ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން "ވަރަ" އެކްސްޕޯ ހުޅުވައިދެއްވައިފި
އެކްސްޕޯ ހުޅުވައިދެއްވުން/ފޮޓޯ: ވުޒާރާ
"ވަރަ" އެކްސްޕޯގެ ނަމުގައި ކުރިއަށްގެންދާ ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ހުޅުވައިދެއްވައިފި އެވެ.
މި އެކްސްޕޯއަކީ، ވަޒީފާގެ ބާޒާރުގައި ދިވެހިން އިތުރުކޮށް، ވަޒީފާ އަދާކުރަމުންދާ މީހުން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން ހޯދައިދިނުމަށާއި، ޑިޖިޓަލް އައު ގޮތްތައް މެދުވެރިކޮށް ޒުވާނުން ބާރުވެރިކުރުވުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ އެކްސްޕޯއެކެވެ.
މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ "ވަރަ" އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ކާމިޔާބީތަކާއި އުސްއަލިތައް ހިމެނޭ ޚާއްޞަ ފޮތެއް ވަނީ ލޯންޗުކޮށްފައެވެ. މި ފޮތް ލޯންޗްކޮށްދެއްވާފައި ވަނީ، މެޑަމް ސާޖިދާ މުޙައްމަދެވެ. މި އެކްސްޕޯ ހުޅުވައިދެއްވުމަށްފަހު މެޑަމް ސާޖިދާ ވަނީ އެކްސްޕޯގައި ބައިވެރިކޮށްފައިވާ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާފައެވެ.
މި އެކްސްޕޯގެ ތެރެއިން 1،000 އަށްވުރެ ގިނަ ވަޒީފާއާއި، 500 އަށްވުރެ ގިނަ ތަޢުލީމީ ކޯސްތަކަށް ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވާއިރު، އަލަށް ތައްޔާރުކޮށްފައިވާ ހަޔަރ އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ޕޯޓަލް، މެދުވެރިކޮށް ތަޢުލީމީ ކޯސްތަކަށް ވަގުތުން ރަޖިސްޓްރީކޮށް ކޯސްތަކަށް ކުރިމަތިލެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ވެސް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. ހަމަ އެހެންމެ، ހުނަރާއި އެންމެ އެކަށީގެންވާ ވަޒީފާގެ ފުރުޞަތުތައް ދެނެގަތުމަށްޓަކައި ޑިޖިޓަލް އިންޓަގްރޭޝަން ބޭނުންކުރެވޭނެކަމަށް ވެސް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
'ވަރަ' އެކްސްޕޯއަކީ، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބާއްވާ މިފަދަ ފުރަތަމަ އެކްސްޕޯ ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.