ދީން / ޚަބަރު

ހަޤީޤީ ބާއްޖަވެރިކަމަކީ ނަފުސުގެ ހަމަޖެހުން، އެކަން ހާސިލްވާނީ ﷲ އަށް ކިޔަމަންވެގެން: ހުކުރު ޚުޠުބާ

ހަޤީޤީ ބާއްޖަވެރިކަމަކީ ނަފުސުގެ ހަމަޖެހުން، އެކަން ހާސިލްވާނީ ﷲ އަށް ކިޔަމަންވެގެން: ހުކުރު ޚުޠުބާ

ބާއްޖަވެރިކަން އެދޭ މީހާ ﷲ އަށް ކިޔަމަންތެރިވުން ހުއްޓެވެ.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

07 ނޮވެމްބަރު 2025، 04:22

07 ނޮވެމްބަރު 2025، 04:22

ޙަޤީޤީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން ކަމަށާއި، މި ކަންކަން ދެއްވުމުގެ ބާރު ލިބިވޮޑިގެންވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

“ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމްދީން” މި މައުޟޫއަށް އިއްވި ޚުޠުބާގައި ބުނެފައިވަނީ ބާއްޖަވެރިކަމަކީ، އިންސާނުން އެ  ނިޢުމަތެއް ހޯދުމަށް ޓަކައި އެންމެ ބޮޑަށް މަސައްކަތްކުރާ އެއް ނިޢުމަތް ކަމަށެވެ. އަދި ބާއްޖަވެރިކަމާއި އުފާވެރިކަން ހޯދުމުގައި، މުސްކުޅިއެއް ޒުވާނެއް، މުއްސަންޖެއް ފަޤީރެއް، މުސްލިމެއް ޣައިރު މުސްލިމެއް، ތަފާތެއް ނެތެް ކަމަށާއި އެ އެންމެން ވެސް ބޭނުންވަނީ ބާއްޖަވެރިކަމާއި އުފާވެރިކަން ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. 

މިއަދު ގިނަ ބަޔަކު، ޤަބޫލުކުރާ ގޮތުގައި އުފާވެރިކަމާއި ބާއްޖަވެރިކަން އޮތީ މުދަލާއި ފައިސާއާއި، ޖާހާއި މަންސަބާއި، މަޝްހޫރުކަމުގައި، ދަންނާށެ! ކަން އޮތީ އެހެންނަކުންނޫން، އެއްވެސް ޝައްކެތްނެތް ގޮތުގައި ޙަޤީޤީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން، މި ކަންކަން ދެއްވުމުގެ ބާރު ލިބިވޮޑިގެންވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް، އަދި އެކަލާނގެއަށް ކިޔަމަންތެރިވުމުން މެނުވީ މިކަންކަން ޙާޞިލެއްނުވާހުށި

ހުކުރު ޚުޠުބާ

 ހަމަކަށަވަރުން އިންސާނާ ޚަލްޤުކުރެއްވީ ގަދަކީރިތިވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާ ކަމަށާއި، އަދި އެ އިންސާނާ ބާއްޖަވެރިވާނޭ ކަންކަމާއި އަބާއްޖަވެރިވާނޭ ކަންކަން ވެސް މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެކަމަށް ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.

މީގެއިތުރުން ޚުޠުބާގައި ބުނެފައިވަނީ ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމް ދީން ކަމަށާއި، އެހެނީ އިސްލާމް ދީނަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނުން މި ދުނިޔޭގައި ދިރިއުޅުމަށް ޓަކައި އިޚްތިޔާރުކުރައްވައިފައިވާ މަގުކަމަށެވެ. އަދި އެއީ ނަފުސުގެ ހަމަޖެހުމާއި ހިތްތައް އިޞްލާޙުގެ މަގަށް ގެންދާ ފުރިހަމަ ނިޒާމު ކަމަށާއި މި ނިޒާމުން ހެޔޮކަމާއި ބަރަކާތުގެ މަގުތައް ހުޅުވޭ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. 

ބާއްޖަވެރިކަމުގެ އެއް ސަބަބަކީ، އިސްލާމީ ޝަރީޢަތަކީ ފުރިހަމަ އަދި ޝާމިލު ޝަރީޢަތެއްކަން އެނގުން ކަމަށާއި، ބައެއް މީހުންނަށް ހީވެފައި އޮންނަނީ، އިސްލާމީ ޝަރީޢަތަކީ ހަމައެކަނި އަޅުކަމާއި ޙައްދުތައް ޤާއިމުކުރުން ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.

