ޚަބަރު
ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 14 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަސްދީޤުކުރައްވައިފި!
ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 14 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ތަސްދީޤުކުރައްވައިފިއެވެ.
މި ބިލަކީ، 2024 އޮކްޓޯބަރ 31 ވީ ބުރާސްފަތި ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ބިލެެކެވެ.
މި ބިލުގެ ދަށުން، ފަތުރުވެރިކަމާބެހޭ ކަންކަމަށް ކޮންމެ މާލީ އަހަރަކު ދޫކުރާނެ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ ޢަދަދާއި، އެތަންތަނާބެހޭ މަޢުލޫމާތު ހިމެނޭ ލިސްޓެއް، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާއާއެކު ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެކުލަވާލައި ޢާންމުކުރަންވާނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާއެކު އެ ލިސްޓަށް އުނިއިތުރު ގެނައުމުގެ އިޚްތިޔާރު އެވުޒާރާއަށް ލިބިގެންވާ ކަމަށްެވަނީ ބަޔާންކޮށްފައެވެ.
އަދި މި ބިލުގެ ދަށުން، ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، އެނޫންވެސް އެފަދަ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، ގްރީން ޓެކްސްގެ ގޮތުގައި، ދައުލަތަށް ޓެކްސް ނެގޭނެ މިންވަރު އެކަށައަޅައި ބަޔާންކޮށްފައިވެއެވެ.
މި ބިލު ފާސްވުމާ ގުޅިގެން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޤަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ، މި ބިލު މިއަދު ތަޞްދީޤުކުރެއްވުމާއެކު، މި ޤާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވި ވަނީ ޢަމަލުކުރަން ފަށާފައެވެ.