ވިޔަފާރި / ދުނިޔެ
ގަތަރު އެއާވޭސް އިން ކެތޭ ޕެސިފިކްގެ ހިއްސާ ވިއްކާލައިފި!
ގަތަރު އެއަރވޭސް އަދި ކެތޭ ޕެސިފިކްގެ ލޯގޯ
ގަތަރު އެއާވޭސް އިން، ހޮންގްކޮންގްގެ ފްލެގްޝިޕް އެއާލައިން ކެތޭ ޕެސިފިކް އެއާވޭސްގައި އޮތް އެ ކުންފުނީގެ 9.7% ހިއްސާ ވިއްކާލައިފިއެވެ. މި މުޢާމަލާތާއެކު، ގަތަރު އެއާވޭސް އިން 8 އަހަރު ދުވަހު ކެތޭ ޕެސިފިކްއަށްކުރި އިންވެސްޓްމަންޓް ވަނީނިމުމަކަށް އައިސްފައެވެ. ހިއްސާ އަގަކީ 6.97 ބިލިއަން ހޮންގްކޮންގް ޑޮލަރު (897 މިލިއަން އެމެރިކާ ޑޮލަރު) ކަމަށް ވަނީ ހާމަކޮށްފައެވެ.
ކެތޭ ޕެސިފިކް އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އެ ކުންފުނިން ވަނީ 10.83 ހޮންގްކޮންގް ޑޮލަރުގެ ރޭޓުން މި ހިއްސާ ގަނެފައެވެ.މި ހިއްސާ އަނބުރާ ގަތުމަށް ބޭނުންވި ފައިސާ ހޯދާފައިވަނީ ކެތޭގެ އަމިއްލަ ވަޞީލަތްތަކުންނާއި، މިހާރު ހުރި ކްރެޑިޓް ލައިންތަކުން ކަމަށް ވެސް ކެތޭ ޕެސިފިކް އިން ބުނެއެވެ.
ގަތަރު އެއާވޭސް އިން ކެތޭ ޕެސިފިކްގެ ހިއްސާ ގަނެފައިވަނީ 2017 ވަނަ އަހަރުގައެވެ. އޭރު އެ ކުންފުނި ވެފައިވަނީ، ސްވައިއާރ ޕެސިފިކް އަދި އެއާރ ޗައިނާ އަށްފަހު، ކެތޭގެ ތިންވަނަ އެންމެ ބޮޑު ހިއްސާދާރަށެވެ. ނަމަވެސް، ގަތަރު އެއާވޭސް އަށް ކެތޭ ޕެސިފިކްގެ ބޯޑުގެ އެއްވެސް ގޮނޑިއެއް ލިބިފައިނުވާތީ، ކުންފުނީގެ ނިންމުންތަކަށް ނުފޫޒު އޮތީ ކުޑަވެފައެވެ.
މާކެޓްގެ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި، ކެތޭ ޕެސިފިކް އިން މި ހިއްސާ އަނބުރާ ގަތުމުގެ ސަބަބުން މާކެޓްގައި ދައުރުވާ ހިއްސާގެ ޢަދަދު މަދުވެ، އެ ކުންފުނީގެ ހިއްސާގެ އަގު މަތިވުމަށް އެހީތެރިވެދާނެއެވެ. މިކަން އިއުލާންކުރުމާއެކު، ކެތޭ ޕެސިފިކްގެ ހިއްސާގެ އަގު 4.8% މަތިވެފައިވާއިރު، އެއާރ ޗައިނާގެ ހިއްސާ 4% އަދި ސްވައިއާރ ޕެސިފިކްގެ ހިއްސާ 1% މަތިވެފައިވެއެވެ.
މާކެޓް އެނަލިސްޓުން ވިދާޅުވާ ގޮތުގައި، ގަތަރު އެއާވޭސް އިން މި ނިންމުން ނިންމާފައިވަނީ ވިޔަފާރީގެ ދެބަސްވުމަކާ ގުޅިގެން ކަމަށް ނުބެލެވެއެވެ. އޭގެ ބަދަލުގައި، އެއީ އެ ކުންފުނީގެ މާލީ ރޭވުންތަކާއި ގުޅިގެން ނެގި ނިންމުމެއް ކަމަށް ބެލެވެއެވެ. ޗައިނާ އެވަރބްރައިޓް ސެކިއުރިޓީޒް އިންޓަރނޭޝަނަލްގެ ސެކިއުރިޓީޒް ސްޓްރެޓީޖިސްޓް ކެނީ އެން.ޖީ ލައި-ޔިން ވިދާޅުވީ، "މިއީ ކެތޭއާ ގުޅުން ހުރި ކަމަކަށްވުރެ ބޮޑަށް ގަތަރު އެއާވޭސްގެ މާލީ ކަންކަމާ ގުޅުން ހުރި ކަމެއް."
ގަތަރު އެއާވޭސްގެ ސީ.އީ.އޯ ބަދުރު މުޙައްމަދު އަލް-މީރް ވިދާޅުވީ، މިކަމުން ދައްކުވައިދެނީ، މާލީ ގޮތުން ރަނގަޅު ނަތީޖާއެއް ހޯދުމަށްފަހު، އިންވެސްޓްމަންޓްތައް އެންމެ ރަނގަޅު ގޮތަކަށް ބައްޓަންކޮށް، ދުރު ރާސްތާގެ ކުރިއެރުމަށް ސަމާލުކަން ދިނުމަށް ނެގި ސްޓްރެޓީޖިކް ނިންމުމެއް ކަމަށެވެ.
ކެތޭ ޕެސިފިކްގެ ޗެއާމަން ޕެޓްރިކް ހީލީ ވިދާޅުވީ، މި ހިއްސާ އަނބުރާ ގަތުމުން ދައްކުވައިދެނީ އެ ކުންފުނީގެ ރަނގަޅުވަމުންދާ ހާލަތަށް އޮތް އިތުބާރު ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ކެތޭ ޕެސިފިކް އިން އަންނަ 7 އަހަރުގެ ތެރޭގައި 100 ބިލިއަން ހޮންގްކޮންގް ޑޮލަރުގެ އިންވެސްޓްމަންޓް ޕްލޭނަކާއެކު ކުރިއަށްދާ ކަމަށެވެ. މި ޕްލޭންގެ ދަށުން އައު މަތިންދާބޯޓުތަކާއި، ކެބިންތައް އިތުރަށް ތަރައްޤީކުރުމާއި، އެއާޕޯޓް ލައުންޖްތައް ރަނގަޅުކުރުން ހިމެނެއެވެ.
އޭޝިއާގެ މުދާ އުފުލާ މުހިންމު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކެތޭ ޕެސިފިކް އަށް ވަނީ ޗައިނާއިން އިތުރުވަމުންދާ އީ-ކޮމާސްގެ މުދާ އުފުލުމުން ބޮޑު ފައިދާއެއް ލިބިފައެވެ. ކޮވިޑް-19 ބަލިމަޑުކަމުގެ ދުވަސްވަރު ލިބުނު ބޮޑެތި ގެއްލުންތަކުން މިހާރު ކެތޭ ޕެސިފިކް ރަނގަޅުވަމުން އަންނަ ކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ. މިދިޔަ އަހަރާ އަޅާބަލާއިރު، ދަތުރުވެރިންގެ ޢަދަދު 20% އިތުރުވެފައިވާކަން އެއީ މިކަމުގެ ހެއްކެކެވެ.