 ދަންނާށެ! އިސްލާމީ ޝަރީޢަތަކީ ދިރިއުޅުމުގެ ހުރިހައި ދާއިރާއެއް ޝާމިލުވާ ގޮތަށް އޮތް ފުރިހަމަ ނިޒާމެއް، އިސްލާމީ ޝަރީޢަތުގައި ޢަޤީދާއާއި އަޅުކަމާއި އަޚްލާޤާއި ޢާއިލީ ގުޅުންތަކާއި ތަރިކައާއި އިޤްތިޞާދާއި ސިޔާސީ އަދި ބައިނަލްއަޤުވާމީ ގުޅުންތަކާއި ހަމަހަމަކަމާއި ޢަދުލު އިންޞާފާއި މި ފަދަ އެންމެހައި ދާއިރާތަކާއި ކަންކަން ހިމެނޭ

ހުކުރު ޚުޠުބާ

އެ ކަމެއް ހޯދާން މީސްތަކުން މަސައްކަތްކުރަމުން މިދާ ދުނިޔެވީ ބާއްޖަވެރިކަން، އޭގެ އެންމެ ފުރިހަމަ ގޮތުގައި އިސްލާމީ ޝަރީޢަތް ވަނީ، ހޯދައިދީފައި ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި އިސްލާމީ ޝަރީޢަތުގައި ވަނީ ޢަދުލުވެރިކަމާއި އިޙްސާންތެރިކަމާއި، މީސްތަކުންގެ ޙައްޤުތައް ރައްކާތެރިކޮށްދީފައި ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.

މި ޝަރީޢަތުގައި ފަޤީރުންނާއި ޔަތީމުންނާއި، އަންހެނުންނާއި ކުޑަކުދީންނާއި ޣައިރުމުސްލިމުންނަށް ވެސް ދުނިޔޭގެ އެއްވެސް ނިޒާމެއްގައި ނުދޭހާ ފުރިހަމައަށް، އެ ޙައްޤުތައް ވަނީ ކަށަވަރުކޮށްދީފައި ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

ހަމަ އެހެންމެ އިސްލާމީ ޝަރީޢަތްވަނީ މީސްތަކުންގެ ކިބައިގައި ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ރަޙުމަތާއި، ޢިއްފަތްތެރިކަމާއި، އިޙުސާންތެރިކަން އަށަގެންނެވުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިވާ ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.

މީގެ އިތުރަށް ވެސް އެތައް ދާއިރާއަކުން ވަނީ މި ބާއްޖަވެރިކަން ގެނެސްދިނުމަށް، ގިނަގުނަ ކަންކަން ޝަރުޢުކުރައްވައިފައިވާ ކަމަށާއި މި ފަދަ ފުރިހަމަ ނިޒާމެއް، ފަލްސަފާއެއް ނުވަތަ އުޞޫލެއް އިސްލާމްދީން ފިޔަވައި މި ދުނިޔެއަކު، ނުވާ ކަމަށާއި، މިއީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމާއި ނިޢުމަތަށް އިންސާނާ ގެންދާ ދީން ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

“ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް އެދޭ ނަމަ، މާތް اللهއަށް ތަޤުވާވެރިވާށެ، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވެ، ނަހީކުރެއްވި އެންމެހައި ކަންކަމުން ދުރުހެލިވެތިބެ ބާއްޖަވެރިކަން ލިބިގަންނާށެ، ދަންނާށެވެ! ބާއްޖަވެރިކަންވަނީ ހަމައެކަނި ދުނިޔެ ޙާޞިލުކުރުމަކުންނޫން، އެހެނެއްކަމަކު އެ ކަން ވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ބޯލަނބައި ކިޔަމަންތެރިވެ، އަޅުވެތިވުމުގައި، ބާއްޖަވެރިކަން ވަނީ މީސްތަކުންގެ ރުހުން ލިބުމުގައެއްނޫން،އެހެނެއްކަމަކު ބާއްޖަވެރިކަން ވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ ގެ ރުހިވޮޑިގަތުން ލިބުމުގައި” ހުކުރު ޙުޠުބާގައި ބުނެފައިވެއެވެ. 

މި ލިޔުން ކިޔާލުމުން