ޚަބަރު
"ވަރަ އެކްސްޕޯ" ގައި ދިވެހި ފުލުހުންގެ ޚިދުމަތުން ގިނަ ފުރުޞަތުތަކެއް
އެކްސްޕޯގެ ތެރެއިން/ފޮޓޯ: ފުލުހުން
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިމަހުގެ 6 އިން 8 އަށް ކުރިއަށް ގެންދާ "ވަރަ އެކްސްޕޯ" ގައި ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ގިނަ ފުރުޞަތުތަކެއް ހިއްސާކުރަމުންނެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ދިވެހި ޒުވާނުންގެ ކިބައިގައި ހުނަރުތައް އަށަގަންނުވައި، ދިވެހި ފުލުހުންގެ ޚިދުމަތުގައި ހުރި ވަޒީފާގެ ފުރުޞަތުތައް ހިއްސާކޮށް، އަދި ތަމްރީނުގެ ފުރުޞަތުތަކާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް މި އެކްސްޕޯގެ ތެރެއިން މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ.
އެގޮތުން، މި އެކްސްޕޯގެ އެޑިއުކޭޝަން ޒޯންގައި، ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޯސްމަންޓުން ބައިވެރިވެ، ފުލުހުންގެ ދާއިރާގައި ހުރި މަތީ ތަޢުލީމުގެ ފުރުޞަތުތަކާއި ހުނަރުތައް ތަރައްޤީކުރުމަށް ހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ހަމަ އެހެންމެ، ސްކިލްސް އެކްސްޕީރިއަންސް ޒޯންގައި ބައިވެރިވެ، މި ދާއިރާގައި ހުރި ތަފާތު ވަޒީފާގެ ފުރުޞަތުތަކުގެ މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި އެކްސްޕޯގައި، ފުލުހުންގެ ފޮރެންސިކް ސާވިސަސް، ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ، ސައިބަރ ކްރައިމް ސެންޓަރު، އެންޓި ސްކޭމް ސެންޓަރު، މެރިން ޕޮލިސް، އިންޖިނިއަރިންގ އެންޑް މެކޭނިކަލް ސާވިސް އަދި ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓުން ވަނީ ބައިވެރިވެފައެވެ.