ޚަބަރު
ބަޖެޓް 2026: ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށް ކުރާ ޚަރަދު ވަނީ ކުޑަކޮށްފައި
މާލީ ވުޒާރާ / ފޮޓޯ: މޯލްޑިވްސް ބިޒްނެސް ރިވިއު
ފަރުދުން
08 ނޮވެމްބަރު 2025، 05:17
08 ނޮވެމްބަރު 2025، 05:17
މި އަހަރާ އަޅާބަލާއިރު، އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ސަރުކުރާ ޙިއްޞާވާ ކުންފުނިތަކަށް ކުރާ ޚަރަދުތައް ކުޑަކޮށްފައިވާ ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގެ ފޮތުގައި މާލީ ވުޒާރާއިން ވަނީ ބަޖެޓާ ގުޅޭ ބައެއް ތަފްޞީލުތައް އިތުރުކޮށްފައެވެ. މިގޮތުން، ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށް ދޫކުރާ ފައިސާއާ ގުޅޭގޮތުން ބަޖެޓުގައި ހިމަނާފައިވާ ޙިސާބުތަކަށް ބަލާއިރު، މި ކަމަށް އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި 902.5 މިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ. މިއީ މި އަހަރާ އަޅާބަލާއިރު 72.9 އިންސައްތަ ދަށް ޢަދަދެއް ކަމަށާއި، އަދި ފާއިތުވި 5 އަހަރުގެ އެވަރެޖާ އަޅާބަލާއިރު މިއީ 53 އިންސައްތަ ދަށް ޢަދަދެއް ކަމަށް މާލީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މާލީ ވުޒާރާއިން ނެރެފައިވާ ޙިސާބުކިތާބުގައި ބަޔާންކޮށްފައިވާ ގޮތުން، މި އަހަރު ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި 3.3 ބިލިޔަން ރުފިޔާ ޚަރަދުވާނޭ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. މި އަހަރު ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ކެޕިޓަލް ޚަރަދުތައް އިތުރުވެފައިވަނީ، އަލަށް އުފެއްދި ސަރުކާރު ޙިއްޞާވާ 3 ކުންފުންޏަކަށް ދޭންޖެހޭ ސްޓާޓްއަޕް ކެޕިޓަލް ޚަރަދުތައް އިތުރުވުމުން ކަމަށް މާލީ ވުޒާރާއިން ހާމަކުރެއެވެ.
އެ ކުންފުނިތަކަކީ މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކުރުމަށް އުފައްދާފައިވާ ފިޝަރީސް އެންޑް އޯޝަން ރިސޯސެޒް މާކެޓިން އެންޑް ޕްރޮމޯޝަން ކުންފުންޏާއި، ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށް ޚާއްޞަކޮށްގެން އުފައްދާފައިވާ އިންފްރާސްޓްރަކްޗަރ ސޮލިއުޝަން ކުންފުންޏާއި، އަދި ދިވެހިރާއްޖެއަށް ބޭސް އެތެރެކުރުމަށް އުފައްދާފައިވާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިޒް ކުންފުންޏެވެ. މި ތިން ކުންފުންޏަށް އަހަރު ނިމޭއިރު 724.4 މިލިޔަން ރުފިޔާ ޚަރަދުވާނޭ ކަމަށް މާލީ ވުޒާރާއިން އަންދާޒާކޮށްފައިވެއެވެ.
މީގެ އިތުރުން، ޚަރަދު ރެކޯޑުކުރާ ގޮތުގެ ކްލެސިފިކޭޝަނަށް ގެނައި ބަދަލާ އެކު، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް ދެމުން ދިޔަ ފައިސާ އަކީ މި އަހަރުން ފެށިގެން އެސް.އޯ.އީ. ކެޕިޓަލް ޚަރަދުގެ ބައެއްގެ ގޮތުގައި ހިމަނާފައި ވުމުން ވެސް، މި އަހަރުގެ ކެޕިޓަލް ޚަރަދުތައް އިތުރުވެފައިވާ ކަމަށް މާލީ ވުޒާރައިން ބުނެފައިވެއެވެ.
