ޚަބަރު
ރަސްމީ ދަތުރުފުޅެއްގައި ވަޒީރު ޑރ. ޝަހީމް ސަޢުދީއަށް ފުރާވަޑައިގެންފި
ސަޢުދީއަށް ފުރާވަޑައިގަތުން/ފޮޓޯ: ވުޒާރާ
ރަސްމީ ދަތުރުފުޅެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފިއެވެ.
މި ދަތުރުފުޅަކީ، ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާއި ބެހޭ ވަޒީރު ޑރ. ތައުފީޤު ބިން ފައުޒާން އަލްރާބިޢާގެ ދަޢުވަތަކަށް ވަޒީރު ކުރައްވާ ދަތުރުފުޅެކެވެ.
ވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން، ސަޢުދީ ޢަރަބިއްޔާގެ ޙައްޖު އަދި ޢުމްރާއާއި ބެހޭ ވަޒީރު ޑރ. ތައުފީޤު ބިން ފައުޒާން އަލްރާބިޢާ އާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެހެންމެ، މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ސަރުކާރާއި ސަޢުދީ ސަރުކާރާއި ދެމެދު 1447 ވަނަ އަހަރުގެ ޙައްޖު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން، މައްކާ ރޫޓު އިނީޝިއޭޓިވްގެ ސުޕަވައިޒަރީ ކޮމިޓީގެ ޗެއާމަން ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ އާއި ބައްދަލުކުރައްވައި، މައްކާ ރޫޓު އިނީޝިއޭޓިވްއާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. 1446 ވަނަ އަހަރުން ފެށިގެން މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނުއްވާފައިވާއިރު، މި ދަތުރުފުޅުގެ ތެރެއިން، ޙައްޖު މިނިސްޓަރުންގެ ކޮންފަރެންސާއި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީން ބާއްވާ 5 ވަނަ ޙައްޖު އެންޑް ޢުމްރާ ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތުގައި ވަޒީރު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާގެ ގުޅުން އިތުރަށް ހަރުދަނާވެ، ބަދަހިވެގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.