކުރަމެވެ.
އެޗް.ޑީ.ސީ.ގެ އިދާރީ ބޭފުޅަކު އިއްޔެ ވިދާޅުވީ، ހިޔާ ފުލެޓުތަކުގެ ޖުމުލަ 16 ޓަވަރުގައި އިތުރު ލިފްޓުތައް ހަރުކުރުމަށް ފަށާފައިވާ މަޝްރޫޢުގެ ދެބައިކުޅަ އެއްބައި ނިމިފައިވާ ކަމަށާއި، މި މަސައްކަތުގެ ދަށުން 1ވަނަ، 3ވަނަ އަދި 4ވަނަ ޓަވަރުގައި ހަރުކުރި އައު ލިފްޓުތައް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން، 2ވަނަ ޓަވަރުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް އެއްކޮށް ނިމިފައިވީ ނަމަވެސް، އަދި ބޭނުންކުރަން ނުފަށާ ކަމަށް އޮފިޝަލު ވަނީ މަޢުލޫމާތު ދެއްވާފައެވެ.
އިސްވެ ދެންނެވުނު ޓަވަރުތަކުގެ އިތުރުން، ބާކީ ހުރި ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތުގެ 50% ވަނީ ނިމިފައެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑްއާއެވެ.
މިދިޔަ އަހަރުގެ އެޕްރީލް މަހު އެ ކުންފުންޏާ ޙަވާލުކުރި މި މަޝްރޫޢު އަންނަ މަހުގެ ނިޔަލަށް ނިންމަން ކުރިން އެއްބަސްވެފައިވީ ނަމަވެސް، މަޝްރޫޢުގެ މުއްދަތު އިތުރުކޮށް، ލިފްޓުތައް އެއްކޮށް ހަރުކޮށް ނިމޭނީ އަންނަ އަހަރުގެ ޖޫން މަހަށް ކަމަށް އެންގިފައިވެއެވެ.
ހިޔާ ޓަވަރުތަކުގައި ޖުމްލަ 32 އިތުރު ލިފްޓު ހަރުކުރުމަށްޓަކައި، މި މަސައްކަތަށް 18 މިލިއަން ޑޮލަރު (278 މިލިއަން ދިވެހި ރުފިޔާ) ޚަރަދުވެގެންދާނެއެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޢިމާރާތްކުރި 25 ބުރީގެ 16 ހިޔާ ޓަވަރުގައި މިހާރު ހުރީ 3 ނުވަތަ 4 ލިފްޓެވެ. ނަމަވެސް އެ ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ ގިނަކަމުން އަރައި ފޭބުމަށް ދަތިވާތީ، ރައްޔިތުންގެ ޝަކުވާ ނުހަނު ބޮޑުވެފައިވެއެވެ. މި ދަތިކަމަށް ޙައްލެއް ހޯދައިދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވަޢުދުވެވަޑައިގެންފައިވެއެވެ. މި ވަޢުދުފުޅު ޙަޤީޤަތަކަށް ވުމާ މިހާރު ވަނީ ގާތްވެފައެވެ.