މި އަހަރު ކެޕިޓަލް ޚަރަދުތައް ޖުމްލަ ގޮތެއްގައި އުފުލިފައިވީ ނަމަވެސް، ވަކިވަކި ކުންފުނިތަކަށް ދެމުން އައި މިންވަރު މި އަހަރު ތެރޭ މަދުކުރެވިފައިވާ ކަމަށް މާލީ ވުޒާރާއިން މަޢުލޫމާތުދެއެވެ. މި ގޮތުން، މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމް.އައި.ޓީ.ޑީ.ސީ.) އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ފިޔަވައި އެހެން ކުންފުނިތަކުގެ ޚަރަދުތައް ދަށްކުރެވިފައިވާކަމަށް ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މިއާ އެކު، ކެޕިޓަލް ޚަރަދު އެންމެ ބޮޑަށް ދަށްވާނޭ ކަމަށް ބެލެވޭ ކުންފުނިތަކުގެ ތެރޭގައި ފެނަކަ، މޯލްޑިވްސް ފަންޑް މެނޭޖެމެންޓް ކޮމްޕެނީ، މޯލްޑިވްސް ޕޯސްޓް އަދި އައްޑޫ އިންޓަނޭޝަނަލް އެއަޕޯޓް ކުންފުނި ހިމެނެއެވެ.
މާލީ ވުޒާރާއިން އިތުރަށް ބުނީ، މި ކުންފުނިތަކަށް މި އަހަރު ދޫކުރާ ކެޕިޓަލް ޚަރަދު ކުޑަކުރެވޭއިރު، އަންނަ އަހަރު ވެސް މި ޢަދަދު އިތުރަށް ދަށްވެގެންދާނޭ ކަމަށެވެ. އަދި ކުންފުނިތައް ފަށައިގަތުމަށް އައު ކުންފުނިތަކަށް ދިން ސްޓާޓްއަޕް ކެޕިޓަލް އަކީ އެންމެ ފަހަރަކު ކުރަން ޖެހޭ ޚަރަދެއް ކަމުން، މި ޚަރަދު ވެސް ފެށޭ 2026ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން ކުންފުނިތަކުގެ ތެރެއިން މަދުވެގެންދާނޭކަން މާލީ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
މި އަހަރު ކުންފުނިތަކަށް ލޯނުގެ ގޮތުގައި ދެވިފައިވާ 2.014 ބިލިޔަން ރުފިޔާ އަކީ ވެލާނާ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ކޮށްފައިވާ ޚަރަދު ކަމަށް މާލީ ވުޒާރާއިން ޢާންމުކޮށްފައިވެއެވެ. ނަމަވެސް، މިހާރު މި މަޝްރޫޢު ނިމިފައިވުމުން، މި މަޝްރޫޢުގެ އިތުރު ޚަރަދެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ނެތުމުން، މި ބައިން ވެސް ޚަރަދު ކުޑަވާނެއެވެ. ވީމާ، އަންނަ އަހަރު ލޯނު ޚަރަދުގެ ގޮތުގައި ބަޖެޓުގައި ހިމަނާފައިވާ ޢަދަދަކީ، އެސް.ޑީ.އެފް.ސީ.އަށް ދޫކުރުމަށް ހަމަޖެހިފައިވާ ލޯނު ޚަރަދު ކަމަށް މާލީ ވުޒާރައިން ބުނެއެވެ.
ސަރުކާރުގެ އަމާޒަކީ ސަރުކާރު ޙިއްޞާވާ ކުންފުނިތައް ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމެވެ. މި މަޤުޞަދު ޙާޞިލުކުރުމަށްޓަކައި، ކުންފުނިތަކަށް މުހިންމު އިޞްލާޙީ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.