Ads by Stelco

ޚަބަރު

ރާއްޖޭގައި އިންސާނީ ޙައްޤުތައް ކަށަވަރުކުރާނީ އިސްލާމްދީނާ މުޠާބިޤުވާ ގޮތަށް: އޭ.ޖީ.

ރާއްޖޭގައި އިންސާނީ ޙައްޤުތައް ކަށަވަރުކުރާނީ އިސްލާމްދީނާ މުޠާބިޤުވާ ގޮތަށް: އޭ.ޖީ.

އެޓަރނީ ޖެނެރަލް އަޙުމަދު އުޝާމް، "ޔުނިވަރސަލް ޕީރިއަޑިކް ރިވިޔު ސެޝަން"ގައި ވާހަކަފުޅު ދައްކަވަނީ.

farudhun logo

ފަރުދުން

08 ނޮވެމްބަރު 2025، 03:16

08 ނޮވެމްބަރު 2025، 03:16

އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދިނުމުގައި ދިވެހިރާއްޖެއިން ޢަމަލުކުރާނީ އިސްލާމްދީނާ މުޠާބިޤުވާ ގޮތަށް ކަމަށް އެޓަރނީ ޖެނެރަލް އަޙުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އެކިޤައުމުތަކުގައި "އިންސާނީ ޙައްޤުތައް" ފަހިކޮށްދީފައިވާ މިންވަރު ވަޒަންކުރުމަށް އެކުވެރި ދައުލަތްތަކުން ބާއްވާ "ޔުނިވަރސަލް ޕީރިއަޑިކް ރިވިޔު ސެޝަން"ގައި ވާހަކަފުޅު ދައްކަވަމުން އޭ.ޖީ. ވިދާޅުވީ، ރާއްޖޭގެ "އައިޑެންޓިޓީ" އިސްލާމްދީނާ ގުޅިފައިވާ ކަމަށާއި، އެއީ ރާއްޖޭގެ އިޖުތިމާޢީ ފޭރާމުގެ އަސާސީ ރުކުނެއް ކަމަށެވެ. މި ގޮތުން، ރާއްޖޭގެ ޤާނޫނުއަސާސީގައި ވެސް އިސްލާމްދީނަށް ރިޢާޔަތްކޮށް، ޙުރުމަތްތެރިކަން ދީފައިވާ ކަމަށް އޭ.ޖީ. ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުމެންގެ އަގުތައް ބައްޓަންކުރަނީ މި ދީން. ޤާނޫނުތަކަށް މަޢުލޫމާތު ނަގަނީ މި ދީނުން އަދި އަޅުގަނޑުމެންގެ އިޖުތިމާޢީ އަޚުލާޤީ ސަމުގާ މިސްރާބު ކޮށްދެނީ މި ދީނުން. އިންސާނީ ޙައްޤުތަކަށް އަޅުގަނޑުމެން ދޭ އެއްބާރުލުން އޮންނާނީ މި ބިންގަލާ ގުޅިފައިވާ އުޞޫލުތަކާ އެއްގޮތަށް.

އޭ.ޖީ. އަޙުމަދް އުޝާމް، ޖެނީވާގައި ހުންނަ އ.ދ.ގެ އިދާރާގައި ވާހަކަފުޅު ދައްކަވަމުން

ބަންޑާރަ ނާއިބު އިތުރަށް ވިދާޅުވީ، ވިސްނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ކަމަށެވެ. ނަމަވެސް އެ ޙައްޤު ލިބިދޭނީ އިސްލާމްދީނުގެ އަޞްލަކާ ފުށުނާރާ ގޮތަށްކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައިވާ ގޮތަށް، މަދަނީ މިނިވަންކަން ދިވެހި ސަރުކާރުން ނަގަހައްޓާނޭ ކަމަށާއި، އެ މިނިވަންކަން ބޭނުންކުރާން ޖެހޭނީ ޤައުމުގެ ހަމަޖެހުމަށް އިސްކަންދީގެން ކަމަށް އޭ.ޖީ. ވިދާޅުވިއެވެ. އަދި އެ މިނިވަންކަން ބޭނުންކުރުމުގައި ނަފުރަތު ފެތުރުމުން ދުރުހެލިވުމުގެ އަހަންމިއްޔަތު ވެސް އޭ.ޖީ.ގެ ވާހަކަފުޅުން ހާމަވެގެން ދިޔައެވެ.

