ޚަބަރު
"ދިވެހީންގެ ރާއްޖެ" ޖަލްސާއަށް ދަޢުވަތުދިނުމަށް ޚާއްޞަ ޙަރަކާތެއް ފަށައިފި!
"ދިވެހީންގެ ރާއްޖެ" ޖަލްސާއަށް ދަޢުވަތުދިނުމަށް ޕީ.އެން.ސީ.އިން ފެށި ޚާއްޞަ ޙަރަކާތުގެ ތެރެއިން.
ފަރުދުން
08 ނޮވެމްބަރު 2025، 04:31
08 ނޮވެމްބަރު 2025، 04:31
މި މަހުގެ 14ވަނަ ދުވަހުގެރޭ ޕީޕަލްްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)އިން ބާއްވާ "ދިވެހީންގެ ރާއްޖެ" އެއްވުމަށް މާލޭ ސަރަޙައްދާއި މާލޭ ކައިރި ރަށްރަށުގެ ރައްޔިތުންނަށް ދަޢުވަތުދިނުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ޚާއްޞަ ޙަރަކާތެއް ފަށައިފިއެވެ.
މި ޙަރަކާތް ފެށުމުގެ އެއްވުން ބާއްވާފައިވަނީ މިއަދު ހެނދުނު ޕީ.އެން.ސީ. ހަރުގޭގައެވެ. އެ އެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ކޮންގްރެސް ޕާޓީގެ ޗެއާފަރސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަދި ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު ބައިވެރިވެވަޑައިގެންފައިވެއެވެ.
އެ ބޭފުޅުންގެ އިތުރަށް، ޕާޓީގެ ލީޑަރޝިޕުގެ ބޭފުޅުންނާއި، މާލޭ ސަރަޙައްދުގައި ޕާޓީގެ ޙަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނާއި، އެ ޕާޓީގެ މަޖިލިސް މެންބަރުންގެ ތެރެއިން ވަރަށް ބޮޑު އިންސައްތައެއް ޙާޟިރުވެވަޑައިގެންފައިވެއެވެ.
އެ ޙަރަކާތް ފެށުމުގެ ރަސްމިއްޔާތަަށްފަހު މީޑިޔާތަކާ ވާހަކަފުޅު ދައްކަވަމުން ޕީ.ޖީ. ގްރޫޕުގެ ލީޑަަރު ފަލާޙު ވިދާޅުވީ، މިއަދުގެ ޙަރަކާތަކީ މި މަހުގެ 14ވަނަ ދުވަހުގެރޭ އާރޓިފިޝަލް ބީޗުގައި އޮންނަ ޖަލްސާއަށް އައުމަށް މާލޭ ސަރަޙައްދުގައި އަދި މާލޭ ކައިރީ ބައެއް ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ދަޢުވަތު ކާޑު ބެހުމަށް ބާއްވާ ޙަރަކާތެއް ކަމަށެވެ.
ފަލާޙު ވިދާޅުވީ، "ދިވެހީންގެ ރާއްޖެ" މި ނަމުގައި 14ވަނަ ދުވަހުގެރޭ އޮންނަ ޖަލްސާއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ރައްޔިތުން އަންނާނޭ ކަމަށެވެ. މި ޖަލްސާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތް ފަހުން ފާއިތުވެފައިވާ މި ދެ އަހަރެއްހަައި ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، ރައްޔިތުންގެ ފަރާތުން އެ މަނިކުފާނަށް ޝުކުރު ދެންނެވުމަށް ބާއްވާ ޖަލްސާއެއް ކަމަށް ވެސް ފަލާޙު ވިދާޅުވިއެވެ.
ކޮންގްރެސް ޕާޓީގެ ޗެއާޕަރސަން އަދި މަޖިލިހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ، 14ވަނަ ދުވަހުގެ ޖަލްސާއަށް ގިނަ ޢަދަދެއްގެ ރައްޔިތުން ތައްޔާރުވަމުން އަންނަނީ، ފާއިތުވި މުއްދަތުގައި ސަރުކާރުން ކުރި މަސައްކަތް ބަލައިގަނެ، ރައްޔިތުން މި ސަރުކާރާ އެކު އަދި ރައީސް ޑރ. މުޢިއްޒާ އެކު ތިބިކަން ދައްކުވައިދިނުމަށް ކަމަށެވެ. އަދި ރައްޔިތުން މި ޖަލްސާގައި ބައިވެރިވާނީ ސަރުކާރުގެ މިސްރާބު ހުރީ ރަނގަޅަށްކަން ޤަބޫލުކުރެވޭތީ އާއި، ވާދަވެރި ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަފުޅުތައް އެ ރައްޔިތުން ޤަބޫލުނުކުރާތީ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މި މަހުގެ 14ވަނަ ދުވަހުގެރޭ އާރޓިފިޝަލް ބީޗް ސަރަޙައްދުގައިކޮންގްރެސް ޕާޓީއިން ބާއްވާ މި ޖަލްސާއަކީ، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތް ފަހުން އެ ޕާޓީން ބާއްވާ މި ފަދަ ބޮޑު ފުރަތަމަ އެއްވުން ކަން ފާހަގަކުރެވެއެވެ.