ޚަބަރު
ކަށި މިޔަރު ބޭނުމުގެ ޙުއްދަ ދޭނީ އެކަމަށް ފުރަތަމަ އެދޭ 40 ދޯންޏަށް އެކަނި
ކަށި މިޔަރު---
ފަރުދުން
08 ނޮވެމްބަރު 2025، 06:45
08 ނޮވެމްބަރު 2025، 06:45
ކަށި މިޔަރުގެ މަސްވެރިކަން ކުރުމުގެ ޙުއްދަ މި މަހުގެ 1ވަނަ ދުވަހުން ފެށިގެން ސަރުކާރުން ހުޅުވާލާފައިވާއިރު، މި ޙުއްދަ ދޭނީ އެކަމަށް ފުރަތަމަ އެދޭ 40 ދޯންޏަށް އެކަނިކަމަށް، މަސްވެރިކަމާއި ކަނޑުގެ ވަސީލައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިކަމާ ގުޅިގެން މަޢުލޫމާތު ޙިއްޞާ ކުރައްވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލައްތަކާއި ބެހޭ ވުޒާރާގެ ފިޝަރީސް ކޮމްޕްލެއިންސް ސެކްޝަންގެ ޑިރެކްޓަރ މަލީހާ ހަލީމް ވިދާޅުވީ، މި ޙުއްދަ ދޫކުރާނީ ކެޔޮޅު ޕޯޓަލްތެރެއިން އެންމެ ފުރަތަމަ މަޢުލޫމާތު ހުށައަޅާ ދޯނިތަކަށްކަމަށް ކަމަށާއި، އަދި ގިނަވެގެން ޙުއްދަ ދޫކުރާނީ 40 ދޯންޏަށް ކަމަށެވެ.
އެހެންކަމުން، ކަށިމިޔަރުގެ މަސްވެރިކަންކުރާ އުޅަނދުފަހަރާއި، ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ތަންތަނާއި، ކަށިމިޔަރު ސަޕްލައިކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެ މަސައްކަތްތައް ކުރަންވާނީ، އެ ވުޒާރާއިން ދޫކުރާ ލައިސަންސްގެ ދަށުންކަމަށް މަލީހާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ކަށި މިޔަރުގެ މަސްވެރިކަމުގައި ބާނާ ކަށި މިޔަރު ކިރުމައްޓަކައި ވަކި ޚާއްޞަ 4 ބަނދަރެއް ވަނީ ކަނޑައަޅާފައެވެ. އެއީ ހދ. ކުޅުދުއްފުށި ސީޓީ ބަނދަރާއި، ށ. ފުނަދޫ ބަނދަރާއި، ރ. މަޑުއްވަރީ އަދި އއ. ހިމަންދޫ ބަނދަރެވެ. މަލީހާ ވިދާޅުވީ މިއިން ކޮންމެ ރަށެއްގައިވެސް އެ ވުޒާރާގެ ރޭންޖަރެއް ހުންނާނެއެވެ. އެހެންކަމުން މަސް ކިރަން ދޯނިދިއުމުގެ ކުރިން ރޭންޖަރަށް އެކަން އަންގާ މަޢުލޫމާތު ނެގޭނޭ އިންތިޒާމް ހަމަޖެއްސުމަށް ވިދާޅުވިއެވެ.
މި ޤަވާއިދުގައިވާ ގޮތުން މިފަދަ މަސްވެރިކަން ކުރާ ފަރާތްތަކަށް ކަނޑުގެ ސަރަޙައްދުގައި ކުރުން މަނާ މަސްވެރިކަމުގެ ބާވަތްތައް ކަމުގައި ކަނޑައަޅައިފައިވާ ބާވަތެއްގެ މަސްވެރިކަން ކުރުމަކީ މަނާކަމެކެވެ. އެގޮތުން ކަށިމިޔަރުގެ މަސްވެރިކަމުގައި ބާނާ މަހުގެ އެއްވެސް ބައެއް، ބަނދަރަށް ގެނައުމުގެ ކުރިން، އޭގެ ހަށިގަނޑުން ވަކިކުރުމަކީ މަނާކަމެކެވެ. އަދި ބަނދަރަށް ގެނައުމުގެ ކުރީގައި ޕްރޮސެސްކުރުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެކެވެ. އަދި ކަށިމިޔަރުގެ މަސްވެރިކަމުގައި ކަށިމިޔަރު ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ މިޔަރަކަށް އަމާޒުކޮށް މަސްވެރިކަންކުރުމަކީ މަނާކަމެއް ކަމަށްވެސް އުސޫލުގައިވެއެވެ.