ޚަބަރު
އައްޑޫ މީދޫ ކޯގަންނު ގަބުރުސްތާނު ކައިރީގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި
އަލިފާން ނިއްވުމުގައި ޙަރަކާތްތެރިވަނީ/ފޮޓޯ: އެމްއެންޑީއެފް
ސ. މީދޫ ކޯގަންނު ގަބުރުސްތާނު ކައިރީ އޮންނަ ވަލުތެރޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ވިދާޅުވީ، މި ޙާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 10:48 ހާއިރު ކަމަށެވެ.
އަދި މި ޙާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން އެ ސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. އެގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން އެއްކޮށް ނިއްވާލެވިފައި ވަނީ މިއަދު ހެނދުނު 11:02 ހާއިރުއެވެ.
މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.