ޚަބަރު
ޚާރިޖީ ވަޒީރު، ޤަތަރުގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފި
ބައްދަލުކުރެއްވުމުގެ ތެރެއިން/ފޮޓޯ: ވުޒާރާ
ޚާރިޖީ ވަޒީރު ޑރ.ޢަބްދުالله ޚަލީލް، ޤަޠަރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަދި ކެބިނެޓް ވަޒީރު ސުލްޠާން ބިން ސާދު ބިން ސުލްޠާން އަލް މުރައިކީ އާ ބައްދަލުކުރައްވ މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ޚާރިޖީ ވުޒާރާގައި ކުރިިއަށްދިޔަ މި ބައްދަލުވުމުގައި، ވަޒީރު ވަނީ ޤަޠަރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒަށް މަރްޙަބާ ދަންނަވައި، ދިވެހިރާއްޖޭއަށް ޤަތަރުގެ ސަރުކާރުން ދެއްވަމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި، ޝުކުރު ދަންނަވާފައެވެ. ހަމަ އެހެންމެ، އިސްލާމްދީނުގެ މަތިވެރި އަސާސްތަކާއި، އެއްގޮތް ޘަޤާފަތެއްގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ޒަމާންވީ އަޚްވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ދެޤައުމުގެ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް ދެބޭފުޅުން ވެސް ވަނީ މަޝްވަރާކުރައްވާފަ އެވެ.
މީގެ އިތުރުން، ދިވެހިރާއްޖެއާއި ޤަޠަރާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި އިޤްތިޞާދީ ރޮނގުންނާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، މަތީ ތަޢުލީމް ހާސިލްކުރުމުގެ ފުރުޞަތުތަކާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުންދީ ދެ ޤައުމުގެ މަޞްލަޙަތު ކުރިއެރުވުމަށާއި ދިވެހިރާއްޖެއާއި ޤަޠަރާއި ދެމެދު ފަރުދުންގެ ފެންވަރުގައި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު ވަނީ، ބައިނަލްއަޤްވާމީ މަޝްރަހުގައި އަދި ވަކީން ޚާއްޞަކޮށް ފަލަސްޠީނުގައި ކުރިއަށްދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޤަތަރުން އަދާކުރެއްވި އިސް ދައުރު ފާހަގަކުރައްވައި، ފަލަސްޠީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މި ބައްދަލުވުން ނިންމަވާލެއްވީ ދެޤައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަކޮށް ދެ ޤައުމުގެ ރައްޔިތުންނަށް ވެސް ފައިދާކުރުވަނިވި ގުޅުމަކަށް ހެދުމުގެ ޔަޤީންކަން އައުކުރައްވަމުންނެވެ.