Ads by Stelco

ޚަބަރު

އަންނަ ހުކުރު ދުވަހު ބާއްވާ ޖަލްސާގެ ތެރެއިން ރައްޔިތުންގެ އުންމީދުތައް އައުވެގެންދާނެ: އަބްދުއްރަޙީމް

އަންނަ ހުކުރު ދުވަހު ބާއްވާ ޖަލްސާގެ ތެރެއިން ރައްޔިތުންގެ އުންމީދުތައް އައުވެގެންދާނެ: އަބްދުއްރަޙީމް

އަބްދުއްރަޙީމް/ފޮޓޯ: ވަގުތު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

08 ނޮވެމްބަރު 2025، 03:41

08 ނޮވެމްބަރު 2025، 03:41

އަންނަ ހުކުރު ދުވަހު ބާއްވާ 'ދިވެހީންގެ ރާއްޖެ' ޖަލްސާގެ ތެރެއިން ރައްޔިތުންގެ އުންމީދުތައް އައުވެގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާރސަން، އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަޙީމް މިފަދައިން ވިދާޅުވީ، މި ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސަރަޙައްދާއި މާލެ ކައިރި ރަށްރަށުގައި ހިންގާ ބޮޑު ޙަރަކާތް ފެށުމަށް ޕީއެންސީގެ ހަރުގޭގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމަށްފަހުއެވެ.

ރައްޔިތުން މި ޖަލްސާއަށް އަންނާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާތަނަށް ކޮށްދެއްވި ޚިދުމަތްތައް ޤަބޫލުކޮށް، އެކަންކަން ބަލައިގަންނާތީކަން ފާހަގަކުރައްވާ އަބްދުއްރަޙީމް ވިދާޅުވީ، މި ޖަލްސާއަކީ ދިވެހި ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއާއެކު ތިބިކަން ދުނިޔެއަށް ސާބިތުކޮށްދިނުމަށް ބާއްވާ ޖަލްސާއެއް ކަމަށެވެ. ހަމަ  އެހެންމެ، މި ޖަލްސާއިން ރައްޔިތުންގެ ހިތުގައި އޮތް ފިކުރު ވަރަށް ބޮޑަށް ސާފުވެގެން ދާނެކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.

ރައްޔިތުން އެ އަންނަނީ އެއްޗެއް ނޭނގިގެން އޮޅުންފިލުވާކަށް ނޫން. ރައްޔިތުން އެ އަންނަނީ އެމީހުންނަށް މިވާނުވާ އެނގޭތީ، ކަން ހިނގާ މަގު އެނގޭތީ، މި ވެރިކަން ދާ މިސްރާބު ރަނގަޅުކަމަށް ގަބޫލުކުރެވޭތީ، އާ ރޫހަކާއެކު އާ ދިރުމަކާއެކު އާ މުސްތަގުބަލަކަށް އުންމީދުކޮށްގެން އަންނަނީ. ޔަޤީންކަން އެބައޮތް ޕީއެންސީ ސަރުކާރެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއެކު އެ ބޭފުޅުން ބޭނުންވާ ތަރައްޤީގެ މަންޒިލަށް ވާސިލުވެވޭނެކަން.

އަބްދުއްރަޙީމް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ޖަލްސާގެ ތެރެއިން ރައްޔިތުންގެ އުންމީދު އައުވެގެންދާނެ ކަމަަށާއި، މި ސަރުކާރުން ކުރަން ނިންމާފައިވާ އިތުރު އެތައް ކަމެއް އިޢުލާނުކުރެވިގެންދާނެ ކަމަށް އަބްދުއްރަޙީމް ވަނީ ވިދާޅުވެފައެވެ. ހަމަ އެއާއެކު، ޕީއެންސީގެ ރައީސްގެ ހައިޞިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދައްކަވާ ވާހަކަފުޅުގެ ތެރެއިން، ރައްޔިތުންނަށް އުންމީދު ލިބިގެންދާނެ ގިނަ ކަންތައްތަކެއް ހާމަކުރައްވާނެކަމުގެ ޔަޤީންކަން އަބްދުއްރަޙީމް ވަނީ ދެއްވާފައެވެ.

މި ޖަލްސާގެ ތެރެއިން ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތްގޮތާއި، ރައްޔިތުންގެ ހިތުގައި އޮތް ފިކުރު ސާފުކޮށް ފެނިގެންދާނެ ކަމަށް އަބްދުއްރަޙީމް ތަކުރާރުކޮށް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން