ދީން / ޚަބަރު
މިއަދު ސޮއިކުރެވުނު މަޝްރޫޢުތަކުން ދައްކުވައިދެނީ ކޮންމެ ރަށަކަށް ތަރައްޤީ ގެނެސްދިނުމުގައި މިސަރުކާރުގެ ސިޔާސަތު: މާލީ ވަޒީރު
ރަސްމިއްޔާތަށް ވަޑައިގަތުން/ފޮޓޯ: ރައީސް އޮފީސް
މިއަދު ސޮއިކުރެވުނު މަޝްރޫޢުތަކުން ދައްކުވައިދެނީ ކޮންމެ ރަށަކަށް ތަރައްޤީ ގެނެސްދިނުމުގައި މިސަރުކާރުގެ ސިޔާސަތުކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރގެ ކުންފުނިތަކާ ގިނަ އަދަދެއްގެ މަޝްރޫޢުތައް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ޒަމީރު ވިދާޅުވީ، ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ.) ގެ ދަށުން 2.7 ބިލިއަން ރުފިޔާގެ 206 ތަރައްޤީގެ މަޝްރޫޢުގައި އެކި ކުންފުނިތަކާއެކު މިއަދު ސޮއިކުރައްވާފައިވާ ކަމަށެވެ. ހަމަ އެހެންމެ، މި އިންވެސްޓަރ މޮޑެލް ގެ ދަށުން ފައިނޭންސްކުރެވޭ މި މަޝްރޫޢުތަކަކީ ދިވެހި ކޮންޓްރެކްޓަރުން ބާރުވެރިކުރުވައި، ޤައުމުގެ ހުރިހާ ކަންކޮޅެއްގައި އަވަސް ކުރިއެރުން ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ބޯހިޔާވަހިކަމާއި ޞިއްޙަތުން ފެށިގެން ތަޢުލީމާއި މުޖުތަމަޢުގެ ވަޞީލަތްތަކާ ހަމައަށް، މި މަޝްރޫޢުތަކުން ދައްކުވައިދެނީ ދިވެހިރާއްޖޭގެ ކޮންމެ ރަށަކަށް ތަރައްޤީ ގެނެސްދިނުމުގައި މިސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ކަމަށެވެ. ހަމަ އެހެންމެ، މިއީ ހުރިހާ ދިވެހިންނަށް ހަމަހަމަކަމާއި، ފުރުޞަތުތަކާއި، ކުރިއެރުން ކަށަވަރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މިއަދު ސޮއިކުރެވިގެން ދިޔަ ހުރިހާ މަޝްރޫޢުއެއް ވެސް ހަލުވި ސްޕީޑުގައި ނިމި، އޭގެން ރައްޔިތުންނަށް އެތައް ލުއިފަސޭހައެއް ލިބޭނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.