ދުނިޔެ
ނިއުޔޯކްގައި ބޭއްވި ހަފްލާއެއްގައި ޣައްޒާގެ ކުދިންގެ ޙައްޤުގައި މިސް ރޭޗަލް އަޑުއުފުއްލައިފި
މިސް ރޭޗަލް އެނާގެ ފިރިމީހާއާއެކު
އެމެރިކާގެ މަޝްހޫރު ޔޫޓިއުބް ތަރި މިސް ރޭޗަލް (ރޭޗަލް ގްރިފިން-އަކާސޯ) ނިއުޔޯކްގައި ބޭއްވުނު ހަފްލާއެއްގައި ޣައްޒާގެ ކުޑަކުދިންގެ ހައްޤުޤައި އަޑުއުފުލައިފިއެވެ.
މިހަފްލާގައި މިސް ރޭޗަލް ވަނީ ގްލެމަރ މެގަޒިންގެ "ވުމެން އޮފް ދަ ޔިއަރ 2025" އެވޯޑް ޙާޞިލްކުރި ފަރާތްތަކުގެ ތެރޭގައި ހިމެނިފައެވެ.
ކުޑަކުދިންނަށް އަމާޒުކޮށްގެން ތަޢުލީމީ ކޮންޓެންޓް އުފައްދައި ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ މިސް ރޭޗަލް، ވަނީ ފަލަސްޠީނުގެ ކުޑަކުދިން ކުރަހާފައިވާ ކުރެހުންތަކުގެ އެމްބްރޮއިޑަރީ ކޮޕީތައް ހިމެނޭ ހެދުމެއްގައި ޙަފްލާގައި ބައިވެރިވެފައެވެ. މިއީ ޣައްޒާގެ ކުޑަކުދިންނަށް އެހީތެރިވުމަށް އަބަދުވެސް ވަކާލާތުކުރާ މިސް ރޭޗަލްގެ ފަރާތުން ފެނުނު ގިނަ ބައެއްގެ ސަމާލުކަން ހޯދި ކަމެކެވެ.
އަންގާރަ ދުވަހު ބޭއްވުނު މި ޙަފްލާގެ ރެޑް ކާޕެޓްގައި، ލައިވްސްޓްރީމް ހޯސްޓުން ކަމަށްވާ ބްރޫކްސް އަދި ގްރޭސް އެން ނާދަރަށް ދެއްވި ބަސްދީގަތުމެއްގައި މިސް ރޭޗަލް ބުނީ، "އަޅުގަނޑު މިހުރީ އެތަނުގައި ތިބި ހުރިހާ ކުދިންނާއި، އެކުދިންނަށް އަޅުގަނޑުމެން ކޮށްދެވޭނެ ކަންތައްތަކަށް ވިސްނައިގެން. އެކުދިންގެ ވާހަކަތައް އަޅުގަނޑުގެ ހިތުގައި ބާއްވައިގެން. އެކުދިންނަށް މި ހެދުމުގެ ވާހަކަ އެނގޭ، އަދި އެކުދިން ތިބީ ވަރަށް އުފަލުން." މިސް ރޭޗަލް ވަނީ އެ ކުދިންގެ ފޮޓޯތައް ހިމެނޭ ކަރުދާސްކޮޅެއްވެސް ރެޑް ކާޕެޓްގައި ދައްކާލާފައެވެ.
ޔޫޓިއުބްގައި 17.5 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބަރުންނާއެކު، މިސް ރޭޗަލް އަކީ ޕްރީސްކޫލް ކުދިންނަށް އަމާޒުކުރާ ތަޢުލީމީ އެންޓަޓެއިންމަންޓްގެ އެންމެ މަޝްހޫރު އެއް ފަރާތެވެ. އޭނާގެ މީޑިއާ އެމްޕަޔަރގައި 13 ބިލިއަން ޔޫޓިއުބް ވިއުސް، ނުވަ ފޮތް، އަދި ކުޅޭ އެއްޗެހީގެ ލައިނެއް ހިމެނެއެވެ.
ނެޓްފްލިކްސްގައި އޭނާގެ ޝޯގެ ދެވަނަ ސީޒަން ވަނީ އެ ޕްލެޓްފޯމްގެ ތާރީޚުގައި ކުޑަކުދިންގެ ކޮންޓެންޓްގެ އެންމެ ބޮޑު ލޯންޗްގެ ގޮތުގައި ފާހަގަވެ، މިހާތަނަށް 53 މިލިއަން ވިއުސް ހޯދާފައެވެ.
ޣައްޒާގެ ކުޑަކުދިންނަށް އެހީތެރިވުމަށް އޭނާ ގެންގުޅޭ ޚިޔާލާތުގެ ސަބަބުން، އިސްރާއީލަށް ތާއީދުކުރާ ފަރާތްތަކުގެ ފާޑުކިޔުންތައް އޭނާއަށް ވަނީ އަމާޒުވެފައެވެ. ނަމަވެސް މިސް ރޭޗަލް ދަނީ އޭނާގެ މި ޤަބޫލުކުރުން ދިފާޢުކޮށް ޣައްޒާގެ ކުޑަކުދިންގެ ދިފާޢުގައި އަޑުއުފުލަމުންނެވެ.
"ކުޑަކުދިންނަށް އަޅުގަނޑު ދޭ ލޯތްބާއި އަޅާލުން، އަޅުގަނޑުގެ އަމިއްލަ ދަރިންނަށް ނުވަތަ އަޅުގަނޑުމެންގެ ޤައުމުގެ ކުދިންނަށް ހުއްޓައެއް ނުލާނަން. އެއީ ދުނިޔޭގެ ކޮންމެ ކުއްޖަކަށްވެސް ހިމެނޭ ލޯތްބެއް. ދީނަށް، ނުވަތަ ހަންގަނޑުގެ ކުލައަށް، ނުވަތަ މީހުން އުފަންވާ ތަނަށް ބަލައިގެން އަޅުގަނޑުމެންގެ ލޯބި ނިމުމަކަށް ގެނައުމަކީ ރަނގަޅު ކަމެއް ކަމަކަށް އަޅުގަނޑުގެ ހިތަކަށް ނުފެނޭ." ގްލެމަރ މެގަޒިންއަށް ދިން ބަސްދީގަތުމެއްގައި އޭނާ ކުރިން ބުނެފައިވެއެވެ.
"ކުޑަކުދިންނަށް އިންސާނީ ޙައްޤުތައް ލިބިފައިވޭ، އަދި ކުޑަކުދިންނަށް އިންސާނީ ޙައްޤުތައް ލިބިފައިވޭ. ބޮޑެތި މީހުން އެ ޙައްޤުތައް ރައްކާތެރިކޮށް ނުދިނުމަކީ، އަޅުގަނޑަށް ވަރަށް ދެރަވާ ކަމެއް،" މިސް ރޭޗަލް ބުނެފައިވެއެވެ.
މިދިޔަ މޭ މަހު، މިސް ރޭޗަލް ވަނީ ފަލަސްޠީން ކުޑަކުދިންނަށް އެހީތެރިވާ ފަންޑު (ޕީސީއާރުއެފް) އިން ޣައްޒާއިން ބޭރުކުރި، ދެފައި ނެތް 3 އަހަރުގެ ރަހަފްއާއެކު ކޮންޓެންޓް ހަދާފައެވެ.