ބަންޑާރަ ނާއިބުގެ އިދާރާއިން ބުނީ، މި ފަހަރުގެ ރިވިޔު ސެޝަންގައި، އިންސާނީ ޙައްޤުތައް ރައްކައުތެރިކުރުމުގައި ދިވެހިރާއްޖެއިން ޙާޞިލުކޮށްފައިވާ ކާމިޔާބީ އާއި މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި، ސަރުކާރުގެ ސިޔާސަތުތައް ބަޔާންކޮށް، ދިވެހީންގެ މަދަނީ އަދި ސިޔާސީ ޙުޤޫޤު ރައްކައުތެރިކުރުމާއި، ޤާނޫނު ތަންފީޛުކުރުން ހަރުދަނާކުރުމަށްޓަކައި ކުރާ މަސައްކަތްތައް ޔޫ.ޕީ.އާރް. ވޯކިން ގްރޫޕާ ޙިއްޞާކޮށްފައިވާ ކަމަށެވެ.

މުޖުތަމަޢުގައި ޚާއްޞަ އަޅައިލުމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ބާރުވެރިކޮށް، އެ މީހުން ރައްކައުތެރިކުރުމަށްޓަކައި ކުރާ މަސައްކަތްތަކާއި، އިޤުތިޞާދީ، އިޖުތިމާޢީ އަދި ޘަޤާފީ ޙައްޤުތައް ޙިމާޔަތްކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ވެސް ރިވިޔުގައި މަޢުލޫމާތުދެވިފައިވާ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ހާމަކުރެއެވެ.

ރާއްޖޭގެ ރިވިޔު ސެޝަންގައި 104 ޤައުމަކުން ބައިވެރިވެރިވެފައިވާއިރު، ފާއިތުވި ދައުރުގައި ރާއްޖެއަށް ހުށަހަޅާފައިވާ "ރެކޮމެންޑޭޝަން"ތައް ތަންފީޛުކުރުމަށްޓަކައި ކޮށްފައިވާ މަސައްކަތް ބަލައިގަންނަކަން ޤައުމުތަކުން ފާހަގަކުރި ކަމަށް ވެސް ބަންޑާރަ ނާއިބުގެ އޮފީހުން ޝާއިޢުކުރި ބަޔާނުގައި ވެއެވެ.

ޤާނޫނުގެ ބާރުވެރިކަން ނެގެހެއްޓުމަށްޓަކައި، ރާއްޖޭގެ ހިންގުމުގެ ނިޡާމާއި، ޤާނޫނީ އޮނިގަނޑާއި ޢަދުލު އިންޞާފުގެ ނިޡާމު ހަރުދަނާކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި، އަންހެނުންނާއި ކުޑަކުދީންނާއި މުޖުތަމަޢުގެ ޚާއްޞަ އެހީތެރިކަން ބޭނުންވާ މީހުންގެ ޙައްޤުތައް ދިފާޢުކުރުމުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ވެސް ޔޫ.ޕީ.އާރް. ވޯކިން ގްރޫޕާ ޙިއްޞާކޮށްފައިވެއެވެ.

މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ރާއްޖެއިން ކޮށްފައިވާ އަދި ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކޮށް، ދިވެހި ސަރުކާރުގެ ސިޔާސަތުތަކަށް ތަޢުރީފުކޮށް، ރާއްޖެއިން ހޯދާ ތަރައްޤީ އާއި ކާމިޔާބީ ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގަންނަކަން ފާހަގަކުރި ކަމަށް ވެސް އޭ.ޖީ. އޮފީހުން ބުނެފައިވެއެވެ.

ޔޫ.ޕީ.އާރް. އަކީ އ.ދ.ގެ މެންބަރު ޤައުމުތަކުގައި އިންސާނީ ޙައްޤުތައް ރައްކައުތެރިކުރަމުން އަންނަ މިންވަރާއި، އިންސާނީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤުވާމީ މުޢާހަދާތަކަށް ޢަމަލުކުރާ މިންވަރު ވަޒަންކުރުމަށްޓަކައި، ކޮންމެ 4 އަހަރަކުން 1 އަހަރު ބާއްވާ ރިވިޔު ބައްދަލުވުމެކެވެ.

ޔޫ.ޕީ.އާރް.ގެ 5ވަނަ ދައުރުގައި ރާއްޖޭގެ ރިވިޔު ދެން އޮންނާނީ 2030ވަނަ އަަހަރުގައެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން